މިވެނި ބޮޑު ދުވަހެއް އެވެނި ބޮޑު ދުވަހެއް ކިޔައި އަހަރުގެ ކޮންމެ ދުވަހަކީ ކިތަންމެ ބޮޑު ދުވަހެއްގެ ގޮތުގައި ފާހަގަކުރިޔަސް އެކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އަދި އެދުވަސްތަކަށް ތައްޔާރުވާން ކިތަންމެ ބޮޑު ޚަރަދެއް ކުރިނަމަވެސް ކިތަންމެ ފުރިހަމައަށް ތައްޔާރުވީނަމަވެސް އެކަމަކުންވެސް ކުރާނެ ފައިޑާއެއް ނެތެވެ.
ތައްޔާރުވާންޖެހޭ އެންމެ ބޮޑު ދުވަހުގެ ތަޞްވީރެއް ޤުރްއާނާއި ޙަދީޘްފުޅުތަކުން އެއޮތީ ފެންނާށެވެ! އެދުވަހާއިމެދު ޣާފިލުވެގެން ހުރެއްޖެ މީހަކަށް އެއީ ތިއަހީކުރާކަހަލަ އުފާވެރި ދުވަހަކަށް ނުވެދާނެއެވެ. އެއީ ބިރުވެރިކަމާއި ނާމާންކަމުން ފުރިގެންވާ އަދި އެދުވަސް 50000 އަހަރަށް ދެމިގެންދާނެ ދުވަހެވެ. އެދުވަހަކީ ޤިޔާމަތް ދުވަހެވެ.
މީސްތަކުންނޭވެ! އެދުވަސްވެގެންދާނީ މުޅި ތާރީޚުގައިވެސް އެންމެ ޚާއްޞަ ދުވަހެވެ. އެއަސްވުރެ ޚާއްޞަ ދުވަހެއް ނުއަންނާނެއެވެ. އެއް ބައަކަށް އެއީ އެންމެ ބިރުވެރި އަދި އެންމެ ހިތާމަވެރި ދުވަސްކަމުގައި ވެގެންދާނެއިރު އަނެއްބައަކަށް އެދުވަސްވާނީ އެންމެ އުފާވެރި ދުވަހަށެވެ.
އެދުވަހަކީ އެންމެ ބިރުވެރި އަދި އެންމެ ހިތާމަވެރި ދުވަހަށްވާނީ އެދުވަހާއިމެދު ޣާފިލުކަންމަތީގައި ދުނިޔޭގައި އުޅުނު މީހުންނަށެވެ. އެމީހުންނަށް ޚާއްޞަކުރެވިފައިވާ ނަރަކައަށް ވަންނަން ޖެހުމުންނެވެ. ހަމައެފަދައިން އެދުވަހަކީ އެންމެ އުފާވެރި ދުވަހަށްވެގެންދާނީ އެދުވަސް އަންނާނެކަމާއި އެދުވަހު ތިމާއަށް ކުރިމަތިވާނެ ކަންކަމަށް ދުނިޔޭގައި ހުރެ ހޭލުންތެރިވެ އެދުވަހަކީ ތިމާއަށް އެންމެ އުފާވެރި ދުވަސްކަމަށް ހަދަން މަސައްކަތްކުރި މީހުންނަށެވެ.
ވީމާ ﷲ ތަޢާލާ ދެއްވަވާދފައިވާ ބުއްދީގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާށެވެ! އެދުވަހަށް ތައްޔާރުވާން ގަދައަޅައި މަސައްކަތްކުރާށެވެ!
- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން