ޙައިޟުވެރިންނަށް އެނގެންޖެހޭ މުހިންމު ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 21ސ
ޙައިޟުވެރިންނަށް އެނގެންޖެހޭ މުހިންމު ކަންކަން-

ޙައިޟްވެރިޔާއަށް މިވެނި އެވެނި ކަމެއް ކުރެވޭނެތޯ ބައެއް ކިޔުން ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަންކަން އެނގިލައްވާނެ މުހިންމު ލިޔުމެކެވެ. އިން ޝާ ﷲ

ޙައިޟުވެފައި ހުންނައިރު، ނިޔަފަތި ކެނޑުމާއި، ގައިގެ އިސްތަށި ބޭލުމާއި، އަދި ގައިން ހަން ވަކި ކުރުން ފަދަ ކަންކަން ކުރަން ނުވާނެކަމުގައި ބުނާ މީހުން އުޅެއެވެ. އަދި އެބުނުން އެގޮތަށް ޤަބޫލުކުރާ ބައެއް މީހުން އުޅެއެވެ. އަދި އެފަދަ ބައެއް މީހުން ޤަބޫލު ކުރާގޮތުގައި އަންހެނާ ޙައިޟުވުމުން އޭނާ އެ ހުރީ ހިނައިގަންނަން ޖެހިފައެވެ. އަދި އެ ހިނައިގަތުން ހިނައިނުގަންނަހާ ހިނދަކު އެ ޙައިޟުގެ އަސަރު އޭނާގެ މުޅި ހަށިގަނޑުގައިވެސް ހުންނާނެއެވެ. އިނގިލިތަކުގެ ނިޔަފަތި ތަކާއި ގައިގެ އިސްތަށިތަކަށް ދަންދެނެވެ. އެހެންކަމުން ޙައިޟު ނުނިމެނީސް ހިނައި ނުގަންނަނީސް، ނިޔަފަތި ކަނޑާ، އިސްތިށި ބާލާ ހަދާނަމަ އެ ކަނޑާ ނިޔަފައްޗާއި ބާލާ އިސްތަށި ގައިން ވަކި ކުރާއިރު އެތަކެތިވެސް އެ ހުންނަނީ “ނުޠާހިރުކަން މަތީ” ކަމުގައި އެފަދަ ބޯދާ ޚުރާފީ ޤަބޫލުކުރުންތައް ޤަބޫލުކުރާ މީހުން ޤަބޫލުކުރެއެވެ.

ޙައިޟުވެރިފައި ހުންނައިރު، ނިޔަފަތި ކެނޑުން ހުއްދަވާނެތޯ، ގައިގެ އިސްތަށި ބޭލުން ހުއްދަވާނެތޯ ބައެއް ކަނބަލުން ސުވާލުކުރަނީ ކުރީ ޒަމާނުގެ ބޯދާ މިފަދަ ވާހަކަތައް މީހުން ދައްކާތީއެވެ. މި ބޯދާ ޤަބޫލުކުރުމަކީ އެއްވެސް އަސާސެއް މީގައި އޮތް ޤަބޫލުކުރުމެއް ނޫނެވެ.

• ޙައިޟުވެރިޔާގެ މައްޗަށް ޙަރާމްވާ ކަންކަމުގެ ތެރޭގައި ނިޔަފަތި ކެނޑުމާއި، ގައިގެ އިސްތަށި ވަކިކުރުން އައިސްފައި ނުވެއެވެ.

• ޙައިޟާ ގައިގެ ނިޔަފައްޗާ ގައިގެ އިސްތައްޓާ ގުޅުމެއް ނެތެވެ. ޙައިޟުގެ ދުވަސްވަރުވެސް އަދި އެނޫން ދުވަސްވަރުވެސް، ފިޠުރަތުގެ ތެރެއިން ހިމެނޭ ކަންކަން، ސާފުތާހިރުވުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަން ޖެހޭނެއެވެ.

• ނިޔަފަތި ކެނޑުމާއި، ކިހިލިފަތުން އިސްތަށި އުފުރުމާއި، ލަދުވެތި ގުނަވަނުގެ ވަށައިގެން ހުންނަ އިސްތަށިތައް ބޭލުމާއި، މިފަދަ ކަންކަމަކީ އެއްވެސް ޙާލެއްގައި އެކަންކަން ކުރުމުގެ ޝަރުޠުތަކުގައި ތެރޭގައި ޙައިޟުވެރިވެފައި ނުވުން ހިމެނޭ ކަންތައްތަކެއް ނޫނެވެ.

• ޖުނުބުވެރި ވެފައި ހުރެގެން އަދި ނިފާސްވެރި ވެފައި ހުރެގެން މިފަދަ ކަންކަން ކުރުންވެސް ހަމަ މިފަދައެވެ.

• އިސްލާމްދީނަކީ ސާފުތާހިރުކަމަށް ނުހަނު ބާރުއަޅާ ދީނަކަށް ވާއިރު، ސާފުތާހިރުވުމަށްޓަކައި ކުރަންޖެހޭ ކަންކަން ވަކި މުއްދަތެއް ވަންދެން ދީން މަނާކުރާނެ ކަމަށް ސަލާމަތް ބުއްދި ޤަބޫލެއް ނުކުރެއެވެ. އަދި ކިޔެއް ސާފުތާހިރުވުމުގެ ގޮތުން ކުރާން ހުރި ބައެއް ކަންކަމަކީ ވަކި މުއްދަތެއް އެކަންކަން ނުކޮށް ހިނގައްޖެނަމަ ފާފަވެރިވާވެސް ކަންކަމެވެ.

• ޙައިޟުވެރިޔާ މުޞްޙަފުގައި ބީހުމަކާ ނުލައި ޤުރުއާން ކިޔެވުމަކީ ހުއްދަކަމެކެވެ. އަދި ނިފާސްވެރިޔާވެސް ވަނީ ޙައިޟުވެރިޔާގެ ޙުކުމުގައެވެ. ޙައިޟުވެރިޔާއަށް މަނާކަމަކީ މުޞްޙަފުގައި ބީހުމެވެ. ޤުރްއާން ކިޔެވުން މަނަލެއް ނޫނެވެ. އެކަން މަނާކުރާނެ ޞައްޙަ އެއްވެސް ދަލީލެއް ނެތެވެ.

ޙައިޟުވެރިޔާއަށް ހުއްދަވެގެން ނުވާ ކަންކަން

• ނަމާދުކުރުން

• ރޯދަހިފުން

• ޠަވާފުކުރުން

• ޖިމާޢުވުން

• މިސްކިތަށް ވަނުން

• މުސްޙަފުގައި ބީހުން

 

ޙައިޟުވެރިޔާއަށް މަނާކަންކަން ކަމުގައި މީހުން ޢާއްމުކޮށް ހީކުރާ އެކަމަކު ޙައިޟުވެރިޔާއަށް ހުއްދަވެގެންވާ ކަންކަން

• މުޞްޙަފުގައި ބީހުމެއް ނެތި ކީރިތި ޤުރުއާން ކިޔެވުން

 

• ތަފްސީރު ފޮތްތަކުގައި ބީހުން

 

• ޤުރުއާން ތަރުޖަމާގައި ބީހުން

• ދުޢާކުރުން

 

• ޛިކްރުކުރުން

 

• މައްޔިތުން ހިނެވުން

• މިސްކިތުގައި މަޑުނުކޮށް ޙާޖަތަކަށްޓަކައި މިސްކިތަށް ވަދެލާފައި ނުކުތުން

• ޖިމާޢުނުވެ އެހެން ހުރިހާ ހުއްދަ ގޮތްގޮތުން ދެމަފިރިކަމުގެ އަރާމު ލިބިގަތުން

• ކީރިތި ޤުރުއާނުގެ އާޔަތްތައް ލިޔުން

• ސަޢްޔުކުރުން

• ޠަވާފުކުރުން ފިޔަވާ ޙައްޖުގެ ހުރިހާ މަނާސިކުތައް

• ތިލާވަތުގެ ސަޖިދަކުރުން

• ޝުކުރުގެ ސަޖިދަކުރުން

• މައްޔިތުންގެ މޫނުބެލުން (އަންހެން މައްޔިތެއްނަމަ ނުވަތަ މަޙްރަމެއްނަމަ މައްޔިތާގައިގައި އަތްލުންވެސް ހުއްދައެވެ)

• ނިޔަފަތި ކެނޑުމާއި އިސްތަށި ބޭލުމާއި ގައިން ޠާހިރުވުމުގެ ގޮތުން ކުރާ މިފަދަ ކަންކަން ކުރުން

• ހީނާފަތް އެޅުން

--ޝައިޚް މުޙައްމަދު ޝާފިޢު

މަޞްދަރު

https://islamqa.info/ar/answers/101285

މިއަދު އޮންލައިން