މިއަދު ގިނަ ބައެއްގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކައިވެނިކުރުމަށްފަހު ކުރިމަތިވާ މައްސަލަތަކެވެ. އެހެންކަމުން ކާމިޔާބު ކައިވެންޏަކަށްޓަކައި އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންތަކާއިމެދު ވިސްނާލުން ކީއްހެއްޔެވެ؟ ކައިވެނި ކާމިޔާބުވެ ބަރަކާތް ލެއްވެވުން އޮތީ މިކަންކަމަކަމަށް ސަމާލުކަން ދެވުނު ވަރަކުން ކަމަށްވާތީއެވެ.
الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:
ހިލޭ އަންހެން ކުދިންނާ ފިރިހެން ކުދިން ރައްޓެހިވެ ގައިގޯޅިވެ ތަންތަނުގައި އެކަހެރިވެ އުޅުމަކީ އިސްލާމްދީން ވަރަށް ބޮޑަށް މަނާ ކުރައްވާފައިވާ ކަމެކެވެ. އެއީ އެކަމުގެ ސަބަބުން އިސްލާމީ މުޖުތަމަޢުތައް ފަސާދަވެ ލަދުވެތިކަމާއި ، ޢިތްފަތްތެރިކަން ގެއްލިގޮސް މާތްﷲގެ ކޯފާއަށް އެތަނެއް ހުށައެޅިގެންދިޔުމުގެ ސަބަބަކަށް އެކަންވެގެން ދާތީއެވެ. މާތްﷲ އެކަލާނގެ އަޅުތަކުންގެ ޙާލު މޮޅަށް ދެނެވޮޑިގެންވާތީ ފިތުނަ އާއި ފަސާދައަށް އިންސާނާ ހިނގައިދާނެ ހުރިހާ ދޮރެއް ވަނީ ބަންދު ކުރަށްވާފައެވެ. ޒިނޭއާ ގާތް ނުވުމަށް ވަނީ އަމުރުކުރައްވާފައެވެ.
ފިރިހެނުންގެ ބެލުން ތިރިކުރުމަށް ފިރިހެނުންނަށް އަމުރުކުރެއްވިފަދައިން އަންހެނުންނަށްވެސް އެކަނބަލުންގެ ލޯތައް ތިރިކުރުމަށް ވަނީ އަމުރުކުރައްވާފައެވެ. އަދި އަންހެނުންގެ ޒީނަތްތެރިކަން ފާޅުނުކުރުމަށާއި، ހިލޭފިރިހެނުންނަށް އަޑު އިވޭ ހިސާބުގައި ތުއި އަޑުން ވާހަކަ ނުދެއްކުމަށާއި، އަންހެނުންގެ ފައިގެ ތަކަހޮޅީގެ އަޑު އިއްވުމަށްޓަކައި ބިމުގައި އެކަނބަލުންގެ ފައިން ނުޖެހުމަށް ވަނީ އަމުރު ކުރައަވާފައެވެ. އަދި ސަލާމާއި ޞަލަވާތް ލެއްވި މާތް ނަބިއްޔާ ވަނީ އަންހެނުން މަޙުރަމަކާ އެކުނޫނީ ދަތުރު ނުކުރުމަށާއި، ހިލޭ ފިރިހެނުންނާ އެކަހެރި ނުވުމަށާއި، ވަސްގަދަ އަތަރާއި ސެންޓު ޖަހައިގެން ފިރިހެނުންގެތެރެޔަށް ނިކުމެ ނޫޅުމަށް އަމުރުކުރަށްވާފައެވެ.
މިހުރިހާ ކަމެއްވެސް އަންގަވާފައިވަނީ މުސްލިމު އަންހެނާގެ ކަރާމަތާއި ޢިތްޒަތް ވެއްޔާމޮޑެވިގެން ދިޔަނުދިނުމަށްޓަކައެވެ. ކެހިވެރިންގެ އަނިޔާވެރި ވަކިތަކުން އަންހެނާ ޙިމާޔަތްކުރުމަށްޓަކައެވެ.
މީހަކާ އިނުމަށްޓަކައި ކުއްޖަކާ ގުޅޭނަމަވެސް އެކަން ހިނގަންވާނީ ދެކުދީންގެ މައިންބަފައިންގެ ބެލުމުގެދަށުންނެވެ. ވާހަކަ ދެކެވެން ޖެހޭނީ ބެލެނިވެރީންގެ ޙާޟިރުގައެވެ. މާތްﷲ ބަރަކާތް ލައްވަނީ އެކަލާނގެ ކަނޑައެޅުއްވި ޝަރުޢީ ހަމަތަކުގެމަތީން ގުޅޭ ދެމީހެއްގެ ޙަޔާތުގައެވެ.
ދެމީހުން ދަސްވުމުގެ ނަމުގައި ﷲ ކަނޑައެޅުއްވި އިންތައް ފަހަނައަޅައި ގޮސްފައިވާ ދެމީހަކު ކިތެންމެ ލޯތްބެއް އަނެކާދެކެ ވިޔަސް އެދެމީހެއްގެ ގުޅުމުގައި މާތް ﷲ ބަރަކާތް ނުލައްވައިފިނަމަ އެދެމީހެއްގެ ޙަޔާތަކީ ބާއްޖަވެރި ޙަޔާތަކަށް ނުވާނެއެވެ. މުޖުތަމަޢުގެ ޙާލަތަށް ބަލައިލުމުން މިކަން ވަރަށް ރަނގަޅަށް ސާފުވާނެއެވެ. މިހާރު ކުރެވޭ ކައިވެނިތަކަކީ މުޅިންހެން ރައްޓެހިވެގެން އުޅޭތާ އެތައް އަހަރެއް ވެފައިކުރެވޭ ކައިވެނިތަކެވެ. ނަމަވެސް މާގިނަދުވަހެއް ނުވެ ފެންނަނީ ވަކިވާތަނެވެ. ހަމަ ދެމީހުން ދަސްނުވަނީހެއްޔެވެ؟
ޒިނޭގެ މާނައަކީ ފިރިހެނެއްގެ ޒަކަރުން ފާޅުވާ ހިސާބު އަންހެނާގެ ފަރުޖުގެ ތެރެއަށް ވެއްދުމެވެ. އިސްލާމްދިނުގައި ޒިނޭ ޙަރާމް ކުރައްވިއިރު، އެކަމަށް މަގުފަހިކޮށްދޭނެ ހުރިހާ މަގުތަކެއްވަނީ ބަންދުކުރުމަށް އަންގަވާފައެވެ. އެއީ އަންހެން ކުދިންނަށް ބެލުންކަމުގައިވީނަމަވެސް، ވާހަކަދެއްކުންކަމުގައި ވީނަމަވެސް، އަދި މިނޫންވެސް ހުރިހާ މަގުތަކެއްވަނީ ބަންދުކުރުމަށް އަންގަވާފައެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.
(وَلاتَقْرَبُواالزِّنَىإِنَّهُكَانَفَاحِشَةًوَسَاءَسَبِيلاً)الإسراء:32.
މާނައީ: "އަދި، ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން އެއީ ހުތުރުކަން ބޮޑުވެގެންވާ އަދި މަގެއްގެ ގޮތުން ނުބައިވެގެންވާ ޢަމަލެކެވ."
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.: “إن الله كتب على ابن آدم حظه من الزنا ، أدرك ذلك لا محالة ، فزنا العين النظر ، وزنا اللسان النطق ، والنفس تمنَّى وتشتهي ، والفرْج يصدق ذلك كله ويكذبه “.
رواه البخاري ( 5889 ) ومسلم ( 2657 )
މާނައީ:" ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ކޮންމެ އާދަމުގެ ދަރިއަކަށްވެސް ޒިނޭއިން އޭނާއަށް މިންވަރެއް ލިޔުއްވާފައެވެ. އެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ފަހެ ލޮލުގެ ޒިނޭއަކީ ބެލުމެވެ. އަދި ދުލުގެ ޒިނޭއަކީ ވާހަކަ ދެއްކުމެވެ. އަދި ނަފްސު އެކަމަށް އެދި ދަހިވެތި ވެއެވެ. އަދި ލަދުވެތި ގުނަވަން އެކަން ތެދުކޮށް ދޮގުކުރެއެވެ."
އެހެންކަމުން މުސްލިމަކު ޒިނޭގެ އެއްވެސް ޢަމަލެއް ( އެއީ އަތުގެ ޒިނޭ، ލޮލުގެ ޒިނޭ، ފައިގެ ޒިނޭ އެއްކަމުގައިވިޔަސް ) ކުރުން އެއީ ހުއްދަކަމެއް ނޫނެވެ.
އަދިވެސް ﷲ ތަޢާލާ ސޫރަތުލް މަޢާރިޖުގައި މުއުމިނުންގެ ސިފަތައް ބަޔާން ކުރައްވައި ވަޙީކުރައްވާފައިވެއެވެ.
.وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ* إِلَّا عَلَى أَزْوَاجِهِمْ أَوْ مَامَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ* فَمَنِ ابْتَغَى وَرَاءَذَلِكَ فَأُولَئِكَ هُمُ الْعَادُونَ.
މާނައީ: "އެބައިމީހުންނީ އެބައިމީހުންގެ އަނބިންފިޔަވައި، ނުވަތަ އަޅުން ފިޔަވައި އެހެންމީހުންނަށް އެބައިމީހުންގެ ފަރުޖުތައް ރައްކާތެރިކުރާ މީހުންނެވެ. އަދި އެބައިމީހުންނީ މަލާމާތްލިބިގެންވާ މީހުންނެއް ނޫނެވެ. ފަހެ އޭގެ އިތުރަށް އެދިއްޖެއް މީހުންނަކީ ޙައްދުފަހަނަޅައި ދާމީހުންނެވެ". އެހެންކަމުން މިއާޔަތުންވެސް އަޅުގަޑުމެންނަށް އަންގައިދެނީ ތިމާގެ އަނބިންނާއި މިލްކުވެގެންވާ އަޅުން ފިޔަވައި އެހެންމީހުން ހުއްދަވެގެން ނުވާކަމެވެ. والله أعلم.
(މި ޖަވާބު ނަކަލުކުރެވިފައިމިވަނީ އެމް ވީ އިސްލާމް ކިޔޫ އޭ.ކޮމް އިންނެވެ).
ތައުބާވުމަށްޓަކައި ކުރިން ކުރެވުނު ކަންތައްމައްޗަށް ހިތާމަކޮށް، ދެންދުވަހަކުވެސް އެފަދަކަމަކަށް އަރައިނުގަތުމަށް ޢަޒުމްކޮށް، މާތް ﷲ ގެ ކިބައިން ފާފަފުއްސެވުން އެދި ދަންނަވާނީއެވެ. އަދި ހެޔޮކަންތައް ކުރުން ގިނަކުރާނީއެވެ. ޚާއްޞަ ގޮތެއްގައި ޞަދަގާތް ކުރުން ގިނަކުރާށެވެ. އެހެނީ ޞަދަގާތަކި ފެނުން އަލިފާން ނިވާލައި ފަދައިން ނުބައިކަންތައް ފޮހެލާ ކަމެކެވެ.والله أعلم.
(މިމޭރުމުން ޑރ. އިޔާމް ހާމަކުރައްވާފައިވަނީ ޒިނޭކުރުމަކީ ހަމަ އެކަނި ޖިމާޢުވުންކަމަށް ބައަކު ބުނާތީ އާއި ލޯބިވެރިޔާ އާއިއެކު (ކައިވެނިނުކޮށް) ގުޅުން ހިންގިއްޖެ ނަމަ ތައުބާވާނެ ގޮތަކާއިމެދު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.)
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް