ތިބާ ކުރި ނަމާދު ﷲ ޤަބޫލުފުޅު ނުކުރައްވަވާ ކަމަށް ޝައިޠޯނާ ބުނެފިނަމަ މިމަގުން ޖަވާބުދީ ޝައިޠޯނާ ދެރަކޮށް ނިކަމެތިކޮށްލާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ތިބާ ކުރި ނަމާދު ﷲ ޤަބޫލުފުޅު ނުކުރައްވަވާ ކަމަށް ޝައިޠޯނާ ބުނެފިނަމަ މިމަގުން ޖަވާބުދީ ޝައިޠޯނާ ދެރަކޮށް ނިކަމެތިކޮށްލާށެވެ!: މުފްތީ މެންކް

ޝައިޠޯނާއަށް އަހުރެމެންގެ މައްޗަށް ގަދަވެގަނެވެނީ އެކަމަށް އަހުރެމެން ފުރުޞަތުދޭތީއެވެ. މިހެން ބުނަން މިޖެހޭ އެއް ސަބަބަކީ ޝައިޠޯނާއަކީ އެންމެހައި މީސްތަކުންގެ މައްޗަށް ހުރި ބޮޑުވެގެންވާ ޢަދާވާތްތެރިކަމަށް ﷲ ތަޢާލާ ވަޙީކުރައްވަވާފައި ވަނިކޮށް އެކަން ޤަބޫލުނުކޮށް އޭތީގެ ބަހަށް ހެއްލެނީ ކޮންމެ މީހަކުވެސް އަމިއްލައަށެވެ.  

މީސްތަކުން ދެރަކޮށްލައި ﷲ ތަޢާލާގެ ރަޙްމަތާއިމެދު މާޔޫސްކޮށްލުވަން ޝައިޠޯނާ ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ވަރަށް ގިނައިން ކުރާ އެއްކަމަކީ ނަމާދުކޮށް ނިމޭތަނާ އައިސް ބުނާނެއެވެ. "ކަލޭ ތިއަކުރި ނަމާދު ﷲ ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ. މިވެނި އެވެނި ކުށްތައް ނަމާދުގައި ކުރިއެވެ."  

ޝައިޠޯނާ އެފަދައިން ވަސްވާސްދީފިނަމަ ދިމާއަށް ބުނާށެވެ! "އަހުރެން ނަމާދުކުރީ ދީލަތިވަންތަ ﷲ ތަޢާލާ އަށެވެ. އެކަލާނގެއީ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ."  

އަދިވެސް ބުނާށެވެ! "ﷲ ތަޢާލާ އަންގަވާފައިވަނީ އަހުރެންނަށް ކުރެވުނު އެންމެ ރަނގަޅަކަށް އަޅުކަންކުރުމަށެވެ. ﷲ ތަޢަލާ އަހުރެންގެ ކިބައިން އެއްވެސް ކަމަކަށް ބޭނުންފުޅުވެ ވޮޑިގެނެއް ނުވެއެވެ. އެކަލާނގެ ޙަޟްރަތުން ހުރިހާ ކަންކަމަކަށް ބޭނުންވެގެން މިއުޅެނީ އަހުރެންނެވެ. އަހުރެން ވުޟޫކުރީވެސް ނަމާދުކުރީވެސް އަހުރެންނަށް ކުރެވުނު އެންމެ ރަނގަޅަކަށެވެ."  

އަދިވެސް ބުނާށެވެ! "އަހުރެން ކުރި އަޅުކަމުގައި އުނިކަންތައްތަކެއް ހުއްޓަސް އެކަންކަން ޤަބޫލުފުޅު ކުރައްވަވައި ދީލަތިވަންތަ ﷲ ތަޢާލާ އަހުރެންކުރި އަޅުކަން ޤަބޫލުފުޅުކުރައްވަވާނެތެވެ. ބުނަންހެއްޔެވެ؟ އަހުރެންގެ މައްޗަށް ހުރި އެންމެ ބޮޑު އަނިޔާވެރިޔާ، ކަލޭ ތިއަދޭ ވަސްވާސްތައް އެއްވެސް މިންވަރަކަށް ބަލައިގަންނާކަށް ނެތީމެވެ." 

ބައެއް މީހުންނަށް ﷲ ތަޢާލާގެ ރަޙްމަތާއިމެދު މާޔޫސްވެވެއެވެ. އެއީ އެމީހާގެ މައްޗަށް ވެރިޮވެގަނެ ޝައިޠޯނާ ބާރު ހިންގަމުން ގެންދާތީއެވެ. އަވަހަށް ﷲ ތަޢާލާގެ ޙަޟްރަތަށް އެނބުރޭށެވެ. ކުރިމަތިލައި ދެއަތް އުފުލާލާފައި ދަންނަވައިލާށެވެ.  

"ޔާ ﷲ! އިނބަ ﷲ އީ ފާފަތައް ފުއްސަވައި ދެއްވަވާ ދީލަތިވަންތަ ރަސްކަލާނގެއެވެ. މިއަޅާއަށް ވިސްނޭ ނުބައިކަންކަމުން މިއަޅާ ސަލާމަތްކުރައްވަވައި ދެއްވަވާނދޭވެ! އިނބަ ﷲ ގެ ނިޢްމަތްތަކާއި މިއަޅާއަށް ރަޙްމަތަކާއިމެދު ހެޔޮ ގޮތުގައި ވިސްނުމުގެ ތައުފީޤް މިއަޅާއަށް ދެއްވަވާނދޭވެ!" އާމީން"

 

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން