ކައިވެނިކުރަންވީ ތިމާ ޙާޞިލުކުރަްނ ބޭނުންވާ ދުނިޔަވީ އުފާތައް ޙާޞިލުކުރުމަކަށް ނޫނެވެ. ފާފަތަކުން ސަލާމަތްވެގެން ހުރުމަށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ސުވަރުގެ ވަންނަން ބޭނުންވާ މީހުންނަށް އެކަމަށް މަގުފަހިކޮށްދޭ ކަމަކަށްވާތީއެވެ.
ކައިވެނިކުރުމަށް ބަލާއިރު ކައިވެނީގެ ފުރަތަމަ ބޭނުމަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިވެ އަޅުކަންކުރުމެވެ. އިންސާނުންނާއި ޖިންނީން ދުނިޔޭގައި ލެއްވެވީ ހަމައެކަނި އެކަމަށެވެ. ވީމާ ﷲ ތަޢާލާ ދައްކަވާފައިވާ މަގުން ކައިވެނިކުރުމަކީވެސް އަޅުކަމެކެވެ.
ކައިވެންޏަކީ ހުރިހާ ގޮތަކުންވެސް މީހާއަށް ލިބިގެންދާ އައްޑަނައެވެ. ނަފްސް އެދޭ ނުބައިކަންކަން ނުކުރުމަށާއި ﷲ ތަޢާލާއަށް އަޅުކަންކުރުމަށް މަގުފަހިކުރުމަށެވެ. ހަމައެއާއިއެކު ﷲ ތަޢާލާއަށް ބިރުވެތިވާ ޖީލެއް އުފެއްދުމަށެވެ. އެހެނަސް މިބުނި މަޤްޞަދުތައް ކައިވެނީގެ ތެރެއިން ޙާޞިލުވެގެންދާނީ ﷲ ތަޢާލާއަށްޓަކައި ލޯބިވެގެން ދެމީހަކު ކައިވެނިކުރުމުންނެވެ.
ކައިވެންޏަކީ އަމާން އޮމާން ޢިތްފަތްތެރި އުފާވެރި ދިރިއުޅުމެއް އުޅުމަށްޓަކައި ކޮންމެހެން ބޭނުން ކަމެއްކަން އެއީ ޔަޤީންކަމެކެވެ. އެއްވެސް މީހަކު ދެބަސްވާނެ ކަމެއް ނޫނެވެ. ކައިވެންޏަކީ އޭގައި ޖިސްމާނީ އަދި ނަފްސާނީ އަދި ދީނީ ޝަރުޢީ މަސްލަހަތުތަކެއް އެކުލެވިގެންވާ ކަމެކެވެ. ޚާއްސަކޮށް މިފަދަ ފިތުނަ ވެރި ޒަމާނެއްގައި ތިބާގެ ޢިތްފަތް ރައްކާތެރި ކުރުމަށްޓަކައި ކައިވެނީގެ މުހިންމުކަން ބޮޑުވެއެވެ.
البخاري އާއި مسلم ދެބޭފުޅުން ރިވާކުރައްވާފައިވެއެވެ.
رسول الله صلى الله عليه و سلم ހަދީޘްކުރައްވާފައިވެއެވެ.
" يَا مَعْشَرَ الشَّبَابِ ، مَنْ اسْتَطَاعَ مِنْكُمْ الْبَاءَةَ فَلْيَتَزَوَّجْ ، وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ ، فَإِنَّهُ لَهُ وِجَاءٌ"
މާނައީ: "އޭ ޒުވާނުންނޭވެ! ތިއަބައިމީހުންކުރެ ކުޅަދާނަކަން ހުރި ކޮންމެ މީހަކު ކައިވެނި ކުރާށެވެ! އަދި ކުޅަދާނަވެގެން ނުވާ ނަމަ ރޯދަ ހިފާށެވެ! ފަހެ ހަމަކަށަވަރުން އެއީ އޭނާއަށްޓަކައި ވާ އައްޑަނައެކެވެ."
މިހަދީޘަކީ ކުޅަދާނަކަން ލިބިގެންވާ އެންމެނަށް ކައިވެނީގެ މުހިންމުކަމާއި މުސްތަހައްބު އަންގައިދޭ ހަދީޘެކެވެ. ކައިވެނި ނުކުރުމަށްޓަކައި މަގުބޫލު އުޛުރެއް އޮތް މީހަކު ނަމަ އަދި އިތްފަތްތެރިކަމާއި އެކުގައި ރައްކާތެރިކޮށް ހުރެވޭނެ ކަމުގެ އުންމީދު އޮތް ނަމަ ކައިވެނި ނުކޮށް ހުރުމަކީ ހުއްދަ ކަމެކެވެ. އެފަދަ މީހާއަށްޓަކައި ކައިވެނި ކުރުމަކީ ވާޖިބެއް ނޫނެވެ.
ނަމަވެސް ތިބާގެ އިތްފަތަށް ނުރައްކާތެރި ނަމަ، އަދި ރޯދަ ހިފުމާއި އެހެނިހެންވެސް ފިތުނައިގެ މަގުތަކުން ދުރުހެލި ނުވެވޭ މީހެއް ނަމަ ފިރިހެނެއް ވިޔަސް އަންހެނެއް ވިޔަސް އެމީހެއްގެ މައްޗަށް ކައިވެނިކުރުން ވާޖިބު ވާނެއެވެ. والله أعلم
- އިސްލާމީ ތިލަފަތުގެ ދަރުސަކުން