ރަމަޟާން މަސް ފެށުނީ! ރޭގަނޑުގެ ފަހުބައި ދެނެގަންނާނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ރަމަޟާން މަސް ފެށުނީ! ރޭގަނޑުގެ ފަހުބައި ދެނެގަންނާނެ ގޮތް-

ރަމަޟާންމަސް ފެށުމުން ރޭއަޅުކަންކުރަން ބޭނުންވާ މީހުން ގިނަވާނެއެވެ. އެހެންކަމުން މިގެނެސްދެނީ ރޭގަނޑުގެ 3 ބައިން ފަހުބައި ދެނެގަންނާނެ ގޮތެވެ. 

ރޭގަނޑުގެ 3 ބައިން ފަހުބައި ދެނެގަންނާނެ ގޮތާއިމެދު ބައެއް ބޭފުޅުން ސުވާލުކުރައްވާތީ ދަންނަވަމެވެ.

ރޭގަނޑުގެ 3 ދަންފަޅިން ފަހު ދަންފަޅި ބަލަން އިރު އޮއްސުނީންސުރެ އިރުއަރަންދެން އޮންނަ ވަޤުތު ބަލައިގެން ކަމަކުނުދާނެއެވެ. ބަލަންޖހެހޭނީ އިރު އޮއްސުނީންސުރެ ފަޖުރުލުމާއި ދެމެދެވެ. އެދެމެދުގައި ހިމެނޭ ގަޑިތައް ތިންބައަށް ބަހައިލުމުން ފަހުބައިގައި އެ ހިމެނެނީ ފަހުދަންފަޅީގެ ވަޤުތެވެ. 

މިޘާލަކަށް އިރު އޮއްސުނީ 6 ޖެހިއިރުއެވެ. ފަޖުރުލަނީ 4 ޖަހާއިއެވެ. ވީމާ ރޭގަނޑުގެ ވަޤުތަކީ 6ން 4އަކަށެވެ. އެލިބެނީ 10 ގަޑިއިރެވެ. 10 ގަޑިއިރު 3 ބައަށް ބަހައިލުމުން ބައަކަށް ލިބޭނީ 3 ގަޑިއިރާއި 20 މިނިޓް އިރެވެ. ވީމާ އެރޭގެ ފަހު ދަންފަޅިއަކަށްވާނީ 4 ޖެހުމުގެ ކުރިން އޮންނަ 3 ގަޑިއިރާއި 20 މިނިޓް އިރެވެ. 12:40 އިން ފެށިގެން 4 ޖަހަންދެން އޮންނަ ވަޤުތެވެ. 

ވީމާ ފަހުދަންފަޅީގައި ހޭލައި ރޭއަޅުކަންކުރަން ބޭނުންވާ މީހުންނަށް އޮތީ މިބުނި މަގުން ވަޤުތުބަލައި އެމީހަކަށް ފަސޭހަގޮތަކަށް ރޭއަޅުކަންކުރުމެވެ. ފަހުދަންފަޅީގެ ކޮންމެ ވަޤުތެއްގައި ރޭއަޅުކަންކުރިނަމަވެސް ފުދުނީއެވެ. 

ފަހުދަންފަޅީގައި ރޭއަޅުކަންކުރަން ބޭނުންވާ މީހާ އެއިގެ ކުރިން އެމީހަކު ބޭނުންވާވަރަކަށް ނިދައިލުން ވަރަށް މުހިންމެވެ. ބޭނުންނަމަ ރޭއަޅުކަންކޮށްފައި ފަތިސްނަމާދާއި ދެމެދުގައި ނިދައިލެވިދާނެއެވެ. އަދި ފަތިސްނަމާދުގެ ވަޤުތާއި ގުޅުވައިލެވޭނެ ގޮތަށްވެސް ރޭއަޅުކަން ކުރެވިދާނެއެވެ. ދެ ގޮތުގައިވެސް މައްސަލައެއް ނެތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން