ފަތިސްނަމާދު ކުރުމުން ޙާޞިލުކުރެވޭނެ ފައިދާތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 10ސ
ފަތިސްނަމާދު ކުރުމުން ޙާޞިލުކުރެވޭނެ ފައިދާތައް-

ފަތިސްނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ޚާއްޞަކޮށް ޖަމާޢަތުގައި އަދާކުރުމަށް ރައްކާތެރިވުމަކީ ގުނައި އަދަދުވެސް ނުކުރެވޭހައި ގިނަގުނަ ދަރުމައާއި ޘަވާބު އެމީހަކަށް ﷲ ގެ ޙަޟްރަތުން ދެއްވާނެކަމެކެވެ. ކިރިތި ޤުރުއާނުގައި މާތް ﷲ ވަޙިކުރެއްވިއެވެ. 

(أَقِمِ الصَّلَوةَ لِدُلُوْكِ الشَّمْسِ إِلَى غَسَقِ الَّيْلِ وَقُرْءَانَ الفَجْرِ إِنَّ قُرْءَانَ الفَجْرِ كَانَ مَشْهُوْدَا ) (الإسراء 78)

މާނައީ، ” އިރުމެދުން ފިލުމުން ރޭގަނޑުގެ އަނދިރިކަން އަންނަ ވަގުތާއި ހަމައަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ. (އެބަހީ މެންދުރު ނަމާދާއި ޢަޞުރުނަމާދާއި މަޣުރިބްނަމާދާއި ޢިޝާނަމާދެވެ.) އަދި ފަތިސްނަމާދު ކުރައްވާށެވެ. ހަމަކަށަވަރުން ފަތިސްނަމާދަކީ (ރޭގަނޑު އިންސާނާ ބަލަހަށްޓަވާ މަލާއިކަތުންނާއި ދުވާލު އޭނާބަލަހަށްޓަވާ މަލާއިކަތް ބޭކަލުންގެ ފަރާތް ޕުޅުން) ހެކި ލިބިގެންވާ ނަމާދެކެވެ." 

މިއާޔަތުގައި ފަތިސްނަމާދަށް ނަންދެވިފައި އެވަނީ "ޤުރުއާނުލް ފަޖްރި" ގެ ނަމުންނެވެ. އެނަމުން ނަންދެވިފައިވަނީ އެހެނިހެން ނަމާދުތަކާއި ޚިލާފަށް ފަތިސްނަމާދުގައި ތަންކޮޅެއް ދިގުކޮށް ޤުރުއާން ކިޔެވުން މުސްތަޙައްބު ވެފައިވާތީއެވެ.  

މިއާޔަތުން އެނގޭ ގޮތުގައި ފަތިސް ނަމާދު ކުރާމީހާއަށް ﷲ ގެ ޙަޟްރަތުގައި އެކަލާނގެ މަލާއިކަތުން އޭނާ ފަތިސްނަމާދު ކުރާކަމަށް ހެކިވެ ވަޑައިގަންނަވާނެތެވެ. މިއަށްވުރެ ވަކި މަތިވެރި ފަޚްރަކާއި ޝަރަފް އިންސާނަކަށް ލިބޭނެތޯއެވެ؟ ކީރިތި ރަސޫލާގެ ނަބަވީ ބަސްފުޅަކުންވެސް މިކަން ސާބިތުވާން އެބައޮތެވެ. ﷲ ރުއްސުން ލެއްވި އަބޫހުރައިރަތުގެ ފާނުގެ ކިބައިން ރިވާވެގެންވެއެވެ.  

أن رسول الله صلى الله عليه وسلم قال : ” يَتَعَاقَبُوْنَ فِيْكُمْ مَلاَئِكَةٌ بِالَّيْلِ وَمَلاَئِكَةٌ بِاالنَّهَارِ وَيَجْتَمِعُوْنَ فِيْ صَلاَةِ الْفَجْرِ وَصَلاَةِ العَصْرِ ثُمَّ يَعْرُجُ الَّذِيْنَ بَاتُوا فِيْكُمْ فَيَسْأَلُهُمْ رَبُهُمْوَهُوَ أَعْلَمُ بِهِمْكَيْفَ تَرَكْتُمْ عِبَادِيْ؟ فَيَقُوْلُونَ : تَرَكْنَاهُمْ وَهُمْ يُصَلُّونَ وَأَتَيْنَاهُمْ وَهُمْ يُصَلُّونَ " 

މާނައީ:

ހަމަކަށަވަރުން ސަލާމާއި ޞަލަވާތްލެއްވި ﷲ ގެ ރަސޫލާ ޙަދީޘްކުރެއްވިއެވެ.

"ތިޔަބައިމީހުންގެ ތެރޭގައި އެއްބައެއްގެ ފަހަތުން އަނެއްބަޔަކު ބަދަލުވެވޭ ތިބޭގޮތުގައި ރޭގަނޑުގެވެސް މަލާއިކަތުން އަދި ދުވާލުގެ ވެސް މަލާއިކަތުން މާތް ﷲ ލައްވާފައިވެއެވެ. އެބޭކަލުން އެއްބަޔަކު އަނެއްބަޔަކާއި ބައްދަކުވަނީ ފަތިސްނަމާދާއި ޢަޞުރު ނަމާދުގައެވެ. ދެން ރޭގނަޑު ތިޔަބައި މީހުންގެ ގާތުގައި ތިއްބެވި މަލާއިކަތުން ﷲ ގެ ޙަޟްރަތަށް ވަޑައިގަންނަވާނެތެވެ. ދެން އެބޭކަލުންގެ ވެރިރަސްކަލާނގެ އެބޭކަލުންނާއި ސުވާލު ކުރައްވާނެތެވެ. (އެކަލާނގެއީ އެމީހުންގެ ހުރިހައިކަމެއް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.) ތިޔަބޭކަލުން ތިމަން ރަސްކަލާނގެ އަޅުތަކުންނާއި ވަކިވެވަޑައިގަތީ ކޮންފަދަ ޙާލެއްގައި އެމީހުން ވަނިކޮށް ހެއްޔެވެ؟ ފަހެ އެބޭކަލުން ދަންނަވާނެތެވެ. ތިމަން ބޭކަލުން އެމީހުންނާއި ވަކިވީ އެމީހުން ނަމާދު ކުރަން ތިއްބައެވެ. އަދި އެމީހުންގާތަށް އައީވެސް އެމީހުން ނަމާދު ކުރަން ތިއްބައެވެ." 

މާތް ރަސްކަލާނގެ ރުއްސުން ލެއްވި ޢުޘްމާނު ބިން ޢައްފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. 

سَمِعْتُ رَسُولَ الله صلى الله عليه وسلم يَقُولُ : مَنْ صَلَّى الْعِشَاءَ فِيْ جَمَاعَةٍِ فَكَأَنَّمَا قَامَ نِصْفَ اللَّيْلِ وَ مَنْ صَلَّى الصُبْحَ فِي جَمَاعَةٍ فَكَأَنَّمَا صَلَّى اللَّيْلَ كُلَّهُ 

މާނައީ "ސަލާމާއި ޞާލަވާތްލެއްވި ރަސޫލުﷲގެ ފާނު ޙަދީޘްކުރައްވަނިކޮށް ތިމަން ކަލޭގެފާނު އަޑުއެއްސެވީމެވެ. ޖަމާޢަތުގައި ޢިޝާނަމާދުކޮށްފިމީހާ ރޭގަނޑުން އެއްބައިގައި އަޅުކަންކުރިފަދައެވެ. އަދި ޖަމާޢަތުގައި ފަތިސްނަމާދު ކޮށްފިމީހާ މުޅި ރޭގަނޑު އަޅުކަން ކުރިފަދައެވެ." 

މާތްރަސްކަލާނގެ ރުއްސުންލެއްވި އަބޫހުރައިރަތުގެ ފާނު ކިބައިން ރިވާވެގެންވާ އެހެން ބަސްފުޅެއްގައި އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ 

قاَلَ النَّبِي صلى الله عليه وسلم: إِنَّ أَثْقَلَ صَلاَةٍ عَلَى المْنُاَفِقِيْنَ صَلاَةُ الْعِشَاءِ وَصَلاَةُ الْفَجْرِ وَلَوْ يَعْلَمُونَ مَا فِيْهِمَا َلأَتَوْهُمَا وَلَوْ حَبْوًا 

މާނައީ "ސަލާމާއި ޞަލާވާތްލެއްވި ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. މުނާފިގުންގެ މައްޗަށް އެންމެ ބުރަހެލިކަންބޮޑު އުނދަގޫ ނަމާދަކީ ޢިޝާނަމާދާއި ފަތިސްނަމާދެވެ. އެދެނަމާދުގައި އެކުލެވިފައިވާ ދަރުމައާއި ޘަވާބުގެ މަތިވެރިކަން އެބައިމީހުންނަށް އެނގޭނަމަ ފިރުކިފައިވެސް އެދެނަމާދަށް އެބައިމީހުން އައީހެވެ."

 

- އަހްމަދު ލަޠީފް

 

 

މިއަދު އޮންލައިން