ގޮހޮރުގެ ބަލިތަކަށް ފަރުވާކުޑަކުރުމަކީ ގޮހޮރުގެ ކެންސަރު ޖެހެން މެދުވެރިވާ މައިގަނޑު ސަބަބުކަމަށް ބެލެވޭ! ސަމާލުކަން ދިނުން މުހިންމު ކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ގޮހޮރުގެ ބަލިތަކަށް ފަރުވާކުޑަކުރުމަކީ ގޮހޮރުގެ ކެންސަރު ޖެހެން މެދުވެރިވާ މައިގަނޑު ސަބަބުކަމަށް ބެލެވޭ! ސަމާލުކަން ދިނުން މުހިންމު ކަންކަން!

މީހުންނަށް ޢާންމުގޮތެއްގައި އެންމެ ބޮޑަށް ފަރުވާކުޑަކުރެވޭ އެއްކަމަކީ ގޮހޮރުގެ ބަލިތަކަށް ފަރުވާކުޑަކުރެވުމެވެ. ކިރިޔާވެސް އުޅެލެވޭނަމަ އެއީ މާބޮޑު މައްސަލައެއް ކަމަށް ނުބެލެވޭ ކަމެވެ. 

އެއިގެ ތެރޭގައި ބޮޑުކަމު ދިއުމަށް އަންނަ ބަދަލުތަކަށް ސަމާލުކަން ނުދެވުންވެސް ހިމެނެއެވެ. ވައިލެވުމަށް އަންނަ ބަދަލުތަކަށް ފަރުވާކުޑަކުރެވުންވެސް ހިމެނެއެވެ. ދިވެހިން ޢާންމުކޮށް މިކިޔާ މޭއެންދުން ނުވަތަ މެއިން ދިލަނެގުންވެސް ހިމެނެއެވެ. މިބާވަތުގެ ކަންކަން ކުރިމަތިވާ މައިގަނޑު އެއްސަބަބަކީ ގޮހޮރުގެ ކޮންމެވެސް މައްސަލައެއް ކަމަށްވުމަކީ ވަރަށް ގާތް ކަމެކެވެ. 

ހަމަ އެއާއިއެކު ގޮހޮރުގެ މައްސަލަތައް ދެނެގަތުމަށް ހަދަންޖެހޭ ބައެއް ޓެސްޓްތައް ހަދަންޖެހެނީ އެތެރެއަށް ޑީވައިސެއް ލައްވައިގެންނެވެ. އެއީ ކޮންމެވެސް މިންވަރަކަށް ތަދުވާ ކަމެކެވެ. އުނދަގޫތައްވެސް މެދުވެރިވާ ކަމެކެވެ. އެހެންވެ ބައެއް މީހުން ބިރުންޓެސްޓްތައް ނުހަދައި ތިބެއެވެ. 

ގޮހޮރުގައި ފާރުކޮޅެއް ހެދިއްޖެނަމަ އެކަން އެކްސްރޭއަކުން ނުވަތަ ސްކޭނަކުން ނުފެނިދާނެއެވެ. ކެމެރާ ލައްވައިގެން ބަލަންޖެހެނީ އެހެންވެގެންނެވެ. އެކަން ކުރަން ފަރުވާ ކުޑަކޮށްލައި ގިނަދުވަސްވަންދެން ނުބަލައި ހުރުމުން ކެންސަރަށް ބަދަލުވެއެވެ. ވީމާ ޑޮކްޓަރުން ހަދަން ބޭނުންވާ ޓެސްޓްތައް ހަދަންވާނެއެވެ. 

ގޮހޮރުގެ ކޮންމެވެސް ހިސާބެއްގައި ތަންކޮޅެއް ދުޅަވެސްވެދާނެއެވެ. ފުރަތަމަ ކޮޅުގައި ފަރުވާ ހޯދިއްޖެނަމަ އެއީ މާބޮޑުކަމަކަށްނުވެ ފަސޭހަވެއެވެ. ނަމަވެސް ގިނަ ދުވަސްވެއްޖެނަމަ ކެންސަރަށް ބަދަލުވުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ.  

ވިސްނަންވީ ޓެސްޓް ކުރާއިރު އަޅައިފާނެ ވޭނަކަށް ނޫނެވެ. ކެންސަރު ފަދަ ބޮޑު ބައްޔަކަށް ބަދަލުވެއްޖެނަމަ ދެން އަޅާނެ ވޭނާއި ކުރިމަތިވާ ނުރައްކާތައް މާބޮޑުވެގެންދާނެ ކަމަށެވެ. ވީމާ މިއީ އެންމެންވެސް ހޭލުންތެރިވާންޖެހޭނެ ކަންކްމެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު  

މިއަދު އޮންލައިން