މުސްލިމުންގެ ތެރޭގައިވެސް ޚިޔާލުތަފާތުވާނެއެވެ. ވިސްނޭ ގޮތް ތަފާތުވެދާނެއެވެ. ނަމަވެސް ޚިޔާލު އެއްގޮތްކުރަންޖެހޭ ކަމެއް އެބައޮތެވެ. އެއީ ﷲ ތަޢާލާއަށް ބިރުވެތިވުމާ ތަޤްވާވެރިވުމުގައެވެ. ޚާއްޞަކޮށް އެކުގައި އުޅެނީ ތަޤްވާވެރިންކަން ޔަޤީންކުރުމުގައެވެ.
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވަނީ މިފަދައިންނެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ތެދުވެރިންނާ އެކުގައި، ތިއަބައިމީހުން ވާށެވެ!" (އައް ތައުބާ: 119)
މިއަދު ބައެއް މީހުން އެބަ ބުނެއެވެ. "އޭނާ ﷲ ތަޢާލާއަށް ތެދުވެރި ނުވުމަކީ އޭނާގެ ކަމެކެވެ. އެކަމާ އަހަރެން ކަންބޮޑެއް ނުވަމެވެ. އަހަރެންނަށް އޭނާ ރަނގަޅެވެ."
މީސްތަކުންނޭވެ! ﷲ ތަޢާލާ ކަމެއް ވަކިގޮތަކަށް ވަޙީކުރައްވަވާފައި އޮތުމުން އެހިސާބުން އެވަނީ އެކަން އެގޮތަށް ނިމިފައެވެ. އެ ޙުކުމްފުޅަށް ބަދަލު ގެނައުމެއް ނެތެވެ. އެއީ އެއްވެސް މީހަކަށް ލިބިގެންވާ ބާރެއް ނޫނެވެ. މީސްތަކުންނަށް އޮތީ ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށް ޢަމަލުކުރުމެވެ. ﷲ ތައާލާއަށް ކިޔަމަންތެރިވުމަކީ އެއީއެވެ. ﷲ ތަޢަލާއަށް އީމާންވެވުނުކަމަށް ވެސް ވާނީ އެއިރުންނެވެ.
ﷲ ތަޢާލާއަށް ތެދުވެރިކަމެއް ނެތް މީހާގެ ކިބައިން އެހެން މީހަކަށް ކުރާނެ އެއްވެސް ފައިދާއެއް އޮތްނަމަ، އެފަދަ މީހުންނާއިއެކުގައި ނުވުމަށް ﷲ ތަޢާލާ އަމުރުފުޅެއް ނުކުރައްވަވާނެއެވެ. އަދި ކީއްހެއްޔެވެ؟ އެފަދަ އަމުރުފުޅެއް ކުރައްވަވާފައި އޮތުމުން އެނގެނީ އެފަދަ މީހުންނާއިއެކުގައިވުމުން އެމީހަކަށް ދެދުނިޔޭގައިވެސް ލިބޭނީ ގެއްލުންކަމެވެ.
މީހެއްގެ ކިބައިގައި ހުންނަންޖެހޭނެ ސިފަތަކުގެ ތެރެއިން އެންމެ މުހިންމީ ފައިސާއަށް ތެދުވެރިވުމެއް ނޫނެވެ. ފައިސާއަށް ނުވަތަ ޙަވާލުކުރެވޭ އަމާނާތަށް އަދި އަމިއްލައަށް ޙަވާލުވާ ޒިންމާތަށް ތެދުވެރިވެވޭނީވެސް އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ތެދުވެރިކަން އޮތްނަމައެވެ. އެކަން ނެތްނަމަ އެއްވެސް ކަމަކަށް އެމީހަކު ތެދުވެރިވާނެކަމަށް ބަލައިގެންވެސް ނުވާނެއެވެ.
ތެދުވެރިންނާއިއެކުގައިވުމަށް އަންގަވާފައި އެއޮތީ މިފަދަ އެތައް ސަބަބުތަކަކަށްޓަކައެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން