ކޮންމެ މީހަކަށްވެސް ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަރެއްގެ ނުވަތަ ކޮންމެވެސް ވަރަކަށް ފާފަތައް ކުރެވޭނެއެވެ. އެމީހަކަށް އެކަން ނުވިސްނުނު ނަމަވެސްމެއެވެ. ނަމަވެސް ބަލަންވީ ނުވަތަ ސަމާލުކަންދޭންވީ ހެޔޮ ޢަމަލުތައް ކުރުމަށެވެ. ފަރުޟާއި ސުންނަތް އަޅުކަން ކުރުމުގައި ޘާބިތުވެ ހުރުމަށެވެ.
އެގޮތުގައި ހުރެވޭ މީހަކަށް ޚާއްޞަކޮށް ކޮންމެ ދުވަހަކުވެސް އެމީހަކަށް ކުރެވޭ ފާފަތައް ފުއްސަވަިދެއްވެވުމަށް އެދޭ މީހާއަށް، ތައުބާވަމުން ގެންދާ މީހާއަށް ކުރެވޭ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
ދެން ބުނެލަން ބޭނުންވަނީ ކޮންމެ މީހަކު ކުރާ ޢަމަލުތައްވެސް ﷲ ތަޢާލާގެ ޙަޟްރަތަށް މަލާއިކަތުން އުފުއްލަވަތެވެ. ވީމާ ފާފައެއް ކުރެވުނު ނަމަވެސް ތައުބާވެ ހެޔޮ ޢަމަލެއްކޮށްފިނަމަ އެމީހާގެ ޢަމަލުތައް ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލަވާއިރު ކުރެވުނު ފާފައިގެ އެއްވެސް ބުރަދަނެއް ނުއޮންނާނެއެވެ. ތައުބާވުމުންނާއި އަދި ގުޅުވައިގެން ކުރި ހެޔޮ ޢަމަލު އޮންނާނީ ކުރެވުނު ފާފައިގެ ބުރަދަން ދުއްވާލައިފައެވެ. މިމަގުން ޢަމަލުކުރާނަމަ އުފުއްލެވޭނީ ކުރެވުނު ޙެޔޮ ޢަމަލުތަކުގެ ބުރަދަން ބޮޑުވެ ފާފަ ނެތިގެންދާނެ ގޮތަށެވެ. އެއީ ތައުބާވުމުން އެމީހަކަށް ކުރެވުނު ފާފަ ފުއްސަވައި ދެއްވަވާނެތީއެވެ.
މަސައްކަތްކުރަންވީ އެފަދަ މީހަކަށް ވުމަށެވެ. އެއިރުން އެމީހަކަށް އޮތީ އުފާވެރިކަމެވެ. އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާނެތީއެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން