ރޭއަޅުކަންކުރަމުން އަންނަ މީހަކަސް ބައެއް ރޭރޭ ނުހޭލެވޭތީ ކަންބޮޑުވެ ސުވާލުތައް ކުރެއެވެ. ވީމާ އެކަން އޮތް ގޮތް ބުނެދޭން މަސައްކަތްކުރާނަމެވެ.
ގިނަ ބައެއްގެ ކަންބޮޑުވުމަކަށްވެފައި އޮންނަ އެއްކަމަކީ އަޅުކަންކުރުން ގިނަކުރަން މަސައްކަތްކުރިނަމަވެސް ގިނަ ނުކުރެވޭ ކަމެވެ. އެފަދަ ޙާލަތުގައި ބައެއް މީހުންނަށް ވިސްނެނީ އެމީހުންނަކީ ގެއްލެނިކުރައްވަވާފައިވާ ބައެއް ކަމަށެވެ.
ނަމަވެސް އެއީ އެއްގޮތަކަސްވެސް އެކަން އޮތް ގޮތެއް ނޫނެވެ. އަހަރެމްނެނަށް އޮތީ އިޚްލާޞްތެރިކަމާއިއެކުގައި ކަންކަން ކުރަން މަސައްކަތްކުރުމެވެ. މަސައްކަތްކުރުމުން ޙާޞިލުނުކުރެވޭ ބައި ﷲ ތަޢާލާ ފޫބައްދަވައި ދެއްވަވާނެތެވެ. ވީމާ އަހަރެމެންނަށް އޮތީ އިޚްލާޞްތެރިވުމެވެ.
ރޭއަޅުކަން ކުރަން 2 ރޭ ހޭލެވިފައި 3 ވަނަ ރޭ ނުހޭލެވުމަކީ އަދި މާޔޫސްވެގެން އެކަން ހުއްޓައިލަންވީ ސަބަބެއް ނޫނެވެ. 4 ވަނަ ރޭ ނިދަންވީ ކުރީރެއަށްވުރެ ބޮޑަށް ހޭލަން ޢަޒުމްކަނޑައަޅައިގެންނެވެ. ގަޑި ސޯނާކޮށްގެންނެވެ. ފޯނުވެސް ސޯނާކޮށްގެންނެވެ. ނިދަން މަސައްކަތްކުރަންވީ ކުރީރެއަށްވުރެވެސް ކުރިންނެވެ.
ހޭލަން އަހަރެމެން ކުރާ ހުރިހާ މަސައްކަތެއް ﷲ ތަޢާލާ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. އެހެންކަމަށްވާއިރު އަހަރެމެން އިޚްލާޞްތެރިކަމާއިއެކުގައި ކުރާ މަސައްކަތް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވައިފާނެކަމަށް ޤަބޫލުކުރަން ހެޔޮވެސް ނުވާނެ ނޫންހެއްޔެވެ؟
- މުފްތީ މެންކުގެ ދަރުސަކުން