ﷲ ތިމާއަށް ދެއްވެވި ރީތިކަމާ ހަށިގަނޑު އެންމެ ބޮޑެތި ފާފަކުރަން ވިއްކާ އަންހެނުންނާ ގަންނަން ﷲ ދެއްވެވި ތަނަވަސްކަން ހޭދަކުރާ ފިރިހެނުން ދެންވެސް ބިރުވެތިވެބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
ﷲ ތިމާއަށް ދެއްވެވި ރީތިކަމާ ހަށިގަނޑު އެންމެ ބޮޑެތި ފާފަކުރަން ވިއްކާ އަންހެނުންނާ ގަންނަން ﷲ ދެއްވެވި ތަނަވަސްކަން ހޭދަކުރާ ފިރިހެނުން ދެންވެސް ބިރުވެތިވެބަލަ!

ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތައް ވަރަށް ގިނައެވެ. އެއިގެ ތެރޭގައި ތަނަވަސްކަމާއި ޤަދަރާއި ބާރުވެރިކަމާއި އަދިރީތިކަންވެސް ހިމެނެއެވެ. މިފަދަ ނިޢްމަތްތައް މިންވަރުކުރެއްވެވުމުން އެކަންކަމަކީ ތިމާއަށް ކުރިމަތިވި މުޞީބާތަކަށް ގިނަބައަކު ހަދަނީ އަމިއްލައަށެވެ. ނަތީޖާއެއްގެ ގޮތުން އެކަންކަން ބަދަލުވެގެންދަނީ އެމީހުންނަށް ލިބޭ ބޮޑު އަނިޔާއަކަށެވެ.  

ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތަކަކީ މުޞީބާތްތަކަށް އަމިއްލައަށް ބަދަލުކުރާކަމަށް ބުނުމުން އެއީ ކާކު؟ ކިހިނެއް؟ ކުރާނެ ކަމެއްތޯ ހިތުގައި ސުވާލު އުފެދިދާނެއެވެ. އެހެންވެ އެކަން މެދުވެރިވާގޮތް ވެސް މިބުނެދެނީއެވެ.  

ނިޢްމަތްތައް ދެއްވެވުވުމުން އެމީހުން ﷲ ތައާލާގެ މަތިން ހަނދާންނައްތައިލަނީއެވެ. ޝުކުރުވެރިވުމުގެ ބަދަލުގައި މަގުފުރެދިގެންދަނީ ﷲ ހުއްދަކުރައްވަވާފައިނުވާ ގޮތަށް، އެކަލާނގެ ނަހީކުރައްވަވާފައިވާ މަގުން ކަންކަންކުރަން ފަށަނީއެވެ.  

މިސާލަކަށް ރީތިކަން ދެއްވެވީމާ އެރީތިކަމުގެ ބޭނުންހިފައި ހިތްއެދޭހައި މީހަކށާއިއެކު ފާހިޝް ޢަމަލުތައް ކުރަން ފަށަނީއެވެ. އެކަމުގައި ވިޔަފާރިކޮށް ފައިސާހޯދަންފަށަނީއެވެ. އެޢަމަލަށް ހަށިވިއްކުންވެސް ކިޔައެވެ.  

ހަށިވިއްކާ ކޮންމެ އަންހެނަކީ ނާސިގެއެއްގައި އޮންނަ އަންހެނަކަށްވާކަށް ނުޖެހެއެވެ. ކިތަންމެ ރީތި، ޗާލު ލައިފްސްޓައިލެއް ދައްކަމުންވެސް ﷲ ތަޢާލާ ހުއްދަކުރައްވަވާފައިނުވާ ނުބައި ޢަމަލުތައް (ފާހިޝް ޢަމަލުތައް) ކޮށްގެން ފައިސާ ހޯދާނަމަ އޭނާވާނީ ހަމަ ހަށިވިއްކާ އަންހެނަކަށެވެ. ވަޒީފާގައި އުޅެމުން ތަނުގެ ވެރިންނާއިއެކު ފާހިޝް ޢަމަލުތައް ކުރާނަމަ އޭނާވެސް ވާނީ ހަމަ ހަށިވިއްކާ އަންހެނަކަށެވެ. އަދި ކީއްހެއްޔެވެ؟ ވަޒީފާއެއްގެ ބޭނުމުގައި ނުވަތަ މަޤާމުމަތިކޮށްލަން އެފަދަ ކަމެއް ކުރިނަމަވެސް އެއީވެސް ހަމަ ހަށިވިއްކުމެވެ.  

ވިސްނައިލާށެވެ! ކޮންމެ މަޤްޞަދެއްގައިނަމަވެސް އެކަމަކުން ތިމާއަށް ފައިދާކުރާނެ ގޮތަށް ވިއްކައިމިލެވެނީ ތިމާގެ ހަށިގަނޑު ނޫންހެއްޔެވެ؟ ރީތިކަން ދެއްވެވުމުން ހަށިވިއްކުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ. ނަތީޖާއަކަށް ޝައިޠޯނާގެ ބަހަށް ހެއްލި ދެދުނިޔެވެސް ނަގައިލެވުމެވެ.  

ވަކިހިސާބަކުން ކޮންމެވެސް ބައްޔެއްޖެހި ސިފަ ހުތުރުވެގެންހިނގައިދާނެއެވެ. ކޮންމެވެސް ބޮޑު ބައްޔެއްގައި އުޅެން ޖެހިގެން އަބަދު ބަލިވެ އުޅެންޖެހިދާނެއެވެ. މިފަދަ އެތައް ގޮތަކުން ހީވެސް ނުކުރެވޭފަދަ ބޮޑެތި ތަކްލީފްތައް ޖެހެން ފަށައިފާނެއެވެ.  

ލޮބުވެތި އުޚުތުންނޭވެ! ރީތިކަން ﷲ ތަޢާލާ މިންވަރުކުރައްވަވަނީވެސް އިމްތިޙާނުކުރެއްވެވުމަށެވެ. ރީތިކަން ދެއްވެވުމުން ތިބާކުރާ ޢަމަލުތަކަށް އެކަލާނގެ ޣާފިލުވެވޮޑިގެނެއް ނުވެއެވެ. ނުހިއްޕަވައި ވަޤުތު ދެއްވަވަނީ އެމީހަކު ކުރާ ޢަމަލުތައް އެނގޮވޮޑިނުގަންނަވާތީއެވެ ނޫނެވެ. ވިސްނި ތައުބާވޭތޯ ފުރުޞަތު ދެއްވަވަނީއެވެ.  

އެގޮތުން ބައެއް މީހުންނަށް ގިނަ އަހަރުތަކެއް ވަންދެންދެންވެސް ފުރުޞަތު ދެއްވަވައިފާނެއެވެ. އަނެއް ބައަކު ދާދި އަވަހަށްވެސް ހިއްޕަވަތެވެ. ހިއްޕަވާނީ ކޮންއިރަކު ކޮންވަޤުތަކު ކަމެއް އަހަރެމެން އެކަކަށްވެސް ނުއެނގޭނެއެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިފަދަ ކަންކަން އެއްގޮތަކަށްވެސް ނުކުރާށެވެ. ކުރެވޭނަމަ އަވަހަށް ތައުބާވާށެވެ! ﷲ ތަޢާލާ ނަހީކުރެއްވެވި މަގަކުން ހޯދާ މިލިއަން ފައިސާއަކަށްވުރެ ހުއްދަކުރެއްވެވި މަގުން ލިބޭ މަދު ފައިސާކޮޅުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ. އެއީ އެމަދު ފައިސާކޮޅުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާތީއެވެ.  

ހަމައެއާއިއެކު ބޮޑު ބައްޔެއް ޖައްސަވައިފިނަމަ ހޯދާފައި ހުރި ފައިސާތަކުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ އަބަދުވެސް އުޅެންޖެހޭނީ ވޭނެއްގައި ނޫންހެއްޔެވެ؟ އަވަހަށް ތައުބާވުމަށާއި ﷲ ތަޢާލާ ނަހީކުރެއްވެވި ޢަމަލެއް އެއްގޮތަކަށްވެސް ނުކުރަން މިހައި ބޮޑަށް ބާރުމިއަޅަނީ އެސަބަބުތަކަށްޓަކައެވެ. 

މިރޭގެ ދަރުސް ޚާއްޞަ މިކުރީ ކަނބަލުންނަށް ކަމަށްވާތީ މިދެއްކުނީ އިޞްލާޙްވާންޖެހިފައި ތިބި އަންހެނުންގެ ވާހަކައެވެ. ފިރިހެނުންނަށް ބުނެލަން އޮތީ ﷲ ތަޢާލާ ދެއްވެވި ތަނަވަސްކަން ބޭނުންކޮށްގެން ހަށިގަނެ ޒިނޭކުރަމުން ތިމާއަށް ރިޒުޤު އިތުރުކޮށް ދެއްވަވާތޯ ނުވަތަ ބަލިމަޑުކަން ނުވަތަ އެނޫންވެސް މުޞީބާތަކުން ސަލާމަތްކޮށްދެއްވެވުން އެދިގެން ދުޢާކުރަން ހަމަ ލަދުނުގަންނަނީ ހެއްޔެވެ؟ އިތުރަށް ވިސްނައިލާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން