ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމަކަށް ސަރުކާރުން ޖާގައެއް ނުދޭނެ: ނައިބު ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމަކަށް ސަރުކާރުން ޖާގައެއް ނުދޭނެ: ނައިބު ރައީސް

ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމަކަށް ސަރުކާރުން ޖާގައެއް ނުދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރުގެ ދަށުން، ބިދޭސީންގެ މައްސަލައާއި، މަސްތުވާތަކެތީގެ މައްސަލަ އަދި އެހެނިހެން ގާނޫނާއި ގަވާއިދާ ހިލާފު ޢަމަލުތައް ހުއްޓުވުމަށް ޖުމްލަ ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

ނައިބު ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތްތައް ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ ބެއްލެވުމުގެ ދަށުން ކުރިއަށްދަނީ މީގެ ކުރިން ނުދެކޭ ބާރުމިނެއްގައި ކަމަށާއި، މި މަސައްކަތްތަކުގެ ކާމިޔާބީ ދިވެހި ރައްޔިތުންނަށް ފެންނަމުންދާ ކަމަށެވެ.

"މަދު ސިޔާސީ ބަޔަކު އިސްވެތިބެ ވަޒީރު ޢަލީ އިޙްސާންގެ އިތުބާރު ނެތްކަމަށް ދެއްކުމަށް މަސައްކަތްކުރަނީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރަށް ހުރަސްއަޅައި، ގައުމުގެ ހަމަޖެހުން ނަގާލުމަށް،" ނައިބު ރައީސް ވިދާޅުވިއެވެ.

އަދި ނައިބު ރައީސް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ވަރަށް ސާފުކޮށް ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ގާނޫނާ ހިލާފު، ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމަކަށް ޖާގަދޭނެ ސަރުކާރެއް ނޫން ކަމަށެވެ.

މިއަދު އޮންލައިން