ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދެވޭނީ އެންމެ ތުއްތުއިރުންސުރެ އެކަމަށް ސަމާލުކަންދީގެންނެވެ. ދީނުގައިވާ މަގުން ޢަމަލުކުރުވައިގެންނެވެ. ބިންގާ ރަނގަޅު ނުކުރެވިއްޖެނަމަ ފަހުން ރަނގަޅެއް ނުކުރެވޭނެއެވެ.
ނަމަވެސް މިހާރަކަށް އައިސް ގިނަ ބެލެނިވެރިންނަށް ވިސްނެނީ ދަރިފުޅު ކުޑަވީމާ މިވެނި އެވެނި ކަމެއް ކުރިނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށެވެ. ކުޑަކުދިން ފާފަވެރިއެއް ނުވާނެއެވެ. ނަމަވެސް ދެވޭ ތަރުބިއްޔަތަކީ ރަނގަޅު ތަރުބިއްޔަތަކަށް ނުވެއްޖެނަމަ ދެން ކަންކަން ވަމުންދާ ގޮތް މިއަދު މިފެންނަނީއެވެ.
ވިސްނަވާލައްވާށެވެ!
އެންމެ ތުއްތު އިރުއްސުރެ ފެށިގެންވެސް ކުދިންނަށް ދޭން ޖެހޭނީ އިސްލާމީ ތަރްބިއްޔަތެވެ. އިސްލާމްދީނުގެ އަސާސްތަކާއި ފުށޫ އަރާފަދަ އެއްވެސް ކަމެއް އެކުދިންނަށް ދަސްކޮށްދެވިގެން ނުވާނެއެވެ.
ވީމާ، ދެޖިންސުގެ ކުދިން މަސްހުނި ކުރުވައިގެން ނައްޓުވާ ލަވަ ކިޔާ ހެއްދުމަކީ ރަގަޅު ކަމެއް ނޫނެވެ. އެފަދަ ކަންތައް އެހެން ނުކުރިނަމަވެސް އެކުދިންނަށް ދަސްކޮށްދޭން ޖެހޭ ހުނަރުތަކާއި ކަންތައްތައް ދަސްކޮށްދެވިދާނެއެވެ. އެކުގައި މަސައްކަތް ކުރުމާއި ވިސްނުން ތަރައްގީ ކުރުމަށް އަދި އެނޫންވެސް ކަންތައްތަކަށް އިސްލާމީ ގިއުގަނޑުގެ ތެރެއިން ކަންތައްތައް ރޭވުން އެއީ އެންމެ ކާމިޔާބު މޮޅު އިތުރު ގޮތެވެ. والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް