ރަމަޟާން މަސް ފެށުމުން ރޯދަހިފަން ފަށައެވެ. ހަމައެއާއިއެކު ރޯދަހިފުމުގެ ޙުރުމަތްތެރިކަމާއި ނުގުޅޭ އެތައް ކަމެއް ފެށިގެންދެއެވެ. ޓީވީތަކާއި ރޭޑިއޯތަކުން ދީނީ ނަޞޭޙަތް ދެވެނީ މަދު ވަޤުތުކޮޅެއްގައެވެ. އެންމެ މުހިންމު ވަޤުތުތަކުގައި ފޮނުވެނީ މުޅިން ތަފާތު ޕްރޮގްރާމްތަކެކެވެ.
މިކަން މިގޮތަށް ވަމުން އައުމުގެ ނަތީޖާއަކަށް މިއަދުވެފައި މިއޮތީ ރަމަޟާންމަސް ފެށުމާއިއެކު ގިނަބައަކު ކުޅިވަރާއި މުނިފޫހިފިލުވުމުގެ ކަންކަމުގައި އުޅެން އާދަވުމެވެ. ތަފާތު ކަޕްތަކުގެ ނަމުގައި ތަފާތު ކުޅިވަރު މުބާރާތްތައް މާލެއާއި ރަށްރަށުގައި ބާއްވަން އާދަވުމެވެ. މިއީ 1978 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި އޮތް ޘަޤާފަތެއް ނޫނެވެ. 1978 ވަނަ އަހަރުން ފެށިގެން ކުރެވެމުން އަންނަ ކަންކަމެވެ.
ތިރީގައިއެވަނީ މީގެ އަހަރުތަކެއް ކުރިން ރަމަޟާންމަހުގެ ފަހު 10 އަށް ޚާއްޞަކުރައްވައިގެން ޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެފައިވާ ބަސްފުޅެކެވެ. އެބަސްފުޅަށް ހޭލުންތެރިވާންވީ ފަހު 10 ފެށުމަކުން ނޫނެވެ. ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. ފަހު 10 ޙާޞިލުކުރުމަކީ ކުރިއާލައި އެކަމަށް މަސައްކަތްކުރުމުން ނޫނީ ޙާޞިލުކުރެވެން އޮތް ކަމެއް ނޫނެވެ.
ޝައިޚް އިލްޔާސްގެ ބަސްފުޅު:
ލޮބުވެތި އަޚުންނާއި އުޚްތުން! ވަރަށް މާތް މައްސަރެއް! ނަމަވެސް ހިތާމަޔަކީ ސައްތައިން ސައްތަ މުސްލިމްކަމަށް ދައުވާ ކުރާ މުސްލިމް މުޖުތަމައުގަ. ފެންނަމުން މިދަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތަށް މިހާ ޖޯޝާއި ފޯރި އަންނަ މައްސަރެއްގައި، އަޅުގަނޑުމެން ﷲ ގެ ހަޟްރަތުން އެއްކިބާކޮށް ޝައިޠާނީ ވަސްވާސް ތަކުގެ ތެރެއިން ހެއްލިގެން ދާފަދަ ކަންތައްތަކެއް އަޅުގަނޑުމެންގެ މުޖުތަމައު ފަތުރަމުން މިދަނީ. ޓީވީ އާއި ރޭޑިއޯގެ ޒަރިއްޔާއިން.
އެހެންކަމުން މި ދެ މުއައްސަސާގެ އަހުލުވެރިންނަށް ، މިކަމާއި ހަވާލުވެ ހުރި ހުރިހާ ބޭފުޅުންނަށް ﷲ އަށް ބިރުވެތި ވުމަށް މި ފުރުސަތުގައި ގޮވާލަން. ބަރަކާތްތެރި ރަމަޟާން މަހުގައި އަޅުގަނޑުމެންގެ ޢީމާން ކަމާއި ނުކުޅުމަށް އަޅުގަނޑު ގޮވާލަން. އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ޢީމާންކަން އިތުރުކޮށްދޭފަދަ ޕްރޮގްރާމްތަކެއް ފޮނުވައިދެއްވުމަށް އިލްތިމާސްކޮށް ދަންނަވަން. އަދި ޚާއްސަކޮށް ދަންނަވަން ﷲ ސުބުޙާނަހޫ ވަތަޢާލާ ތިޔަބައިމީހުންގެ ޢަމަލުތައްވެސް ލިޔުއްވައެވެ. ހީ ނުކުރައްވާށޭ ތިޔަބައިމީހުންގެ ކަންތައްތަކާއިމެދު ﷲ ޣާފިލްވެ ވޮޑިގެންވާކަމަށް. ﷲ ޣާފިލްވެ ވޮޑިގެންނެއް ނުވޭ. ﷲ ބައްލަވާ ވޮޑިގެންވޭ. އައްސަވާ ވޮޑިގެންވޭ. ނަމަވެސް ﷲ ގެ ސުންނަތް ﷲ ބަދަލެއް ނުކުރައްވާނެ. މި ބިންމަތީގަ އެންމެ ސުވާލެއްވެސް ﷲ ނުކުރައްވާނެ.
ނަމަވެސް، އިމްތިހާނު ހޯލުން ބޭރުވުމަށްފަހުގަ ﷲ ސުވާލުތަކެއް ކުރައްވާނެ. އެދުވަހުގައި ޖަވާބުދާރީ ވާންޖެހޭނެ. ވީމާ މި މުއައްސަސާގައި ތިއްބަވައިގެން އަޅުގަނޑުމެންގެ ޢީމާންކަން ފުނޑު ފުނޑު ވާފަދަ، އަޅުގަނޑުމެންގެ ޢީމާންކަމަށް ތާޒާކަން ގެނެސްދޭފަދަ ކަންތައްތަކުން އަޅުގަނޑުމެން އެއްކިބާ ނުކުރައްވާށޭ، ﷲ އަށް ބިރުވެތިވެ ވަޑައިގަންނަވާށެވެ.
ނިކަން ވިސްނާ ވަޑައިގަންނަވާ، ފަހު ދިހަ އައީމަ އެހާރާއި މިހާރު، ލޯބީގެ ދަރުބާރު، ބައިބަލާ. ﷲ އަކްބަރު. ކިހާ ބޮޑެތި ނިޢުމަތްތަކެއްތޯ މީ؟ ނިކަން ވިސްނާ ވަޑައިގަންނަވާ ފަހުދިހަ އައީމަ ﷲ ގެ ހަޟްރަތަށް ޖޯށާއި ފޯރި އަންނަނީ. ރަޙްމަތުގެ ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޢަމުރުފުޅުތަކަށް ބައްލަވާ ލައްވާ. ޙަދީޘްގައި އަންނަނީ -- " ފަހުދިހަ އައުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ކަމަރު ބަނދެލައްވައެވެ. އިތުރަށް ހީވާޤިވެ ވަޑައިގަންނަވައެވެ. މުޅި ރޭގަނޑު އަޅުކަމުގައި ހޭދަ ކުރައްވައެވެ. އަދި ގޭގެ މީހުންވެސް ބައިވެރި ކުރައްވައެވެ.
ނަމަވެސް، މި ސައްތައިން ސައްތަ މުސްލިމް ކަމަށް ދައުވާ ކުރާ މުސްލިމް މުޖުތަމައުގައި އަޅުގަނޑުމެންނަށް މި ފެންނަނީ އެހާރާއި މިހާރު، އެޕިކަޕުން މި ޕިކަޕަށް. لا إله إلا الله . ރޯދަ ކުރުކުރުން. ލޮބުވެތި އަޚުންނާއި އުޚްތުން. ރޯދަ ހިފުމުގެ މާނައަކީ ކެއުމާއި ބުއިމުން ދުރުވުމެއް ނޫން. ރަޙްމަތުގެ ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް އިރުޝާދު ދެއްވާ ޙަދީޘް ކުރައްވަނީ --- "ބައެއް ރޯދަ ވެރިންނަށް އެ ރޯދައިން ﷲ ގެ ހަޒްރަތުން ލިބޭ ޘަވާބާއި ދަރުމައެއް ނެތޭ. އެމީހުންނަށް ވަނީ ހަމައެކަނި ބަނޑުހައި ހޫނުކަމެވެ." އަދި ބައެއް ރޭގަނޑުގަ އަޅުކަން ކުރާ މީހުންނަށް ވަނީ ރޭގަނޑުގައި ހޭލާ ހުރުމެވެ، އެހެން އެއްވެސް ކަމެއް ނުވެއެވެ. އެހެންކަމުން ރޯދަ ހިފަންވީ ކިހިނަކުންތޯ؟ ރޯދަ ހިފަންވީ މުޅި ހަށިގަނޑުން. ހުރިހާ ގުނަވަންތަކެއް ރޯދަ ހިފަން ޖެހޭނެ. ދެ ލޯވެސް ރޯދަ ހިފަން ޖެހޭނެ. ދެ ކަންފަތްވެސް ރޯދަ ހިފަން ޖެހޭނެ. އަދި ދެ އަތްވެސް ރޯދަ ހިފަން ޖެހޭނެ. ދެ ފައިވެސް ރޯދަ ހިފަން ޖެހޭނެ. ހިތްވެސް ރޯދަ ހިފަން ޖެހޭނެ. އޭރުން އަޅުގަނޑުމެންނަށް މި ޘަވާބާއި ދަރުމަ ލިބޭނީ.
- ޝައިޚް އިލްޔާސް ހުސައިން