ޚަދީޖަތުގެފާނުގެ ޙަޔާތްޕުޅުގެ ރަން ޞަފްޙާތައް 1: ނަންފުޅާ ނަސަބުފުޅާ ބެހޭ މުހިންމު މައުލޫމާތު

ކިޔުމަށް ހޭދަވާނީ 11މ 26ސ
ޚަދީޖަތުގެފާނުގެ ޙަޔާތްޕުޅުގެ ރަން ޞަފްޙާތައް 1: ނަންފުޅާ ނަސަބުފުޅާ ބެހޭ މުހިންމު މައުލޫމާތު

ޢަލީ އިޙްޞާން ފިރާޤް

 

ކީރިތި ރަސޫލާ މުޙައްމަދު صلّى اللّـه عليه وسلّم ގެ އެންމެ ފުރަތަމަ އަނބިކަނބަލުންނަކީ، أمّ المؤمنين السّيدة خديجة رضى الله عنها އެވެ. އެކަމަނާއަކީ ޤުރައިޝްވަންހައިގެ ޤަދަރުވެރި ޚާންދާނެއް ކަމުގައިވާ އަސަދުވަންހައަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަނބަލެކެވެ. ނަސަބުގެ މާތްކަމުގެ އިތުރުން خديجة ގެފާނަކީ، މައްކާގެ މުޖުތަމައުގައި ވަރަށް ޚާއްޞަ އިމްތިޔާޒީ މަޤާމެއް ލިބިވަޑައިގެން އިންނެވި އަންހެން ސާހިބެކެވެ. އެހެންކަމުން އޭރު މައްކާގެ މީސްތަކުން އެކަމަނާއަށް "އައްޠާރިހާ" މިނަމުން ނަން ކިޔާ އުޅެއެވެ. އެއީ، އެކަމަނާގެ ޢިއްފަތްތެރިކަމާއި އަބުރުވެރިކަމާއި، އަޚްލާޤު ގެ ފުރިހަމަ ކަމުންނެވެ. 

خديجة ގެފާނުގެ މިދެންނެވި މާތް ޚުލުޤުފުޅުގެ ފުރިހަމަކަމުގެ ސަބަބުން އެކަމަނާއަށް މައްކާގައި "އައްޠާހިރާ" ގެ ލަޤަބުފުޅުގެ އިތުރުން "ސައްޔިދަތު ނިސާއި ޤުރައިޝް" ގެ ނަމުން ނަންދީ އުޅުނެވެ. އޭގެ މާނައަކީ ޤުރައިޝުވަންހައިގެ އަންހެންތަކުންގެ ސާހިބު ކަމަނާއެވެ. 

خديجة ގެފާނުގެ ނަސަބުފުޅާއި، ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم ގެ ނަސަބުފުޅު ގުޅެނީ قصيّ بن  كلاب އާ ހަމައިންނެވެ. ޤުރައިޝުންގެ ނަމާއި މަޤާމު މައްކާގައި ޤާއިމުކޮށް ދިން މީހަކީ، قصيّ އެވެ. އޭގެ ކުރިން ޤުރައިޝުންނަކީ މައްކާގެ ވެރިކަމުގެ ކަންތައްތަކުގައި ބަސްވިކެވޭ ބައެއް ނޫނެނެވެ. ކަޢުބާ ބެލެހެއްޓުމުގައި އެއްވެސް ޙިއްޞާއެއް އޮންނަ ބައެއް ނޫނެވެ. 

قصيّ بن  كلاب ގެ އަސްލު ނަންފުޅަކީ، زيد އެވެ. قصيّ ވަރަށް ތުއްޕުޅުއިރު އޭނާގެ ބަފައިކަލުން ވަނީ ނިޔާވެފައެވެ. އޭނާގެ ބައްޕަ ނިޔާވުމުން އޭނާގެ މަންމާފުޅު فاطمة بنت سعد بن سيل ކާވެނީގެ ގޮތުން ގުޅިވަޑައިގެންނެވީ ربيعة بن حرام އޭ ކިޔުނު މީހަކާއެވެ. އޭނާއަކީ عذرة  ވަންހައިގެ މީހެކެވެ. عذرة  ވަންހައިގެ މީހުން ދިރިއުޅެމުން ގެންދިޔައީ ޝާމުކަރައިގެ ވަށަވަށައިގެންވާ ހިސާބުތަކުގައެވެ. قصيّ އާއި، އޭނާގެ މަންމަ فاطمة بنت سعد ޝާމުކަރައަށް ވަޑައިގެން އެތަނުގައި ވަޒަންވެރިވެވަޑައިގަތެވެ. 

އެތަނުގައި އުޅެ قصيّ ބޮޑުވިފަހުން އެއް ފަހަރަކު بني عذرة ގެ މީހުންގެ ތެރެއިން މީހަކާއި، އޭނާއާ ދެމެދުގައި ދެބަސްވުމެއް ހިނގައިފިއެވެ.  މިދެބަސްވުމުގެ ތެރޭގައި، بني عذرة ގެ މީހާ ޤުޞައްޔާ ދިމާއަށް "ތިޔައީ އަމުދުން މި عذرة  ވަންހައަށް ނިސްބަތްވާ މީހެއްވެސް ނޫނޭ" ބުނެފިއެވެ. އެނާ އެހެން ބުނުމުން قصيّ އޭނާގެ މަންމަގެ އަރިހަށް ވަޑައިގެން އޭނާގެ ބަފައިފުށުގެ ނަސަބާ ބެހޭގޮތުން ސުވާލު ކުރެއްވިއެވެ. އެކަމަނާވެސް ވިދާޅުވީ قصيّ، عذرة  ވަންހައަށް ނިސްބަތްނުވާކަމަށާއި، އޭނާ ނިސްބަތްވަނީ މައްކާގެ ޤުރައިޝު ވަންހައަށް ކަމުގައެވެ. ކޮންމެވެސް ގޮތަކުން قصيّ އަށް އޭނާގެ އެއްބަފާ ބޭބެ زهيرة بن كلاب އާ އޭނާގެ އެހެންވެސް އަޚުން މައްކާގައި އުޅޭކަމަށް ޚަބަރު ލިބުނެވެ. ދެން އޭނާ މައްކާއަށް ދާ ޤާފިލާއަކާއެކު މައްކާއަށް ވަޑައިގެންނެވިގެން އޭނާގެ އަޚުންނާ ބައްދަލު ކުރައްވައި މައްކާގައި ވަޒަންވެރިވެ ވަޑައިގެންފިއެވެ.

قصيّ ގެ އުޅުއްވުންތެރިކަމާއި، ހީވާގިކަމުގެ ސަބަބުން މައްކާގައި، އޭނާއަކީ ބަސްވިކޭ މީހެއް ކަމުގައި ވެއްޖެއެވެ. އިހްތިރާމު ކުރެވޭ، ޤަދަރުކުރެވޭ މީހެއްކަމުގައި ވެއްޖެއެވެ. އެދުވަސްވަރު މައްކާގެ ވެރިއެއްކަމުގައި ހުންނެވީ  حُليل بن حبيشة بن سلول بن عمرو الخزاعي އެވެ. قصيّ މީނާގެ ދަރިކަނބަލުން حُبّى بنت حُليل بن حبيشة އާ ކާވެނިބެއްލެވުމަށް  އެދިވަޑައިގެންނެވިއެވެ. މިކަމަކީ حُليل بن حبيشة ވަރަށް ހިތްޕުޅާ ހަމަކުރައްވާ ކަމެއް ކަމުގައިވިއެވެ. އެހެނީ އޭރު އޭނާވެސް ހުންނެވީ قصيّ ގެ ހިތްވަރުގަދަކަމާއި ބުއްދިވެރިކަން ފެނި އޭނާއާ ނުހަނު ގަޔާވެވަޑައިގެންފައެވެ. قصيّ އާއި، حُبّى بنت حُليل އަށް ހަތަރު ދަރިކަލުން ލިބިވަޑައިގެންނެވިއެވެ. 

އެބޭފުޅުންގެ ތެރޭގައި عبد الدار ހިމެނިވަޑައިގަންނަވައެވެ. އަދިއަދަށް ދާންދެންވެސް ގެފުޅުގެ ތަޅުދަނޑިފަތި ބަލަހައްޓަމުން ގެންދަނީ عبد الدار ވަންހައިގެ މީސްތަކުންނެވެ. އޭގެ ދެބޭކަނބަލުންނަށް ލިބިވަޑައިގެންނެވި އަނެއް ދަރިކަލަކީ، عبد مناف އެވެ. عبد مناف އަކީ، މި އުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم ގެ މުނިކާފާފުޅެވެ. އަނެއް ބޭފުޅަކީ، عبد العّزى އެވެ. عبد العّزى އަކީ، أمّ المؤمنين السّيدة خديجة رضى الله عنها ގެ މުނިކާފާފުޅެވެ. قصيّ އާއި، حُبّى އަށް ލިބިވަޑައިގެންނެވި އަނެއް ބޭފުޅަކީ عبد  قصيّ އެވެ. 

حُليل  ނިޔާވުމަށްފަހު ކަޢުބާގެ ބެލެހެއްޓުންތެރިކަން ލިބިވަޑައިގެންނެވީ  قصيّ އަށެވެ. ދާރުއްނަދުވާ ބިނާކުރެއްވި ބޭފުޅަކީވެސް ޤުޞައްޔުއެވެ. ދާރުއްނަދުވާއަކީ އެޒަމާނުގައި މައްކާގެ މީސްތަކުން މަޖިލީސް ކުރާ ގެއެވެ. 

އަސަދުވަންހައިގެ އިޖްތިމާއީ އަދި ސިޔާސީ ދައުރު:

އަސަދުވަންހައިގެ މީސްތަކުންނަކީ أسد بن عبد العّزى  بن قصيّ ގެ ދަރިކޮޅުގެ މީސްތަކުންނެވެ. އެއީ މައްކާގެ ސިޔާސީ އަދި އިޖްތިމާއީ ކަންތައްތަކުގައި ބަސްކިޔުމުގެ އިމްތިޔާޒު ލިބިފައިވާ ނުވަ ވަންހައިގެ ތެރެއިން އެއް ވަންހައެވެ. އަސަދުވަންހައިގެ މީސްތަކުންގެ އެއް މަސްއޫލިއްޔަތަކަށް ވެފައިވަނީ ދާރުއްނަދުވާ ބެލެހެއްޓުމެވެ. ހަމައެހެންމެ، މައްކާގެ ގަބީލާތަކުގެތެރޭގައި ގޮތެއް ނުނިންމި ހުންނަ ނާދިރު މައްސަލަތަކުގައި ލަފާދޭ ބަޔަކީވެސް އަސަދުވަންހައިގެ މީސްތަކުންނެވެ.

خديجة ގެފާނުގެ ކާފާފުޅު أسد بن عبد العّزى  ގެ ވަރަށް ގިނަ ކުދިން ތިބެއެވެ. އޭގެ ތެރެއިން އެންމެ ދޮށީ ބޭފުޅަކީ مطلب بن أسد އެވެ. ދެވަނައަކީ خديجة ގެފާނުގެ ބަފައިކަލުން خويلد بن أسد އެވެ. ތިންވަނައަކީ نوفل بن أسد އެވެ. އޭނާއަކީ ورقة بن نوفل ގެ ބަފައިކަލުންނެވެ. 

ވަރަޤަތު ބިން ނައުފަލު:

ورقة بن نوفل އަކީ، އޭރުގެ ޢަރަބީންނާ ޚިލާފަށް ލިޔަންކިޔަން ދެނެލައްވާ ބޭކަލެކެވެ. އެޒަމާނުގައި ޢަރަބީނަކީ ލިޔަން ކިޔަން ދަންނަ ބައެއް ނޫނެވެ. އެބައިމީހުންގެ ތެރޭގައި ލިޔަންކިޔަން ދަންނަތިބީވެސް ދާދި މަދު މީސްކޮޅެކެވެ. ورقة بن نوفل  އަކީ އިންޖީލު ޢަރަބި ބަހަށް ތަރުޖާކޮށް އުޅުނު މީހެކެވެ. އޭނާ މުސްކުޅި އުމުރަށް ފޯރިއިރު އޭނާ އިނީ  ލޮލުގެ އަލިކަން މުޅިންހެން ފިލައިގެން ގޮސްފައެވެ. މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم  އަށް ފުރަތަމަ ވަޙީ ލިބިވަޑައިގެންނެވުމުން، އެކަލޭގެފާނު ގޮވައިގެން خديجة ގެފާނުގެ ورقة بن نوفل ގެ އަރިހަށް ވަޑައިގެންނެވިއެވެ.

ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން ورقة بن نوفل އަކީ އިހުގެ ސަމާވީ ފޮތްތަކުގެ އިލްމު ލިބިވަޑައިގެން އިންނެވި ބޭފުޅެކެވެ. މުޙައްމަދު صلّى اللّـه عليه وسلّم  އާމެދު ކަންތައް ހިނގައިދިޔަ ގޮތް އެނގިލެއްވުމުން ورقة بن نوفل އަށް އެކަލޭގެފާނަށް ނަބީކަމާއި ރަސޫލުކަން ލިބިވަޑައިގެންނެވީކަން ދެނެލެއްވިއެވެ. ފުރަތަމަ ވަޙީގެ ތަޖުރިބާއިން ނުހަނު އުނދަގޫފުޅުކަމާއި ހާސްކަން ލިބިވަޑައިގެން ހުންނެވި މުޙައްމަދު صلّى اللّـه عليه وسلّم  ގެ ހިތްޕުޅަށް ورقة بن نوفل ގެ ބަސްފުޅުތަކުން ހަމަޖެހުން ގެނެސްދެއްވިއެވެ. 

އުއްމު ޙަބީބް

އުއްމު ޙަބީބަކީ، خديجة ގެފާނުގެ ބަފައިފުށުގެ ބޮޑުދައިތާފުޅެކެވެ. މުޙައްމަދު صلّى اللّـه عليه وسلّم  އާއި އުއްމު ޙަބީބުއާ ނަސަބުގެ ގޮތުން ގުޅިފައިވަނީ މައިފުށުންނެވެ. އެހެނީ އުއްމު ޙަބީބަކީ ނަބިއްޔާ صلّى اللّـه عليه وسلّم  ގެ މައިފުށުގެ މާމާފުޅެކެވެ. ކައުސާހިބާގެ މައިކަނބަލުން އާމިނަތުގެފާނުގެ މައިކަނބަލުންނަކީ އުއްމު ޙަބީބެވެ. 

ޚުވައިލިދު ބިން އަސަދު: 

خويلد بن أسد އަކީ، خديجة ގެފާނުގެ ބަފައިކަލުންނެވެ. އޭނާއަކީ މައްކާގެ ބޮޑެތި ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންވާ ބޭކަލެކެވެ. خويلد بن أسد ގެ އެންމެ ދޮށީ ދަރިކަލަކީ، حزام އެވެ. މީނާގެ ދަރިކަލުން حَكِيم بن حِزام އަކީ، އޭނާގެ ޒަމާނުގައި ދާރުއްނަދުވާ ބެހެލެއްޓެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅާއެވެ.

خويلد بن أسد ގެ އަނެއް ދަރިކަލުން العوّام ކާވެނި ބައްލަވައިގެން އުޅުއްވަނީ صَفيّةُ بنت عبد المطّلب އާއެވެ. صَفيّةُ بنت عبد المطّلب އަކީ، މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم  ގެ ޙަޤީޤީ ބޮޑުދައިތާފުޅެވެ. އޭގެ ދެކަނބަލުންނަށް ލިބިވަޑައިގެން ދަރިކަލުންނަކީ، الزّبير بن العوّام އެވެ. އެކަލޭގެފާނަކީ މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم  ގެ ޞަޙާބީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދަރަޖަ މަތިވެރި ޞަހާބީ ބޭކަލެކެވެ. ދުނިޔޭގައި ހުންނަވަނިކޮށް ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގެންފައިވާ ދިހަ ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބާއްޖަވެރި ބޭކަލެކެވެ.

 

خديجة ގެފާނުގެ އުޚުތަކީ، هالة އެވެ. މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم އާއި خديجة ގެފާނުގެ ބަރަކާތްތެރި ކާވެނިފުޅުގެ ޒަރީޢާއިން ލިބިވަޑައިގެންނެވި ދަރިކަނބަލުން زينب رضى الله عنها  ކާވެނީގެ ގޮތުން ގުޅިވަޑައިގެންނެވީ هالة ގެ ދަރިކަލުން أبو العاص بن الربيع އާއެވެ.

ނުނިމޭ

ނޯޓް: މިއީ އެމެރިކާގެ މަޝްހޫރު މުފައްކިރެއްކަމުގައިވާ ޢަބްދުލް މަލިކު މުޖާހިދު ލިޔުއްވައިފައިވާ [ގޯލްޑެން ސްޓޯރީސް އޮފް ޚަދީޖާ ރަޟިޔަﷲ ޢަންހާ] މި ފޮތުގެ މައްޗަށް ބަލައިލުމެއްގެ ގޮތުން ލިޔަމުން ގެންދާ ސިލްސިލާއެކެވެ. އިސްލާމީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ތެރޭގައި އަށްފަހަރު އިމާމު ޢަބްދުލް މަލިކު މުޖާހިދު ހިމެނިވަޑައިގެންފައިވެއެވެ. 

އިސްލާމީ ސިޔަރަތުގައި ހިމެނޭ މުހިންމު ބައިތައް ފަށްކޮށް ކިޔުންތެރިންނަށް ހުށަހަޅަނީ އެކަމަށް ކިޔުންތެރިން އެދިލައްވާލެއް ބޮޑުކަމުންނެވެ. އަދި މާތް ﷲ ގެ ވާގިފުޅާއިއެކު އިތުރުކިޔުންތެރިންނަށް ކިޔައިލުމުގެ ފުރުޞަތު ލިބި ފައިދާތަކެއް ކުރާނެތީއެވެ. އަދި ގިނަ ޢަދަދެއްގެ ކިޔުންތެރިން އެކަމަށް އެދެމުން ގެންދާތީއެވެ.

 

މިއަދު އޮންލައިން