މާތްﷲ ރުއްސުންލެއްވި ޢުޤުބާ ބިން ޢާމިރު ގެ ކިބައިން ރިވާވެގެންވެއެވެ .ހަމަ ކަށަވަރުން ސަލާމާއި ޞަލަވާތް ލެއްވީ ކީރިތި ރަސޫލާ ޙަދީޡް ކުރެއްވިއެވެ
''(إِيَّاكُمْ وَالدُّخُولَ عَلَى النِّسَاءِ فَقَالَ رَجُلٌ مِنْ الْأَنْصَارِ يَا رَسُولَ اللَّهِ أَفَرَأَيْتَ الْحَمْوَ قَالَ الْحَمْوُ الْمَوْتُ )
(ބުޚާރީ : ޙަދީޡް ނަމްބަރު : 4831)''
މާނައީ : ތިޔަބައިމީހުން (ހިލޭ ) އަންހެނުންގެތެރެޔަށް ވަދެ އުޅުމުން ދުރުވެ ރައްކާތެރިވެތިބޭހުށިކަމެވެ. އެހިދު އަންޞާރިއްޔަ ބޭކަލަކު ދެންނެވިއެވެ ''ފިރިމީހާގެ އެއްބަނޑު އެއްބަފާ ފިރިހެނާ (ޅިޔަނު) އޭނާގެ އަޚާގެ އަންހެނުންގެގާތަށް ވަދެނިކުމެ އުޅުމާއިމެދު ދެކެވަޑައިގަންނަނީ ކިހިނެއްހެއްޔެވެ؟'' ޙަދީޡްކުރެއްވިއެވެ'' ފިރިމީހާގެ އެއްބަނޑު އެއްބަފާ ފިރިހެނާ (ޅިޔަނު) އަކީ މަރެވެ'' މީގެ މާނަކީ އެއީ ހަލާކެވެ. އެއީ ނުރައްކާ ކަމެކެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މިޙަދީޘްފުޅުގައި ޅިޔަނުން އޮތްނަމަވެސް ޅިޔަނުންނަށާއި ފަހަރިންނަށްވެސް އޮތީ ހަމަ އެއް ޙުކުމެކެވެ. ކަން މިފަދައިން އޮތް ނަމަވެސް ޅިޔަނުންނަކީ އަދި ފަހަރިންނަކީވެސް މަޙްރަމުން ފަދަ ބައަކު ކަމުގައި ދެކި މަޙްރަމުންގެ ދަރަޖަދީ، އެމީހުންގެ ކުރިމަތީގައި ނިވާކަންކުޑަކޮށްލައިގެން އެބަ އުޅެއެވެ. ކޮންމެ ޅިޔަނަކީ އަދި ފަހަރިއަކީ ނުބައި ޢަމަލެއް ކުރާނެ މީހަކު ކަމުގައި ނުވިނަމަވެސް މިޙަދީޘްފުޅުން އެނގެނީ ކޮންމެ ޅިޔަނަކާއިމެދުގައިވެސް އަދި ފަހަރިއަކާއިމެދުގައިވެސް ރައްކައުތެރިވާންޖެހޭނެ ކަމެވެ. ކުރިމަތީގައި އުޅެންޖެހޭނީ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންކަމެވެ.
އެއީ ކޮންމެހެން އެމީހުންނަކީ ވަކިން ނުބައިކަން ބޮޑުބައަކަށްވާތީއެއްވެސް ނޫނެވެ. ޝައިޠޯނުންތަކުގެ ނުބައިކަމުން ރައްކައުތެރިކަން ލިބިގަތުމަށްޓަކައެވެ.