މީހުންގެ ޢަމަލުތައް ބަދަލުވެއްޖެ! ދަތިޙާލެއްގަ ޖެހުނަސް ހިތްދަތިކަމެއް ކުރިމަތިވިޔަސް ފުރަތަމަ ތިބާއާ ވަކިވާނީވެސް ތިބާ އެމީހަކަށް އެންމެ ބޮޑަށް އެހީތެރިވެ ހެޔޮކޮށް ހިތި މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
މީހުންގެ ޢަމަލުތައް ބަދަލުވެއްޖެ! ދަތިޙާލެއްގަ ޖެހުނަސް ހިތްދަތިކަމެއް ކުރިމަތިވިޔަސް ފުރަތަމަ ތިބާއާ ވަކިވާނީވެސް ތިބާ އެމީހަކަށް އެންމެ ބޮޑަށް އެހީތެރިވެ ހެޔޮކޮށް ހިތި މީހުން!

ފުރަތަމަވެސް ދެ މިޘާލެއް ބުނެލާނަމެވެ. ތިބާގެ އެކުވެރިއަކު އެކަނިވެރިވެ މަގުމަތިވީއެވެ. އެކަމާއި ވީދެރައިން އަމިއްލަ ގެއަށް ގެނެސް ބަލަހައްޓައިދިނީއެވެ. އެވަރުންވެސް ތިބާއަށް އެފަދަ ޙާލެއްގައި ޖެހެން ޖެހިއްޖެނަމަ އެއެކުވެރިޔާ ތިބާއަށް އެހީތެރިވާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނުއޮންނާނެއެވެ. 

ހަމައެފަދައިން އެކުވެރިއަކަށް ދަތިޙާލެއްގައި އުޅެންޖެހުނީއެވެ. ތިބާ އޭނާއަށް ހަދިޔާގެ ގޮތުގައި ނުވަތަ ޞަދަޤާތުގެ ގޮތުގައިވެސް އެހީތެރިވިއެވެ. އަދި އޭނާ އެދުމުން ދަރަންޏަށްވެސް ދިނެވެ. އެކަމަކުވެސް ތިބާގެ ދީލަތިކަން ވަޒަން ނުކުރާތަނުގައި ގިނަވާނީ ތަނަވަސްކަން ލިބުނަސް ދަރަނިވެސް އަދާނުކުރާނެ މީހުންނެވެ. އެވާހަކަ ދައްކައި ދަރަނި އަދާކޮށްދޭން ބުނެފިނަމަ އަންނާނީ ރުޅިއެވެ. 

މިބުނީ މިއަދު ކަންކަން ހިނގަމުން އަންނަ ގޮތެވެ. 

އެހެން މީހުންނާއިމެދު ވީހާ ރަނގަޅަކަށް ކަންކަންކުރާ މީހުން ވަރަށް މަދުވާނެއެވެ. އެމަދު މީހުންކޮޅަށްވެސް އެންމެ ބޮޑު މައްސަލައަކަށްވަނީ އެހައި ރަނގަޅަށް ކަންކަން ކުރަމުން ގެންދާއިރުވެސް ދެރައެއް ލިބިއްޖެނަމަ ނުވަތަ ހިތްދަތިކަމެއް ލިބިއްޖެނަމަ އެހީތެރިނުވެ އެކަނިވެރިވާން ދޫކޮށްލާތީއެވެ. 

ކޮންމެ މީހަކުވެސް ބުނާނީ ތިމާއަށް ރަނގަޅަށް ކަންކަން ކުރާ މީހާ ނުވަތަ އެހީތެރިވާ މީހާ އެކަނިވެރިވާން ދޫކޮށްލައިގެން ނުވާނެ ކަމަށެވެ. އެހެން ބުނިނަމަވެސް ތިމާއަށް ޢަމަލުކުރަންޖެހޭ ދުވަހު ޢަމަލުކުރެވެނީ ވަރަށް މަދު މީހަކަށެވެ. މިއީ ޤަބޫލުކުރަންޖެހޭ ކަންކަމެވެ. 

ކޮންމެއަކަސް މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެކެވެ. ކޮންމެ މީހަކުވެސް އެންމެ ދެރަވާނެ އަދި ކަންބޮޑުވާނެ އެއްކަމަކީ ތިމާއަށް ނިކަމެތިކަމެއް ލިބުމުން ނުވަތަ ހިތްދަތިކަމެއް ލިބުމުން އެބައަކަށް ތިމާ އެހީތެރިވެދެމުން އައި މީހުން ތިމާ ބާކީކޮށްލުމެވެ. އަޅައިވެސް ނުލުމެވެ. 

މިމައްސަލައިގެ ޝަކުވާ ހިފައިގެން ކޮންމެ ދުވަހަކުހެން އެތައް ބައަކު އަހުރެންގެ ގާތަށް އައުދެއެވެ. އަހުރެން ބުނަމެވެ. "ތިއަކަން ތިއަހެން ކުރިމަތިނުވާނެ ގޮތެއް ނުހެދޭނެއެވެ. ހަމައެކަނި ކުރެވެން އޮތް ކަމަކީ ތިމާއަށް ދެރައެއް، ނިކަމެތިކަމެއް، ހިތާމައެއް ކުރިމަތިވާ ދުވަހު ތިމާއާއި އަޅައިލާނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށް އަމިއްލައަށް ޤަބޫލުކޮށްގެން ދިރިއުޅުމެވެ." 

މީހުންގެ ރުހުން ހޯދަން މަސައްކަތްކުރިޔަސް އެކަން އިންތަކެއްގައި ހިފަހައްޓާށެވެ! އެހީތެރިވިޔަސް އެކަންވެސް އިންތަކެއްގެ ތެރޭގައި ހިފަހައްޓާށެވެ! ފަހުން އެކަމަށް ހިތާމަކުރަން ނުޖެހޭނީ އެއިރުންނެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން