އެސްޓީއޯގެ ބޯޑަށް އާންމު ހިއްސާދާރުން ތަމްސީލްކުރާނެ ޑިރެކްޓަރަކު ހޯދަން ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
އެސްޓީއޯގެ ބޯޑަށް އާންމު ހިއްސާދާރުން ތަމްސީލްކުރާނެ ޑިރެކްޓަރަކު ހޯދަން ހުޅުވާލައިފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލްކުރާނެ ޑިރެކްޓަރެއްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލައިފައެވެ.

މި މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން "ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް" ފުރިހަމަކުރުމަށްފަހު، 2025 ވަނަ އަހަރުގެ މާރިޗް މަހުގެ 21 ވާ ހުކުރު ދުވަހުގެ 16:00 ގެ ކުރިން ހުށަހެޅުމަށް އެސްޓީއޯއިން ވަނީ އަންގާފައެވެ.

އެސްޓީއޯގެ ހިންގާ ގަވާއިދުގައިވާ ގޮތުން، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނެނީ އާންމު ހިއްސާދާރުންގެ ފަރާތުން އެއް ޑިރެކްޓަރާއި، ސަރުކާރުގެ ފަރާތުން ހަ ޑިރެކްޓަރުންނެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތައް އިވެލުއޭޓްކޮށް، އިންޓަވިއުކުރުމަށްފަހު، އެކުލަވާލެވޭ ރިޕޯޓް ޑިރެކްޓަރުންގެ ބޯޑަށް ހުށަހެޅޭނެއެވެ.

ބޯޑުން ނިންމާ ގޮތެއްގެ މަތިން، ކުރިމަތިލާފައިވާ ފަރާތްތަކާ ބެހޭ މައުލޫމާތު ހިއްސާދާރުންނާ ހިއްސާކުރެވޭނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ. އަދި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރެއް ހޮވުމަށް ވޯޓު ނެގުން އޮންނާނީ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ކަމަށްވެސް އެސްޓީއޯއިން ބުނެފައިވެއެވެ.

މިއަދު އޮންލައިން