ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވިދާނެ ކަންކަން-

ކިޔުމަށް ހޭދަވާނީ 10މ 35ސ
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވިދާނެ ކަންކަން-

ޢާއިޝަތު ރަފާޙް ޢަލީ

 

ރަމަޟާން މަހަކީ އެންމެ މާތް މައްސަރެވެ. ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަނުމަށް އެންމެ ގިނަ ފުރުޞަތުތައް ލިބި އެންމެ ބޮޑަށް ފަހިވެގެންދާ މައްސަރެވެ.   

ރަމަޟާން މަސް ބައްދަލުކުރަން އަޅުގަނޑުމެންނާ އެހާ ގިނަ ދުވަހެއް ނެތެވެ. ދެން މިއޮތީ އެންމެ 2،3 ދުވަހެވެ. އަޅުގަނޑުމެން ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރިއާލައި މަސައްކަތް ކުރަން ފަށަން ވާނެއެވެ. އެގޮތުން ކުރެވިދާނެ ބައެއް ޢަމަލުތައް މިލިޔުމުގައި ހިމަނާލާނަމެވެ. 

1. ދުޢާކުރުން

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވައިފައިވެއެވެ.  

وَهوَ شَهْرٌ أوَّلُهُ رحمةٌ، وأوسطُهُ مغفرةٌ، وآخرُهُ عتقٌ منَ النّارِ

އެއީ، އެމަހުގެ ކުރީކޮޅުގައި ރަޙްމަތް ، މެދުތެރޭގައި ފުއްސެވުން އަދި ފަހުކޮޅުގައި ނަރަކައިން މުއްތި ކުރެއްވުން އޮތް މަހެވެ.] 

ޞަޙާބީ ބޭކަލުންގެ ކިބައިން ފެންނަ ސިފަތަކުގެ ތެރެއިން ރޯދަ މަސް ޖެހެން ހައެއްކަ މަސްވުމުން އެބޭކަލުން މާތް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ކުރިޔަށް އޮތް ރޯދަމަސް އެބޭކަލުންނަށް މިންވަރުކޮށްދެއްވުމަށް އެދި ދުޢާ ކުރައްވައެވެ. އަދި ރޯދަމަސް ނިމުމުން އަނެއް ފަސްވަރަކަށް މަހު، އެރޯދަ މަހުގައި ހިފި ރޯދައާއި ކުޅަ އަޅުކަންތައް ޤަބޫލުކުރެއްވާތޯ މާތް ﷲ ގެ ޙަޟްރަތަށް ދުއްވާ ކުރައްވައެވެ. 

އެހެންކަމުން ޞަޙާބީ ބޭކަލުންގެ ޢަމަލުތަކުން ނަމޫނާ ލިބިގަނެ އަޅުގަނޑުމެން ވީހާވެސް ގިނަގިނައިން މާތް ﷲ ގެ ޙަޟްރަތަށް ދެއަތް އުފުލާ ދުޢާކުރަން ޖެހެއެވެ. 

2. ރަމަޟާން މަހާއި ބެހޭގޮތުން މަޢްލޫމާތު ހޯދުން: 

ރަމަޟާން މަސް ބައްދަލުވުމުގެ ކުރީން ރަމަޟާން މަހާއި ބެހޭގޮތުން މަޢްލޫމާތު ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި އެއީ ވަރަށް ދަރުމަ އާއި ޘަވާބު ހުރި ކަމެކެވެ. އެގޮތުން ރަމަޟާން މަހާއި ބެހޭގޮތުން ޢިލްމުވެރީން ލިޔުއްވާފައި ހުންނަ ލިޔުންތައް ކިޔުމާއި، ރަމަޟާން މަހާއި ގުޅޭގޮތުން އެބޭފުޅުން ދެއްވާ ދަރުސްތައް އަޑުއެހުން ފަދަ ކަންކަން ކުރެވިދާނެއެވެ. މިކަންކަމުގެ ސަބަބުން ދީނީ ޢިލްމު އިތުރަށް ޙާޞިލްވެގެންދާނެއެވެ. މީގެ އިތުރުން އަމިއްލައަށް އެފަދަ ޢިލްމު ޙާޞިލްކުރުމަށްފަހު ތިމާއަށް އެނގޭ މިންވަރަކުން ތިމާގެ އަނބިދަރިންނަށާއި ގާތްތިމާގހެ މީހުންނަށް އެ ޢިލްމު ފޯރުކޮށްދެވިގެން ދާނެއެވެ. އެކަމުގެ ސަބަބުންވެސް ޘަވާބު ލިބިގެންދާނެއެވެ. 1

3-ރަމަޟާން މަހަށް ޕްލޭނެއް ހެދުން: 

ރަމަޟާން މަހުގެ ދުވަސްތައް ހެޔޮގޮތުގައި ހޭދަކުރުމަށް ޕްލޭނެއް ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސަބަބަކީ ކަމެއް ކުރުމުގެ ކުރީން އެކަމުގެ ޕްލޭނެއް އޮތުމަކީ އެކަން ކުރުމަށް ވަރަށް ފަސޭހަވެގެންދާނެ ކަމެކެވެ. އެގޮތުން ރަމަޟާން މަސް ނިމޭއިރު މަދުވެގެން ކީރިތި ޤުރްއާން އެއްކޮށް ކިޔަވުމަށް ލިސްޓުގައި ލިޔެވިދާނެއެވެ. ދެވަނަ ކަމަކަށް ކޮންމެ ދުވަހަކު ތަރާވީޙް ނަމާދު ކުރުމަށް ލިޔެވިދާނެއެވެ. އަދި ރަމަޟާން މަހު ފަހު ދިހައެއްގައި ދަމު ނަމާދު ކުރުމަށް ލިޔެވިދާނެއެވެ. އެންމެ ރަނގަޅު ގޮތަކީ މަހުގެ ހުރިހާ ރޭތަކެއްގައިވެސް ދަމުނަމާދުކުރުމެވެ. 

ދެން ލިސްޓުގައި ރަމަޟާން މަހު ކުރަން ބޭނުންވާ ހުރިހާ ކަމަކާއި، އެކަން ޙާޞިލްކުރާނީ ކިހިނަކުންކަން ލިޔާށެވެ. 

ޙާޞިލްކުރަން ބޭނުންވާ ކަންކަމުގެ ތެރެއިން ލިސްޓުގައި ލިޔާ ކަންކަމަކީ ތިބާއަށް ޙާޞިލްކުރެވޭ ފެންވަރުގެ ކަންކަން ކަމުގައި ވާންވާނެއެވެ. މިކަންކަން ޙާޞިލްކުރުމަށް ޢަޒުމްކަޑައަޅައިގެން ހުންނަ ނަމަ މިކަންކަން ކުރުމަށް ވަރަށް ފަސޭހަވެގެން ދާނެއެވެ. 

4-ނުބައި އާދަތައް ދޫކޮއްލާ، އެކަންކަން ރަނގަޅު އާދަތަކަށް ބަދަލުކޮށްލުން:

ތިމާއަށް ކުރެވޭ ނުބައި ޢަމްލުތައް ނުވަތަ އަށަގަނެފައިވާ ނުބައި އާދަތައް މިހާރުން ފެށިގެން ހުއްޓާލެވޭތޯ ވަރަށް މަސައްކަތް ކުރަން ޖެހެއެވެ. ރަމަޟާން މަހު އެކަނި ރަނގަޅަށް އުޅުމުގެ ބަދަލުގައި، ރަމަޟާން މަސް ނިމިގެންވެސް ރަނގަޅު އާދަތައް ދެމެހެއްޓޭތޯ މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

މިސާލަކަށް މިހާރު ލަހުން ނިދާނަމަ، އަވަހަށް ނިދުމަށް މަސައްކަތް ކުރެވިދާނެއެވެ. އަދި ރަމަޟާން މަސް ނިމުމަށްފަހުގައިވެސް އަވަހަށް ނިދުމަށް މަސައްކަތް ކުރެވިގެން ދާނެއެވެ. 

ދެވަނަ ކަމަކަށް ފޭސްބުކް ނުވަތަ ސޯޝަލް މީޑިއާގައި ތިމާއަށް ފައިދާ ނުކުރާނެ ކަންކަން ކުރަން ގިނަ ވަގުތު ހޭދަކުރެވޭނަމަ އެކަން ހުއްޓާލުމަށްފަހު އެވަގުތު ޤުރްއާން ކިޔެވުމަށް ނުވަތަ ދީނީ ފޮތެއް ކިޔުމަށް ހުސްކުރެވިދާނެއެވެ.

ތިންވަނަ ކަމަކަށް ކޮފީ މާގިނައިން ބުއިމާއި ދުރުހެލިވުމާއި، ހަށިގަނޑަށް ފައިދާހުރި ރަނގަޅު ކާނާ ކެއުމަށް މަސައްކަތް ކުރަން ޖެހެއެވެ. ރަމަޟާން މަހު ޞިއްޙަތު ރަނގަޅުކުރުމަށްޓަކައި މިފަދަ ކަންކަމަށް ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ. 

މިކަންކަން ހުއްޓާލުމަކީ ވަރަށް ފަސޭހަ ކަންކަން ކަމަށް މީހުންނަށް ހީވެދާނެއެވެ. ނަމަވެސް މިކަންކަން ކުރުމަށް ގަދައަޅާ މަސައްކަތްކޮށް، ރަނގަޅު އިޚްލާޞްތެރި ނިޔަތަކާއި އެކީގައި، ﷲ ތަޢާލާއަށް ދުޢާކޮށް ދެން މިކަމުގައި މަސައްކަތް ކޮށްފިނަމަ ان شاء الله މި ނުބައި އާދަތައް ދޫކޮށްލުމަށް ވަރަށް ފަސޭހަވެގެންދާނެއެވެ.  

5-ޞަދަޤާތްދިނުން: 

ޞަދަޤާތްދިނުމަކީ ވަރަށް މާތް ޢަމަލެކެވެ. ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި މިކަން ބަޔާންކޮށްދެއްވާފައިވެއެވެ. 

ބަޤަރާ ސޫރަތުގެ 271 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

(( إِن تُبْدُوا الصَّدَقَاتِ فَنِعِمَّا هِيَ ۖ وَإِن تُخْفُوهَا وَتُؤْتُوهَا الْفُقَرَاءَ فَهُوَ خَيْرٌ لَّكُمْ ۚ وَيُكَفِّرُ عَنكُم مِّن سَيِّئَاتِكُمْ ۗ وَاللَّـهُ بِمَا تَعْمَلُونَ خَبِيرٌ))

މާނައީ: "ޞަދަޤާތް ތައް، ތިޔަބައިމީހުން ފާޅުގައި ދެނީނަމަ، ފަހެ، އެއީ ނުހަނު މޮޅުކަމެކެވެ. އަދި، ތިޔަބައިމީހުން ވަންހަނާކޮށް، އެ ޞަދަގާތްތައް ފަޤީރުންނަށް ދެނީނަމަ، ތިޔަބައިމީހުންނަށް އެކަމުގެ ހެޔޮކަން ބޮޑެވެ. އަދި އެއީ ތިޔަބައިމީހުންގެ ކުށްތަކުން ބައެއް އެކަލާނގެ ފުއްސަވާނެކަމެކެވެ. ﷲ އީ ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.

((وَالصَّدَقَةُ تُطْفِئُ الْخَطِيئَةَ كَمَا يُطْفِئُ الْمَاءُ النَّارَ))

މާނައީ: "އަދި ފެން ޖެހުމުން އަލިފާން ނިވޭ ފަދައިން، ޞަދަޤާތުގެ ސަބަބުން ކުށް ފާފަތައް ފުހެވިގެންދެއެވެ." 

ޞަދަޤާތް ދިނުމުގެ ސަބަބުން ނުބައިކަންކަމާއި މުޞީބާތްތަކުން ދުރުހެލިކޮށްދެއެވެ. ރަމަޟާން މަހަކީ ހެޔޮކަމުގެ މައްސަރެވެ. ރަމަޟާން މަހުގައި ގިނަ ގިނައިން އަޅުކަން ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި އިޚްލާޞްތެރިކަމާއެކު، ސިއްރިއްޔާތުގައި ޞަދަޤާތްކުރާ މީހާ ޤިޔާމަތްދުވަހު ޞަދަޤާތުގެ ދޮރުކޮޅުން އޭނާއަށް ގޮވާލެވޭނެއެވެ. 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.

((وَمَنْ كَانَ مِنْ أَهْلِ الصَّدَقَةِ دُعِيَ مِنْ بَابِ الصَّدَقَةِ))

މާނައީ: "އަދި ޞަދަޤާތުގެ އަހުލުވެރިންނަށް ގޮވާލެވޭނީ ޞަދަޤާތުގެ ދޮރުކޮޅުންނެވެ.

އެހެންކަމުން ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މިފަދަ ހެޔޮ ޢަމަލުތައް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ޞަދަޤާތް ކުރުމަކީ އެމީހަކަށް ލިބޭ މިންވަރަކުން ކިތަންމެ ކުޑަ އެއްޗެއް މީހަކަށް ޞަދަޤާތް ކުރިނަމަވެސް އެކަން އިޚްލާޞްތެރިކަމާއެކީގައި ކޮށްފިނަމަ ޘަވާބު ލިބިގެންދާނެ ކަމެކެވެ. 

6-ކޮންމެ ދުވަހަކު ކީރިތި ޤުރްއާން ކިޔެވުން: 

ޤުރުއާނުން އެންމެ ފުރަތަމަ މިންވަރެއް ބާވައިލެއްވުނީ ރަމަޟާން މަހެއްގެ ލައިލަތުލް ޤަދްރި ވިލޭރޭގައެވެ.

ﷲ ތަޢާލާ ޤަދްރު ސޫރަތުގެ 1 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

﴿إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ﴾

މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު އެ (ޤުރުއާން) ބާވައިލެއްވީ ލައިލަތުލް ޤަދްރި ވިލޭރޭގައެވެ.”

އަދިވެސް ބަޤަރާ ސޫރަތުގެ 185 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

﴿شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ﴾ 

މާނައީ: "ރަމަޟާންމަހަކީ، އެމަހެއްގައި ޤުރުއާން ބާވާލެއްވުން މައްސަރެވެ. އެޤުރުއާން ބާވާލެއްވުނީ މީސްތަކުންނަށްވާ ތެދުމަގެއްކަމުގައެވެ. އަދި ހިދާޔަތާއި ޙައްޤާއި ބާޠިލް ވަކިކޮށްދެނިވި ހެކިތަކެއްގެ ގޮތުގައެވެ." 

އަދިވެސް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. 

عَنْ أَبِى هُرَيْرَةَ أَنَّ رَسُولَ اللَّهِ -صلى الله عليه وسلمقَالَ: ((لاَ تَجْعَلُوا بُيُوتَكُمْ مَقَابِرَ إِنَّ الشَّيْطَانَ يَنْفِرُ مِنَ الْبَيْتِ الَّذِى تُقْرَأُ فِيهِ سُورَةُ الْبَقَرَةِ.))  رواه مسلم

އަބޫ ހުރައިރާ رضي الله عنه ވިދާޅިވިއެވެ. "ހަމަކަށަވަރުން ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. ‘ތިޔަބައިމީހުންގެ ގެތައް ގަބުރުސްތާނުތަކަށް ނަހަދާށެވެ. ހަމަކަށަވަރުން އެގެއެއްގައި ސޫރަތުލް ބަޤަރާކިޔެވޭ ގެއަކުން ޝައިތާނާ ފިލައެވެ."

އަޅުގަނޑުމެން އަބަދުވެސް ކީރިތި ޤުރްއާން ކިޔަވަން ޖެހެއެވެ. ނަމަވެސް ރަމަޟާން މަހުގައި ކީރިތި ޤުރްއާން ގިނަ ގިނައިން ކިޔެވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި މިކަން އާދަކުރެވޭނީ ރަމަޟާން މަހުގެ ކުރީންވެސް މިފަދަ އާދަތައް އަޅުގަނޑުމެންގެ ގައިގާ އަށަގަންނުވައިގެންނެވެ.

މިއަދު އޮންލައިން