އިޚްލާޞްތެރި ނިޔަތުގައި ކައިވެނިކޮށް ކައިވެނީގެ މަޤްޞަދުތައް ޙާޞިލުކުރަން މަސައްކަތްކުރާނަމަ ކައިވެނީގެ ތެރެއިން ޙާޞިލުނުކުރެވޭނެ އެއްވެސް އުފާވެރިކަމެއް ނެތެވެ. ކައިވެންޏަށްފަހު ދިރިއުޅުން ޒަލްޒަލާއަކަށް ބަދަލުވެގެންދަނީ ކައިވެނިކުރި މަޤްޞަދުތައްމަތިން ހަނދާންނައްތައިލެވޭތީއެވެ.
ވަރަށް މަދު ރަސޫލް ބޭކަލުން ފިޔަވައި ކައިވެނިކުރެއްވެވިކަމާއި ދަރިން ލިބިވަޑައިގެންނެވިކަން ޤަބޫލުކުރަން ޖެހެއެވެ. އަދި ކީއްހެއްޔެވެ؟ ކައިވެންޏާއިމެދު ޤުރްއާނުގައި އޮތް އެއް އާޔަތުގައިވަނީ ކައިވެންޏަކީ އެކަކު އަނެކަކަށްއޮތް ފޭރާމެއް ކަމުގައެވެ. ފޭރާންލަނީ ކީއްކުރަން ހެއްޔެވެ؟ ރީތިވާށެވެ! ޒީނަތްތެރިވާށެވެ. އަޢުރަ ނިވާކުރާށެވެ. އަޢިބުތައް ފޮރުވާށެވެ.
ފޭރާމަކީ ތިބާއަށް ރައްކައުތެރިކަން ފޯރުކޮށްދޭ އެއްޗެކެވެ. ފިނިން ޙިމާޔަތްކޮށްދެއެވެ. ހިރަފުހުން ސަލާމަތްކޮށްދެއެވެ. އަވީގެ ގަދަހޫނުންވެސް ސަލާމަތްކޮށްދެއެވެ. ހަމައެފަދައިން ކައިވެންޏަކީ ތިބާއަށް ޙިމާޔަތެކެވެ. ކުރިމަތިވާ ކޮންމެ ކަމަކުން ސަލާމަތްކޮށްދިނުމަކީ ބައިވެރިޔާގެ ވާޖިބެކެވެ. އަދި މީސްތަކުންގެ ބެލުންތަކުން ރައްކައުތެރިކަން ލިބޭ އައްޑަނައެވެ. ފާޙިޝް ޢަމަލުތަކުން ސަލާމަތްކޮށްދޭ ވަސީލަތެވެ.
ފޭރާމަށް ބަލައިފިނަމަ ތިބާއާއި އެންމެ ގާތުގައި ވާނީ ތިބާގެ ފޭރާމެވެ. ހަމަ އެފަދައިން ކައިވެންޏަށްފަހު ތިބާ އާއި އެންމެ ގާތުގައި ހުންނަން ޖެހޭނީ ބައިވެރިޔާއަށެވެ.
ކައިވެންޏަށް ބެލިނަމަވެސް އެކަން އޮތީ ހަމައެގޮތަށެވެ. ދެމަފިރިންކުރެ ކޮންމެ މީހަކީވެސް އެކަކު އަނެކަކު ޒީނަތްތެރިކޮށްދޭންޖެހޭނެ މީހެކެވެ. އަނެކާގެ ކިބައިގައި ހުންނަ އަޢިބުތައް ފޮރުވައިދޭންޖެހޭނެ މީހެކެވެ. އެކަކު އަނެކަކަށް ވާގިވެރިވެ ހިތްވަރުދޭންޖެހޭ މީހެކެވެ. ހަމައެއާއިއެކު އަނެކާ ފަޟީޙަތްކުރާ މީހަކަށް ވެގެން ނުވާނެއެވެ.
ﷲ ތަޢާލާގެ މިވަޙީބަސްފުޅަށް ވިސްނައި މާނަ ދަސްކޮށް ޢަމަލުކޮށްފިނަމަ ވަރި ބޮޑުތަނުން މަދުވެގެންދާނެއެވެ. އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތައް އެނގި އުފަލުގައި ދިރިއުޅެވޭނެއެވެ. ﷲ ތަޢާލާގެ ކޮންމެ ވަހީ ބަސްފުޅަކާއިމެދުގައިވެސް ވިސްނައި ފިކުރުކުރުމުން މިފަދަ އެތައް ކަންކަމެއް އެނގިގެންދާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން