އެހެން މީހުންނަށް ހެޔޮ ނަޞީޙަތް ދިނުމުގެ ކުރިން ތިމާގެ ދަރިން މިސްކިތަށް ގެންގޮސް ނަމާދުކުރުވާ މީހަކަށްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 35ސ
އެހެން މީހުންނަށް ހެޔޮ ނަޞީޙަތް ދިނުމުގެ ކުރިން ތިމާގެ ދަރިން މިސްކިތަށް ގެންގޮސް ނަމާދުކުރުވާ މީހަކަށްވާށެވެ!

"އަޅުގަނޑުގެ ފިރިމީހާއަކީ އެހެން މީހުންނަށް ހެޔޮނަޞީޙަތްދީ އުޅޭ މީހެކެވެ. އެކަމަކު އޭނާގެ ޢަމަލުތައް ހުންނަ ގޮތުން އޭނާ ގެއަށް ވަދެއްޖެނަމަ ދަރިން ތިބެނީ ބިރުން ތުރުތުރު އަޅައެވެ. މިކަން އިޞްލާޙްކުރަން ބަހެއް ބުނެފިނަމަ އެކަމުގެ އަދަބު އަޅުގަނޑަށް ލިބެއެވެ."  

މިއީ ކިޔުންތެރިއަކު ބުނެފައިވާ ބަސްކޮޅެކެވެ. ވީމާ އެހީއެއްގެ ގޮތުން މިގެނެސްދެނީ ފައިދާކޮށްފާނެ ނަޞީޙަތުގެ ދަރުސެކެވެ.  

މިއަދުގެ ޙާލަތަށް ބަލައިފިނަމަ އެންމެ ހެޔޮލަފާ މީހުންކަމަށް ބެލެވޭ ބައެއް މީހުންނަކީ މިސްކިތުގައި ހޭދަކުރާ ވަޤުތު މީސްތަކުންނަށް ފެންނަ މީހާ އާއި ގެއަށް އައިސް ވަނުމަށްފަހު ގޭގެ އަހުލުވެރިންނަށް ފެންނަ މީހާ އާއި ތަފާތު ބައެކެވެ.  

މިސްކިތުގައި އޭނާ މީސްތަކުންނަށް ހެޔޮ ނަޞޭޙަތްދެއެވެ. ޤުރްއާން އުނގަންނައިދެއެވެ. މަގުމަތިން ބައްދަލުވާ މީހުންނަށާއި ބައިވެރިވާ ބައްދަލުވުންތަކުގައިވެސް ހެޔޮ ގޮތް ބުނެދީ ޤުރްއާނަށް ޢަމަލުކުރަން ބުނެއެވެ. އެކަމަކު ގެއަށް އައިސް ވަދެވުމާއިއެކު އޭނާގެ ޢަމަލުތައް ފެންނަނީ މުޅިން ތަފާތު ގޮތަކަށެވެ.  

އެއްވެސް ޙާލެއްގައި މިވާހަކަ މިނިޞްބަތްކުރަނީ ހަމައެކަނި ދީނީ ޢިލްމުވެރިންނަށް ނުވަތަ އިމާމުންނަކަށް ނޫނެވެ. އެނޫންވެސް އެތައް ބައެއްގެ ޢަމަލުތައް ހުންނަނީ ހަމަ މިފަދަ ގޮތަކަށެވެ. އެކުވެރިންނަށް ވަރަށް ހެޔޮ ނަޞޭޙަތް ދޭނެއެވެ. އެކަމަކު ތިމާ ޢަމަލެއް ނުކުރާނެއެވެ! ޒަވާޖީ ޙަޔާތް އުފަލުގައި ދަމަހައްޓަން ކުރަންޖެހޭ ކަންކަން އެހެން މީހުންނަށް ކިޔައިދޭނެއެވެ. އެކަމަކު އެމީހާ ޢަމަލެއް ނުކުރެއެވެ.   

އަހަރެމެންގެ ކަންކަން ރަނގަޅުކޮށް އިޞްލާޙްކޮށް ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރަން ބޭނުންވާނަމަ ކޮންމެ މީހަކުވެސް އެހެން މީހުންނަށްދޭ ނަޞޭޙަތާއި އެއްގޮތަށް ތިމާމެންވެސް ޢަމަލުކުރަން އެބަޖެހެއެވެ. ގެއިން ބޭރުގައި ވަރަށް ރަނގަޅު، މާތް މީހަކަށް ހެދިގެން އުޅެފައި އައިސް ގެއަށް ވަދެވުމާއިއެކު ގޭގައި ތިބޭ މީހުންނަށް ބޮޑު ގޮށްރާޅަކަށްވީމާ ދެން ވާނީ ކިހިނަކުން ހެއްޔެވެ؟  

އެހެން މީހުންނަށް ހެޔޮ ނަޞޭޙަތް ދިނުމަކީ ކުރަން ވަރަށް ރަނގަޅު ކަމެކެވެ. އެހެންކަމާއިއެކުވެސް އަހުރެން ބުނަން އޮތީ 1000 މީހުންނަށް ހެޔޮ ނަޞޭޙަތް ދިނުމަށްވުރެވެސް ތިމާގެ ޢަމަލުތައް އިޞްލާޙްކުރުމުން ކުރާނެ ފައިދާ މާބޮޑުވާނެ ކަމަށެވެ. ތިމާގެ އަމިއްލަ އަނބިދަރިންނަށް، މައިންބަފައިންނަށް، ޢާއިލާގެ މީހުންނަށް ހެޔޮކޮށް ނުހިތާ މީހަކު އެހެން މީހުންނަށް ދޭން އޮންނާނީ ކޮން ނަޞޭޙަތެއް ހެއްޔެވެ؟ 

ބައެއް ބައްޕައިން ގެއަށްވަނުމަށްފަހު އުޅޭގޮތުން ކަންބޮޑުވެގެން 4،5 އަހަރުގެ ދަރިފުޅުގޮސް "ބައްޕަ އަބަދު ރުޅިއައިސްފަ ހުންނީ ކީއްވެ؟" ކަމާއިމެދު އެބަ ސުވާލުކުރެއެވެ. އެހެންކަމަށްވާނަމަ އެމީހަކަށް އެވަނީ އެދަރިފުޅުގެ ނަޞޭޙަތަށް ބޭނުންވެފައި ނޫންހެއްޔެވެ؟ 

އެެހން މީހުންގެ ގާތުގައި ނަމާދުކުރަން ބުނުމުގެކުރިން ތިމާއަކީ ނަމާދުކުރާ މީހަކަށްވާން އެބަޖެހެއެވެ. ދަރިން މިސްކިތަށް ގެންގޮސް ނަމާދުކުރުވައި ނަމާދުކުރަން އަހުލުވެރިކުރުވަން އެބަޖެހެއެވެ. ޞަދަޤާތް ދޭން އޮތީވެސް ގާތުން ދުރަށްކަމަށްވާތީއެވެ.    

މިކަންކަމަކީ ހަމަ ކޮންމެ މީހަކުވެސް ވިސްނައި އިޞްލާޙްކުރަން ޖެހިފައިވާ ކަންކަމެވެ. އިޞްލާޙްކޮށްގެން ނޫނީ އުފާވެރި ދިރިއުޅުމެއް ހަމަ އެކަކަށްވެސް ނުލިބޭނެއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން