ރޯދަމަސް ފެށުނީ! ކޮންމެ އުނދަގުލަކީ ވައިގެ އުނގަލެއް ކަމަށް ނިންމައި ފަރުވާކުޑަކުރުމަކީ ފުރާނައަށް ނުރައްކާވެދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ރޯދަމަސް ފެށުނީ! ކޮންމެ އުނދަގުލަކީ ވައިގެ އުނގަލެއް ކަމަށް ނިންމައި ފަރުވާކުޑަކުރުމަކީ ފުރާނައަށް ނުރައްކާވެދާނެ ކަމެއް!

ރޯދަ މަހު ބައެއް މީހުންނަށް އެކިބާވަތުގެ އުނދަގޫތައް އިތުރުވެއެވެ. އެއިގެ ތެރޭގައި ވައިގެ އުނދަގޫ، މޭގައި ރިއްސުން ފަދަ ކަންކަން ވެސް ހިމެނެއެވެ. އެކަންކަން އެގޮތަށް އެދިމާވަނީ ރޯދަހިފާތީކަމަށް ބުނާކަށް ނެތީމެވެ. ސަބަބުވެސް މިކިޔައިދެނީއެވެ. 

އަހުރެން ބުނާނީ އެކަންކަން އެހެން އެދިމާވަނީ ރަމަޟާން މަހަށް ވާންޖެހޭ ތައްޔަރީތައް ނުވުމާ އަދި ސުންނަތް ރޯދަތައް ނުހިފައި ރޯދަތަކަށް ފިލައިގެން އުޅެވުނީތީ ކަމަށެވެ. ސުންނަތް ރޯދަތައް ހިފަމުން އައި ރޯދައިގެ އެކުވެރިން ތިބޭނީ ރޯދަހިފަން ހޭނިފައެވެ. ވީމާ ރަމަޟާންމަސް ކަމަށްވީތީ ކުރިމަތިވާ އުނދަގޫތައް ކުޑަވާނެއެވެ. ޢާންމުގޮތެއްގައި އެއްވެސް އިތުރު އުނދަގުލެއް ކުރިމައްޗެއް ނުވާނެއެވެ. އިން ޝާ ﷲ 

ކޮންމެއަކަސް ބޭސްފަރުވާކުރުމުގައި އެންމެން އެންމެ ބޮޑަށް އިތުބާރުކުރާ އެމެރިކާގައި ހިނގި ކަމެއްގެ ވާހަކަ ބުނެލާނަމެވެ! 

އަންހެނެއްގެ ގައިން ތަންތަން ދުޅަވާންފެށީއެވެ. ޑޮކްޓަރުން މާބޮޑު ސަމާލުކަމެއް ނުދެއެވެ. ޙާލު އެކޮ ގޮތްގޮތަށް ބަދަލުވަމުން އައިސް އައިސީޔޫގައި ފަރުވާދޭން ފެށިއެވެ. އެހިސާބުން ހެދި ޓެސްޓްތަކުން އެނގުނީ އޭނާގެ ހިތް ވަރަށް ބޮޑަށް ފޭލްވެފައިވާ ކަމެވެ. އިތުރަށް ކުރި ދިރާސާތަކުން އެނގުނީ ޒުވާންއިރު އޭނާގެ މޭގައި ރިއްސުން، ނޭވާލާން އުނދަގޫވުން ފަދަ ކަންކަން ކުރމަތިވިކަމެވެ. ނަމަވެސް ވައިގެ އުނދަގޫ ކަމަށް ބަލައި އޭނާ ފަރުވާކުޑަކޮށްފައިވާ ކަމެވެ. ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދާފައި ނުވާ ކަމެވެ.

ވީމާ މޭދައި ރިއްސުން، މެއަށްވާންވުން، ނޭވާލާން އުނދަގޫވުން ފަދަ ކަމެއް ކުރިމަތިވާނަމަ އެއީ ރޯދަހިފާތީ ވައިގެ އުނދަގޫތައް ކުރިމަތިވަނީކަމަށް ބަލައި ފަރުވާކުޑަނުކުރާށެވެ! ރޯދަމަހު ޑޮކްޓަރަށް ދައްކަން ދިއުމަކީ އުނދަގޫކަމެއް ނަމަވެސް އެއީ އެގޮތަށް ފަރުވާކުޑަކޮށް ދޫކޮށްލައިގެންވާނެ ކަމެއް ނޫނެވެ. ޑޮކްޓަރަށް ދައްކަންވާނެއެވެ. ފަރުވާ ލިބިގަންނަންވާނެއެވެ. 

މިކަން ހަނދުމަކޮށްލައި މިދިނީ ރޯދަމަހު މިފަދަ މައްސަލަތައް ކުރިމަތިވުމުން އެއީ ރޯދައިގެ ސަބަބުން ކަމަށް ބަލައި ގިނަ ބައަކު ފަރުވާކުޑަކުރާތީއެވެ. އެކަން އެގޮތަށް ނުކޮށް ސަމާލުކަން ދިނުމަށް ބުނުމަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން