ތިބާގެ ބައިވެރިޔާ ތިބާދެކެ ޙަޤީޤީ ލޯބިވާކަން ޔަޤީންކޮސްލަން ބޭނުންތަ؟ -

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ތިބާގެ ބައިވެރިޔާ ތިބާދެކެ ޙަޤީޤީ ލޯބިވާކަން ޔަޤީންކޮސްލަން ބޭނުންތަ؟  -

ބައިވެރިޔާ ތިބާއަށް ވަރަށް ގިނައިން ހަދިޔާވެސް ދީފާނެއެވެ. އަގުބޮޑު ހަދިޔާވެސް ދީފާނެއެވެ. ހިތް އުފާކޮށްދޭން އެތައް ކަމެއް ކޮށްފާނެއެވެ. ސުވާލަކީ އެވަރުން ބައިވެރިޔާ ތިބާ ދެކެ ޙަޤީޤީ ލޯބިވާކަން ޔަޤީންކުރެވިދާނެހެއްޔެވެ؟ އެވަރުން ފުދޭ ހެއްޔެވެ؟ އަހުރެން ބުނާނީ ނުފުދޭނެ ކަމަށެވެ. ފުދެން ގާތްވެސް ނުވާނެ ކަމަށެވެ.

އެމީހެއްގެ ބައިވެރިޔާ އެމީހަކު ދެކެ ޙަޤީޤީ ލޯބިވާކަން ޔަޤީންކުރެވުމަށްވުރެ ބޮޑު އުފަލަކީ ކޮބައިހެއްޔެވެ؟ ވީމާ މިބުނެދެނީ އެކަން ޔަޤީންކުރަން މިންއަޅައި ކިރަންވީ ކަންކަމެވެ. މިމިންގަނޑުން ކިރައި ފާސްވެއްޖެނަމަ ޙަޤީޤީ ލޯބިވާކަން މުޖައްރިބެވެ.

ޙަޔާތުގެ ބައިވެރިޔާ ތިމާދެކެ ލޯބިވާކަން އެންމެ ފަސޭހައިން ޔަޤީންވާނެ ކަންކަމުގެ ތެރޭގައި ވީހައި ގިނައިން އަޅުކަންކުރަން ހިތްވަރުދިނުމާއި އަޅުކަންކުރަން މަގުފަހިކޮށްދިނުން ހިމެނެއެވެ. އަދި ސުންނަތް ނަމާދުތައް، ޚާއްޞަކޮށް ދަމުނަމާދު އެކުގައި ކުރުންވެސް ހިމެނެއެވެ.

ތިމާ ދެކެ ލޯބިވާނަމަ ކަންބޮޑުވާނީ ހަމައެކަނި ތިމާއަށް ކޮށްދޭންޖެހޭ ކަންކަން ފުރިހަމަކޮށް ނުދެވި ހުރެގެނެއް ނޫނެވެ. އެންމެ ބޮޑަށް ކަންބޮޑުވާނީ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ކަންކަން ނުކުރެވިހުރުމުންނެވެ. އެހެނީ އާޚިރު މަންޒިލުކަމުގައިވުމަށް އެދޭ ސުވަރުގެ ލިބުންވަނީ އަޅުކަންކުރެވުނުވަރަކުންނެވެ. އެހެންވެ ބައެއް ދެމަފިރިން ވާދަކުރަނީ ކޮންކަންކަމަކަށް އެނގޭހެއްޔެވެ؟ މިޒަމާނުގައި މިފަދަ ވާހަކަ ޤަބޫލުކުރަންވެސް އުނދަގޫވެދާނެއެވެ. އެއ އެފަދަ ދެމަފިރިން މަދުކަމުންނެވެ. އެހެންކަމުން އެފަދަ ދެމަފިރިންނަށް އަހަރެން ނަން ދޭނީ ރަސްގެފާނާއި ރާނީގެ ނަމުންނެވެ. މާނައަކީ އެމީހުންގެ ދަރަޖަ އެހައިވެސް މަތިވެރިކަމެވެ.

އެފަދަ ދެމަފިރިން އެކަކު އަނެކަކަށް ވާދަކުރަނީ ދަމުނަމާދަށް ހޭލުމުގައެވެ. ފަތިސް ނަމާދަށް ހޭލުމުގައެވެ. ހޭލެވުމާއިއެކު ފުންމައިގެން ތެދުވެ ބައިވެރިޔާ ހޭލައްވައެވެ. އެކުގައި ދަމުނަމާދުކުރެއެވެ. ޠަބީޢަތް ރަނގަޅުނަމަ ދެމީހުން އެކުގައި ފަތިސްވަންދެން ދުޢާކޮށް ޛިކުރުކުރެއެވެ. ޤުރްއާން ކިޔަވައެވެ. ފަތިސްވުމުން ފިރިމީހާ ޖަމާޢަތަށް މިސްކިތަށްދެއެވެ. އަނބިމީހާ ގޭގައި ނަމާދުކުރެއެވެ. އަދި އެވަރަކުންވެސް ނިންމައިނުލައެވެ.

ދުވާލުވެސް ދެމީހުން ބައްދަލުވުމުން ފުރަތަމަވެސް ކުރާ ސުވާލަކީ ކުރަންޖެހޭ އަޅުކަންތައް ކޮށްފިންތޯއެވެ؟ ނިކަން ބުނެބަލާށެވެ! މިފަދަ ދެމަފިރިއަކަށްވުރެ އެކަކު އަނެކަކު ދެކެ ލޯބިވާ ދެމަފިރިންނަކީ ކޮބައިހެއްޔެވެ؟ އެފަދަ ދެމަފިރިންނަކީ ހުރިހާ ދެމަފިރިންތަކުގެތެރެއިންވެސް ރާނީ އާއި ރަސްގެފާނަށް ނުވާންވީ ކީއްވެގެން ހެއްޔެވެ؟

ދުނިޔޭގައި ދިރިއުޅެން މިނަވަރުކުރައްވަވާ ދަރަޖައަށް ނުބަލާށެވެ! ދުނިޔޭގެ ދިރިއުޅުމަކީ ހަމަ ދާދި ކުޑަހިނދުކޮޅެއްގެ ކަމެކެވެ. ދާއިމަށް ދެމިތިބުންވަނީ އާޚިރަތުގައެވެ. އާޚިރަތް ކާމިޔާބުކުރެވި ސުވަރުގެ ލިބުންވަނީ މިބުނި ފަދަ މަގުން ދުނިޔޭގައި އަމަލުކުރާ ރަސްކަލުންނަށާއި ރާނީންނަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން