ކުރީ ސަރުކާރުގެ ވެރިން މިނިވަންކަމާއެކު ތިބީ ސިޔާސީ ނުފޫޒު ނުފޯރުވާތީ: އިޙްސާން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ކުރީ ސަރުކާރުގެ ވެރިން މިނިވަންކަމާއެކު ތިބީ ސިޔާސީ ނުފޫޒު ނުފޯރުވާތީ: އިޙްސާން

ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވާކަމުގެ ތުހުމަތާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވަމުން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުގެ ވެރިން މިހާރު މިނިވަންކަމާއެކު ތިބީ އެމަނިކުފާނު ސިޔާސީ ނުފޫޒު ނުފޯރުވާތީ ކަމަށެވެ.

"އަޅުގަނޑު ސިޔާސީ ނުފޫޒު ފުލުހުންނަށް ފޯރުވާނަމަ މިދިޔަ ސަރުކާރުގެ ހުރިހާ ވެރިން ތިބޭނީ ޖަލުގައި، އަޅުގަނޑު ސިޔާސީ ނުފޫޒު ނުފޯރުވާތީ އެބޭބޭފުޅުން މިހާރުވެސް މިނިވަންކަމާއިއެކު ތިބީ" ވަޒީރު އިޙްސާން ވިދާޅުވިއެވެ. އަދި ފުލުހުންގެ ތަޙުޤީޤުތައް ކުރިއަށްދަނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށާއި، ސިޔާސީ ނުފޫޒު ފޯރުވުމުގެ ބޭނުމެއްވެސް ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ވަޒީރުގެ މައްޗަށް އެތައް ތުހުމަތުތަކެއް ކުރިއެވެ. އޭގެ ތެރޭގައި ޑީއެންއާރް ޑޭޓާބޭސް ބޭނުންކޮށްގެން އޮޅުވާލައިގެން ޕާޓީއަށް މެންބަރުން ވެއްދުމުގެ ތުހުމަތުވެސް ހިމެނެއެވެ. ނަމަވެސް މި މައްސަލައަށް ހައްލު ގެނެސްދިނީ މި ސަރުކާރުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މައްސަލައާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުން އެކަން ކުރެއްވީ ވުޒާރާގެ ތެރެއިން ނޫން ކަމަށެވެ.

މިއަދު ނެގުނު ވޯޓުގައި ވަޒީރުގެ އިތުބާރު ނެތްކަމަށް ވޯޓުދެއްވީ އިދިކޮޅު 11 މެންބަރުންނެވެ. އަދި ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީގެ 64 މެންބަރުން ވޯޓުދެއްވީ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްނުކުރުމަށެވެ.

މިއަދު އޮންލައިން