މާލޭގެ ޢިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް ރަމަޟާން މަސް ނިމުމުން ފަށައި، މިއަހަރު ނިމުމުގެ ކުރިން ނިންމާ ހުޅުވާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޢިއްޒުއްދީން ފާލަން އަލުން ފަރުމާކޮށް ތަރައްޤީކުރުމަށްފަހު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މަގުތައް ހެދުމުގެ މަޝްރޫޢުއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމްޓީސީސީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް އޮތް މަގުގެ ސަރަހައްދު، ޗައިނާއިން ކުރިއަށްގެންދާ މަގުހެދުމުގެ މަޝްރޫޢުގައި ނުހިމެނޭނެ ކަމަށެވެ. މި ސަރަހައްދު ތަރައްޤީ ކުރެވޭނީ ދައުލަތުގެ ބަޖެޓުން ކަމަށާއި، މި މަސައްކަތް ވަނީ އެމްޓީސީސީއާ ހަވާލުކުރުމަށް ނިންމާފައެވެ.
"ކޮޅަކަށް ދެ ލޭނު އޮންނަގޮތަށް މޫދުންވެސް ބައެއް ނަގައި ޝީޓުޕައިލްކުރެވި މަގު ފުޅާކުރެވި އަޑީގައި ހުންނަންޖެހޭ ހުރިހާ ނިޒާމެއް ހުންނަގޮތަށް ތަރައްޤީކުރެވި ތާރުއެޅި ރަނގަޅު ފެންވަރަކަށް މަގު ހެދުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ރަމަޟާންމަސް ނިމޭތަނުން ފެށި މިއަހަރު ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ ނިންމާ ހުޅުވާނަން،" ރައީސް ވިދާޅުވިއެވެ.
މާލެއާއި ވިލިމާލޭގެ އެހެން ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށޭނެ ކަމަށާއި، މިވަގުތު ކުރިއަށްދަނީ މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫޢަށް ބޭނުންވާ ހުރިހާ ފައިސާއެއް މިހާރު ވަނީ ހަމަޖެހިފައި ކަމަށާއި، ފީސިބިލިޓީ ސްޓަޑީ ނިމުމުން ވީއެންމެ އަވަހަކަށް މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށޭނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.