ޢާއިޝަތު ރަފާޙް ޢަލީ
ތިބާގެ ޙަޔާތުގައި މައްސަލައެއް ނުވަތަ ބިރުވެރިކަމެއް އުފެދިގެން ބައެއް ފަހަރަށް އާދެއެވެ. ބިރުވެރިކަމުގެ އިދިކޮޅު ބަހަކީ ތަވައްކުލްއެވެ. ތަވައްކުލް ނެތް ނަމަ އަޅުގަނޑުމެންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިގެންދާނެއެވެ.
ތަވައްކުލް ކުރުމަކީ ﷲ ތަޢާލާ އާއި ގާތްވުމެވެ. ހުރިހާ ކަމެއް ކުރުމުގައި ވެސް ﷲ ތަޢާލާގެ ޙަޟްރަތުން ވާތްގައް އެދުމެވެ. އަބަދުވެސް ޔަގީންކަން އޮތުމެވެ. އޭގެ މާނައަކީ ތިބާއަށް މައްސަލައެއް ކުރިމަތިވެފައި އޮވެ، އެކަން ސިކުނޑީގައި އަބަދު ހަރުލާފައި ހުރުމުން، ނިދަން އުނދަގޫވެގެންދެއެވެ. މިފަދަ ޙާލަތުގައި ތަވައްކަލް ކުރާށެވެ!
އެންމެ ފުރަތަމަ ކަމަކަށް އޮތީ ތިމާއަށް އަސްލު ކުރިމަތިވެފައިވާ މައްސަލައަކީ ނުވަތަ އުނދަގޫވެގެން އުޅޭ ކަމަކީ ކޮބައިކަން ހޯދާ ބެލުމެވެ. މިސާލަކަށް އެކަމަކީ ޓެސްޓާ ގުޅިގެން އަންނަ ކަމެއްތޯ، ފައިސާ އާއި ގުޅިގެން އަންނަ ކަމެއްތޯ، ދަރިންނާ ގުޅިގެން އަންނަ ކަމެއްތޯ، ކައިވެންޏާ ގުޅިގެން އަންނަ ކަމެއްތޯ، މީހަކު ތިމާ އާއި ދިމާއަށް ބަހެއް ބުނުން ނުވަތަ ތިމާގެ ސިފަ އާއި ގުޅިގެންތޯ ބެލުމެވެ.
ދެވަނަ ކަމަކަށް ތިމާގެ ހިތުން، ނުވަތަ ތިމާގެ ވިސްނުމުން އެކަން ފޮހެލުމެވެ. އެގޮތުން އަމިއްލައަށް ތަނެއްގައި ހަމަހިމޭން ކަމާއެކު އިށީންގެ އަމިއްލައަށް ވިސްނާ ކަންކަމުން ދުރުހެލިވުމެވެ.
މިސާލަކަށް ތިމާ މާދަމާ މަރުވެދާނެ ކަމަށް ވިސްނުމެވެ. އެކަމަށް ފޯކަސް ކުރުމެވެ. އަދި ﷲ ތަޢާލާއަށް އިތުބާރުކޮށް ލޯ މެރުމަށްފަހު ﷲ ތަޢާލާގެ ޙަޟްރަތަށް ބިރުވެތިވެ، ﷲ ތަޢާލާއަށް ދަންނަވާށެވެ. "ޔާ ﷲ، މިއަޅާއަށް ކުރިމަތިވެފައިވާ ހިތާމަތައް ނުވަތަ އުނދަގޫތައް ދުރުކޮށްދެއްވަވާފައިދޭވެ. އަދި މިއަޅާ މިކަންކަން ﷲ ތަޢާލާ އާއި ޙަވާލުކޮށްފީމެވެ. ޢަރަބި ބަހުން ބުނާނަމަ وكلتك(ވައްކަލްތުކަ). މިކަމުގެ ސަބަބުން ތިމާގެ ވިސްނުންތައް ދުރުކޮއްލާ، ތިމާ ވިސްނާ ބޭކާރު ކަންކަމުން ދުރުހެލިވާކަން އަމިއްލައަށް ފާހަގަވެގެން ދާނެއެވެ.
ތިންވަނަ ކަމަކަށް އޭގެ ފަހުން ﷲ ތަޢާލާ މިކަން އަހަރެންނަށް ނުކޮށްދެއްވާނެއޭ ހިތަށް ނާރުވާށެވެ. ދުޢާ ކުރާށެވެ. "ޔާ ރައްބު، މިކަމުން އިބަރަސްކަލާނގެ ނިންމަވާ ކޮންމެ ނަތީޖާއެއް މިއަޅާ ޤަބޫލުކުރަމެވެ. ހިތްވަރުގަދަކޮށް އެކަމާ ކުރިމަތިލާނަމެވެ. އަދި ކޮންމެ ނަތީޖާއަކުން ވިޔަސް، ﷲ ތަޢާލާ މިއަޅާ އެކަމުން ސަލާމަތްކޮށްދެއްވާނެކަން ޤަބޫލުކުރަމެވެ. އެކަމަށް އެދިގެން މިއަޅާއަށް ކުރެވުނު އެންމެ ރަނގަޅަށް މަސައްކަތް ކުރާނަމެވެ."
ހަތަރުވަނަ ކަމަކަށް ﷲ ތިޔަބައިމީހުންނަށް ދެއްވާފައިވާ ބާރުގެ ތެރެއިން ތިޔަ މައްސަލަ ހައްލުކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާށެވެ. ހަލާލު ކަންކަން ކުރާށެވެ. ކޮންމެ ކަމެއް ކުރާއިރުވެސް ﷲ ޙަޟްރަތަށް ބިރުވެތިވާށެވެ. އަދި ކުށެއް ކުރެވިއްޖެނަމަ ﷲ ޙަޟްރަތަށް ތައުބާވާށެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން