ޝައިޚް އަބޫބަކުރު ޒައުދުގެ ޚާއްޞަ އިލްތިމާސެއް!: ސުވަރުގެ ޔަޤީންކުރަން އެދޭމީހާ ކޮންމެ ޙާލެއްގައިވެސް ވީހާ ގިނައިން ސުންނަތް ނަމާދުތައްކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޝައިޚް އަބޫބަކުރު ޒައުދުގެ ޚާއްޞަ އިލްތިމާސެއް!: ސުވަރުގެ ޔަޤީންކުރަން އެދޭމީހާ ކޮންމެ ޙާލެއްގައިވެސް ވީހާ ގިނައިން ސުންނަތް ނަމާދުތައްކުރާށެވެ!

މީސްތަކުންގެ ކަންނެތްކަން އިތުރުވެފައިވާ މިންވަރުން ފަރުޟު ނަމާދުކުރާ ގިނަ ބައަކުވެސް ސުންނަތް ނަމާދުނުކޮށް ދޫކޮށްލައެވެ. ނުވަތަ އެކަމަށް ފަރުވާ ކުޑަކޮށްލައި ފަރުޟު ނަމާދު ނިމުމާއިއެކު އަވަސްއަވަހަށް މިސްކިތުން ފައިބައިގެންދެއެވެ.

އެފަދަ މީހުން އެނަގާލަނީ އެމީހުންނަށް ލިބޭ އެންމެ އަގުހުރި ފުރުޞަތުކަމުގައިވެދާނެއެވެ. ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަންނަން ލިބޭ ފުރުޞަތު ކަމަށްވެދާނެއެވެ. އެހެނީ ޤިޔާމަތް ދުވަހު ހިސާބު ބައްލަވާއިރު ފުރަތަމަ ބައްލަވައިވޮޑިގަންނަވާނީ ފަރުޟުނަމާދުގެއެވެ.

ފަރުޟުނަމާދުތައް ކުރި ނަމަވެސް ރައްކައުތެރިވެ ސަމާލުކަންދޭންޖެހޭ މިންވަރަށް ސަމާލުކަން ނުދެވުމުން ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ ނަމާދުތަކެއް ހުންނާނެއެވެ. އެހިނދު އެބައި އެމީހަކު ކޮށްފައިވާ ސުންނަތް ނަމާދުތަކުން ހަމަކުރެވޭވަރުވޭތޯ ބެއްލެވުމަށް މަލާއިކަތުންނަށް ވަޙީކުރައްވަވާނެތެވެ.

މި ބުނަނީ އެޙާލަތުގެ ވާހަކައެވެ. ފަރުޟު ނަމާދުން އުނިވިބައި ފޫބައްދަން ސުންނަތް ނަމާދުތަކުގެ ފައިދާކުރާނެ ވަގުތުގެ ވާހަކައެވެ. އެވަގުތު ތިބާ ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަދެވުމުގެ ހަމައެކަނި ފުރުޞަތު ލިބިގެންދަނީ ކުރެވިފައި އޮންނަ ސުންނަތް ނަމާދެއް ކަމުގައިވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.

ނިކަން ބުނެބަލާށެވެ! އެފަދަ ޙާލުގައި މީހާ ހުންނައިރު އެމީހާ ނަރަކައިން ސަލާމަތްކޮށްދޭނެ މެދުވެރިއަކީ ކުރެވިފައިވާ ސުންނަތް ނަމާދުތައް ނޫންހެއްޔެވެ؟ ވީއިރު މިއަދު ތިއަގޮތަށް ފަރުވާކުޑަކޮށްލައި ސުންނަތް ނަމާދުނުކޮށް މިސްކިތުން ފައިބައިގެންދާން ހެޔޮވެދަނެހެއްޔެވެ؟ މިހިރީ ކުދުކުދި އާދައިގެ ކަންކަމެއް ނޫނެވެ. ނަރަކައިން ސަލާމަތްވުމާއި ނުވެވުމުގެ މައްސަލައެވެ. މިއަށްވުރެ ބޮޑު އެއްވެސް މައްސަލައެއް އެއްވެސް މީހަކަށް ކުރިމަތިވާނެ ހެއްޔެވެ؟

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން