ކޮންމެ ބައްޔެއްގައި ނަމަވެސް ގައިގަ ވޭންއަޅާނަމަ ދުޢާކުރުން ގިނަކުރި މީހެއްގެ ތަޖުރިބާ- ވަރަށް ކާމިޔާބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
ކޮންމެ ބައްޔެއްގައި ނަމަވެސް ގައިގަ ވޭންއަޅާނަމަ ދުޢާކުރުން ގިނަކުރި މީހެއްގެ ތަޖުރިބާ- ވަރަށް ކާމިޔާބު!

"އަހުރެންނަކީ ވަރަށް ގިނަ ތަކްލީފްތައް އުފުލަން ޖެހުނު މީހެކެވެ. ވޭން އަޅާ ބަލިތަކުގައިވެސް އުޅެން ޖެހުނެވެ. އަހުރެން ކުރާ ކަމަކީ ވޭން އަޅާއިރަށް ދުޢާކުރާނީއެވެ. މާދިގު ދުޢާއެއްވެސް ނޫނެވެ. "ޔާ ﷲ! މިއަޅާއަށް ޝިފާ ދެއްވަވާނެދޭވެ!" މިވަރަށެވެ. ނޫންނަމަ "ޔާ ﷲ! މިއަޅާއަށް ފާފަފުއްސަވާނދޭވެ!" މިފަދައިންނެވެ. 

ނަތީޖާވެސް ބުނެލާނަމެވެ. ކޮންމެ ބައްޔަކުން ވަރަށް ލުއިފަސޭހަމަގަކުން ޝިފާ ލިބެއެވެ. މީގެ މާނައަކީ ބޭސްފަރުވާ ނުކުރުމެއް ނޫނެވެ. ބޭސްފަރުވާ ކުރަމެވެ. ދުޢާކުރަނީ ޝިފާ ހޯދަން މަސައްކަތްކުރަމުންނެވެ." 

މިއަދުނޫހުގެ އަހުލުވެރިއެއްގެ މިބަސްފުޅާއިއެކު މިގެނެސްދެނީ ދުޢާކުރުމުގެ މަތިވެރިކަން އެނގެންދާ ލިޔުމެކެވެ. 

ކޮންމެ ކަމަކަށްވެސް މައިބަދައެއް ވެއެވެ. އެގޮތުން ޙަދީޘްފުޅުގައި އޮތީ އަޅުކަމުގެ މައިބަދައަކީ ދުޢާކުރުން ކަމަށެވެ. ބައެއް މީހުން އެކަން "ސިކުނޑި" ކަމަށްވެސް ބުނެފާނެއެވެ. ނަމަވެސް އަޞްލުމާނައަކީ މައިބަދައެވެ. 

އިޚްލާޞްތެރިކަމާއިއެކު ދުޢާކުރުމަށްވުރެ މަތިވެރި އަޅުކަމެއް ނެތެވެ. އެހެނީ ދުޢާކުރާ މީހާ އެހާމަކުރަނީ އޭނާގެ ހުރި ނިކަމެތިކަމެވެ. ކޮންމެ ކަމެއްވެސް ފުދުން ނުވަތަ ޙާޞިލުވުން ވަނީ ﷲ ތަޢާލާ އެކަމެއް ހިންމަވައިދެއްވެވުމުންކަން ހިތުގެ އަޑިން ޤަބޫލުކުރާކަމެވެ. 

ކޮންމެ ކަމެއް ޖެހުނު ނަމަވެސް ﷲ ތަޢާލާއަށް ދުޢާކުރުމަކީ އީމާންކަމުގެ އެންމެ މަތިވެރިޖައިގެ ތެރެއިން ހިމެނޭ ކަމެކެވެ. ހަމަ އެއާއިއެކު ދެން އެހެން ގޮތްެއް ނެތި ގޮތް ހުސްވުމުން ދުޢާކުރުމަކީ މުނާފިޤުންގެ ސިފައެކެވެ. 

ﷲ ތައާލާ މީސްތަކުންގެ މައްޗަށް ރަޙުމް ކުރައްވަވައި ދީލަތިވެވޮޑިގަންނަވާ މިންވަރު ނިކަން ދެކިބަލާށެވެ! ތިމާގެ އަމިއްލަ އެދުންތައް ޙާޞިލުކުރަން ބޭނުންވެގެން އެކަލާނގެއަށް ދުޢާކުރުންވެސް ލައްވަވާފައިވަނީ ނުހަނު މަތިވެރި އަޅުކަމެއްގެ ގޮތުގައެވެ. އަދި އެ އަޅުކަމުގެ މަތިވެރިކަން ނިކަން ދެކިބަލާށެވެ! 

ﷲ ތައާލާ ވަޙީކުރައްވަވާފައިވަނީ ތިއަބައި މީހުން ދުޢާކުރާށެވެ! ތިމަން ﷲ ޢިޖާބަކުރައްވަވާހުށީމެވެ. މީގެ އިތުރުން ޤުދްސިއްޔަ ޙަދީޘްފުޅަކުން އެނެގެން އޮތީ ދުނިޔެ ފެށުނީންސުރެ އުފަންވާނެ އެންމެންނާއި (މުސްލިމުންނާއި ކާފިރުން ވެސް ހިމެނޭ ގޮތުން) ހުރިހާ ޖިންނީން އެއްތަނަކަށް އެއްވެ އެމީހަކު ބޭނުންވާ ކަމަކަށް އެދި ދުޢާކުރުމުން އެ އެންމެންގެ ހުރިހާ ބޭނުންތައް ތިމަން ﷲ އެއްފަހަރާ ފުއްދަވައި ދެއްވެވި ނަމަވެސް ތިމަން ﷲ ގެ ޚަޒާނާއިން ތިނީހެއް ކަނޑަށް ބާނާފައި ނެގުމުން މަދުވާނެ މިންވަރުވެސް މަދުނުވާނެ ކަމެވެ. 

މީސްތަކުންނޭވެ! އެމީހަކަށް ކޮޑަ، ބޮޑު ކިތަންމެ ބޮޑު ކަމެއްގައިވެސް ﷲ ތައާލާއަށް ދުޢާކުރުމަކީ އެމީހަކީ ފުރިހަމައަށް އީމާންވެގެން ހުރި މުސްލިމެއްކަން އަންގައިދޭނެ ކަމެކެވެ. 

ބޫޓުގެ ނާޑުވާ ކެނޑުނުކަމުގައިވީނަމަވެސް ދުޢާކުރަން ޢައިޝަތުގެފާނު ވިދާޅުވި ބަސްފުޅަށް ވިސްނާށެވެ. މާނައަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނެތި އެ ނާޑުވާވެސް އަހަރެމެންނަށް ގުޅުވައި ނުލެވޭނެ ކަމެވެ. ވީމާ ކުޑަވެގެން ބޮޑުވެގެން ދުޢާކުރަން ފަސްޖެހެންވީ އެއްވެސް އެއްވެސް ކަމެއް އޮވެގެން ނުވާނެއެވެ. ކޮންމެ ކަމެއްވެސް ޙާޞިލުކުރެވޭނީ ﷲ ތަޢާލާ އެކަމެއް ހިންމަވައިދެއްވެވުމުން ކަމުގައިވާތީއެވެ. 

ނިންމާލަމުން ބުނެލަމެވެ. ދުޢާކުރަން ވަކިބަހެއް ނެތެވެ. އަހަރެންވެސް ޤަބޫލުކުރަމެވެ. އެންމެ މަތިވެރިވެގެންވާ ދުޢާތައް ހުރީ ކީރިތި ޤުރްއާނުގައި އަދި ރަސޫލް ގެ ސުންނަތުގައެވެ. އެހެންކަމުން ތިމާ ދަންނަވަން ބޭނުން ކޮންމެ ކަމަކަށް ކީރިތި ޤުރްއާނާއި ސުންނަތުން ދުޢާއެއް ނުފެނިދާނެއެވެ. ވީމާ އެމީހަކަށް އެނގޭ ޢިބާރާތަކުން، އެމީހަކަށް ފަސޭހަ، އެމީހަކު ވާހަކަދައްކައި އުޅޭ ބަހަކުން ދުޢާކުރަމުން ގެންދާށެވެ! ﷲ ތަޢާލާ ހުރިހާ ބަހެއް އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި ހިތަށް އަރާ ކަންކަމާއި އެމީހާގެ ބޭނުންތައްވެސް ދެނެވޮޑިގެންވެއެވެ. 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

މިއަދު އޮންލައިން