ހިތްދަތިކަމާ މައްސަލަތައް ކިތަންމެ ގިނަވިޔަސް މިއޮތީ އުފަލުގަ ހުރެވޭނެކަން ޔަޤީން މަގު- އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ހިތްދަތިކަމާ މައްސަލަތައް ކިތަންމެ ގިނަވިޔަސް މިއޮތީ އުފަލުގަ ހުރެވޭނެކަން ޔަޤީން މަގު- އިން ޝާ ﷲ

ދުނިޔެއަކީ މައްސަލަތަކުން ފުރިގެންވާ ތަނެއްކަން އެންމެންވެސް ޤަބޫލުކުރެއެވެ. މައްސަލައަކަށްވަނީ ކަންކަން ކުރިމަތިވުމުން ވިސްނޭ ގޮތެވެ. ޙައްލުހޯދަން ޢަމަލުކުރެވޭ ގޮތެވެ.  

ދިރިއުޅުމުގަ ދަތިކަމެއް، ހިތްދަތިކަމެއް ނުވަތަ ހިތާމައެއް ކުރިމަތިވާއިރަށް މާޔޫސްވެ ﷲ ތަޢާލާ ތިމަންނާ ދޫކޮށްލައްވަވައިފިއޭ، ތިމަންނާއަށް ހެޔޮ ގޮތެއް މިންވަރެއް ނުކުރައްވަވާނެއޭ ބުނަނީ ކީއްވެގެންހެއްޔެވެ؟ އެފަދަ ބަސްބަސް ބުނާ މީހުންނަށް ސުވާލެއް ކޮށްލަން އަހުރެން ބޭނުމެވެ.  

އެއީ މީސްތަކުންގެ ތެރެއިން ﷲ ތައާލާ އެންމެ މާތް ކުރެއްވެވީ ނަބީބޭކަލުންނާއި ރަސޫލްބޭކަލުން ކަމުގައިވާއިރު ދަތިތަކާއި، ހިތްދަތިކަމާއި، ހިތާމަތައް އަދި ހާސްވެވަޑައިގެން ކަންބޮޑުވާންޖެހިވަޑައިގަންނަވާނެ ކަންކަން ކުރިމަތި ނުކުރައްވަވަނީ ކޮން ނަބީބޭކަލަކަށް ނުވަތަ ރަސޫލް ބޭކަލަކަށް ހެއްޔެވެ؟  

އަދި ދުނިޔެއަށް ފޮނުއްވެވުނު، އަދި ފޮނުއްވެވޭނެ އެންމެހައި މީސްތަކުންގެ ތެރެއިން އެންމެ މާތް ކުރެއްވެވި ޞާޙިބާ، އެކަލާނގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު، އެންމެ ދަރަޖަ މަތިވެރި މަޚްލޫޤް، މުޙައްމަދު ރަސޫލް އަށް އެކަންކަން ކުރިމަތިނުކުރައްވަވަނީހެއްޔެވެ؟ 

ހިނގާފައިވާ ބައެއް ބޮޑެތި ކަންކަމަށް ބަލައިލަމާ ހިނގާށެވެ! ކަމަކާއިމެދު ހިތްދަތިވެ ރޮމުން ގޮސް ލޯއަނދިރި އެއްވެސް މީހަކު މިތަނުގައި އެހުރިހެއްޔެވެ؟ ނުވަތަ އެފަދަ މީހެއްގެ ވާހަކަ އަޑުއިވިފައިވޭހެއްޔެވެ؟ ހަމަޤައިމުވެސް އެފަދަ މީހަކާއި އަހުރެންނަށް ބައްދަލުވެފައެއް ނެތެވެ.  

އެހެނަސް ޔޫސުފްގެފާނު ގެއްލިވަޑައިގަތުމުން ކީރިތި ކުރައްވަމުން ގޮސް ޔަޢްޤޫބްގެފާނުގެ ދެލޯފުޅު އަނދިރި ނުވޭ ހެއްޔެވެ؟ އައްޔޫބްގެފާނަށް ޖެހިވަޑައިގެންނެވި އާލާސްކަންފުޅާއި އެކަމުގެ ސަބަބުން ކުރިމަތިފުޅުވެވަޑައިގެންނެވި ފަދަ އެއްވެސް ކަމެއް އެފަދަ މިންވަރަކާއި ގާތަކަށްވެސް އަހަރެމެންގެ ތެރެއިން އެއްވެސް މީހަކަށް ކުރިމަތިވިހެއްޔެވެ؟ ޔޫންސްގެފާނަށް މަހެއްގެ ބަނޑުގައި އޮންނަވަން ޖެހިވަޑައިގެންނެވި ހިނދު ލިބިވަޑައިގަންނަވާނެ ފަދަ ބޮޑު މާޔޫސްކަމަކާއި ކުރިމަތިލާންޖެހުނީ އަހަރެމެންގެ ތެރެއިން ކާކަށް ހެއްޔެވެ؟  

އަންހެނުންގެ ތެރެއިން އެންމެ މަތިވެރި ދަރަޖަ ލިބިވަޑައިގެން އިންނެވި މަރްޔަމްގެފާނަށް "މި ބޮޑު ފަޟީޙަތްވުމުގެ ކުރިން މަރުވިނަމައޭ" ވިދާޅުވެވުނު ކަމަށްވެއެވެ.  

ސުވާލަކީ އެއިން އެއްވެސް ބޭކަލަކު އެޙާލުކޮޅުގައި އަބަދަށް ލެހެއްޓެވިހެއްޔެވެ؟ އަނބުރައި އުފާވެރިކަން ނުދެއްވަވާ ހެއްޔެވެ؟  

މިހުރީ ފެންނަންހުރި ކަންކަމެވެ. ވީމާ އަހުރެމެންވެސް ވިސްނަންވީ މި ކަންކަމަށެވެ. އަހުރެމެންނަށްވެސް ކަންކަން ކުރިމަތިކުރައްވަވާނެ ކަމެވެ. އިމްތިޙާން ކުރައްވަވާނެ ކަމެވެ. ގެއްލުނު އުފާވެރިކަން އަލުން އަނބުރައި ދެއްވަވާނެ ކަމެވެ. ދުނިޔޭގައި ނުދެއްވެވިނަމަ އާޚިރަތުގައި ދެއްވަވާނެ ކަމެވެ.  

ކުރިން މިބުނި ފަދައިން ދަތިތަކާއި، ހިތްދަތިކަމާއި، ހިތާމަތައް އަދި ހާސްވާންޖެހުމާއި  ކަންބޮޑުވާންޖެހުމުގެ ވަޤުތުތަކުގައި މިބުނި މަގުން ނުވިސްނައިފިނަމަ މީހަކަށް އެކަމަކުން އަރައިގަތުން ވާނީ ދަތިއުނދަގޫ ކަމަކަށެވެ. އެމަގުން ވިސްނައިފިމީހާ ހުންނާނީ އަބަދުވެސް އުފަލުންނެވެ. އެމީހުންނަކަށް މާޔޫސްބަލީގެ ފަރުވާ ހޯދާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން