އަމީރު މުޢާވިޔާތު 01: އިސްލާމީ ވެރިކަމުގެ މައްޗަށް ބަލައިލުމެއް

ކިޔުމަށް ހޭދަވާނީ 4މ 21ސ
އަމީރު މުޢާވިޔާތު 01: އިސްލާމީ ވެރިކަމުގެ މައްޗަށް ބަލައިލުމެއް

ޢަލީ އީހްޞާން ފިރާޤް

 

އިސްލާމީ ވެރިކަމުގެ ނިޒާމަށް އަވަސް ކަޅިއެއް: 

އިސްލާމްދީނުގެ މަތިވެރި ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم މަދީނާއަށް ހިޖްރަކުރެއްވުމަށްފަހު އިސްލާމީ ވެރިކަމެއްގެ ބިންގާ އެޅުއްވިއެވެ. މިދެންނެވި ވެރިކަމުގެ ވެރިއެއްގެ ގޮތުގައި ހިޖްރައިން 1 ވަނަ އަހަރުން ފެށިގެން 11 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހާ ހަމައަށް ހުންނެވީ ޚުދު މާތް ރަސޫލާ صلّى اللّـه عليه وسلّم އެވެ. މިދެންނެވި މުއްދަތުގެ ތެރޭގައި އެކަލޭގެފާނުވަނީ އިލާހީ ޙުކުމްފުޅުތަކާއި ޙިކުމަތްފުޅުގެ ޢަލީގައި ފުރިހަމަ ޚިލާފަތެއް ހިނގާނެ ގޮތުގެ ފުރިހަމަ ނަމޫނާ ދައްކަވައިފައެވެ. 

ޢަލާމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ މަދަނީ ޙަޔާތްޕުޅު ގެ ތާރީޚު ކުރު ގޮތަކަށް ތިރީގައި ދަންނަވައިލާނަމެވެ. 

·      މައްކާއިން މަދީނާއަށް ހިޖްރަކުރެއްވީ މީލާދީ ތާރީޚުން 622 ގައެވެ.

·      ބަދުރު ހަނގުރާމަ ހިނގީ ހިޖްރައިން 2 ވަނަ އަހަރުގެ ތެރޭގައެވެ. މީލާދީން 624 ގައެވެ.

·      އުޙުދު ހަނގުރާމަ ހިނގީ ހިޖްރައިން 3 ވަނަ އަހަރުގައެވެ. މީލާދީން 625 ގައެވެ.

·      ޚަންދަޤު ހަނގުރާމަ ހިނގީ ހިޖްރައިން 5 ވަނަ އަހަރުގައެވެ. މީލާދީން 627 ގައެވެ.

·      ޙުދައިބިއްޔާގެ ޞުލްޙަނާމާ ލިޔެވުނީ ހިޖްރައިން 6 ވަނަ އަހަރުގެ ތެރޭގައެވެ. މީލާދީން 628 ގައެވެ.

·      މައްކާ ފަތަޙަ ކުރެއްވީ ހިޖްރައިން 8 ވަނަ އަހަރުގެ ތެރޭގައެވެ. މީލާދީން 630 ގައެވެ.

·      ހުނައިނު ހަނގުރާމަ ހިނގީ ހިޖްރައިން 8 ވަނަ އަހަރުގެ ތެރޭގައެވެ. މީލާދީން 630 ގައެވެ.

·      ތަބޫކު ހަނގުރާމަ ހިނގީ ހިޖްރައިން 9 ވަނަ އަހަރުގައެވެ. މީލާދީން 631 ގައެވެ.

·      މާތް ރަސޫލާ ޙައްޖަތުލް ވަދާއުއަށް ވަޑައިގެންނެވީ ހިޖްރައިން 10 ވަނަ އަހަރުގައެވެ. މީލާދީން 632 ގައެވެ.

·      މާތް ރަސޫލާ ސުވަރުގެވަޑައިގެންނެވީ ހިޖްރައިން 11 ވަނަ އަހަރުގައެވެ. މީލާދީން 632 ގައެވެ. 

ޚަލީފާއިންގެ ދައުރު: 

މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވުމަށްފަހު ދެން ފެށުނީ ޚުލަފާއުއްރާޝިދޫންގެ ބަރަކާތްތެރި ދައުރެވެ. ޙަދީޘުން ސާބިތުވާ ގޮތުގައި ޚިލާފަތުގެ މުއްދަތަކީ ތިރީސް އަހަރެވެ. އެއަށްފަހު ދެން ޚިލާފަތު ބަދަލުވާނީ މުލޫކިއްޔަތަކަށެވެ. ރަސްކަމަކަށެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވައިފައިވެއެވެ.

خلافةُ النبوةِ ثلاثونَ سنةً، ثم يُؤتِي اللهُ الملكَ من يشاءُ

މާނައީ: [ޚިލާފަތުއްނުބުއްވަތު ދެމި އޮންނާނީ ތިރީސް އަހަރުގެ މުއްދަތަކަށެވެ. ދެން އެއަށްފަހު މާތް އެދިވޮޑިގެންވާ ފަރާތަކަށް ރަސްކަން ދެއްވާނެއެވެ.] {الألباني (ت ١٤٢٠)، صحيح أبي داود ٤٦٤٧ حسن صحيح} 

އަލްޙާފިޡް އިބްނު ކަޘީރު ވިދާޅުވާގޮތުގައި މިދެންނެވި ތިރީސް އަހަރުގެ މުއްދަތު ހަމަވަނީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ކާފަދަރިކަލުން ޙަސަންގެފާނުގެ ޚަލީފާކަމުގައި ހުންނެވި މުއްދަތާލައިގެންނެވެ. މި ގޮތުގެ މަތީން ބަލާއިރު، މިދެންނެވި ތިރީސް އަހަރުގެ ތެރޭގައި ޚަލީފާކަން ކުރެއްވި ބޭކަލުންގެ ތަރުތީބަކީ މިއީއެވެ. 

·      އަމީރުލް މުއުމިނީން އަބޫބަކުރުއްޞިއްދީޤު ރަޟިޔަ ޢަންހު

·      އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަ ޢަންހު

·      އަމީރުލް މުއުމިނީން ޢުޘްމާން ބިން ޢައްފާން ރަޟިޔަ ޢަންހު

·      އަމީރުލް މުއުމިނީން ޢަލީ ބިން އަބީ ޠާލިބު ރަޟިޔަ ޢަންހު

·      އަމީރުލް މުއުމިނީން ޙަސަން ބިން ޢަލީ ރަޟިޔަ ޢަންހު

ابن أبي العز ވިދާޅުވެފައިވެއެވެ. އަބޫބަކުރުގެފާނުގެ ޚަލީފާކަން ދެމި އޮތީ ދެ އަހަރާއިން ތިންމަސްދުވަހުގެ މުއްދަތަކަށެވެ. ޢުމަރުގެފާނުގެ ޚަލީފާކަން ދެމި އޮތީ ދިހަ އަހަރާއި ބަޔަށެވެ. ޢުޘްމާނުގެފާނުގެ ޚަލީފާކަން ދެމި އޮތީ ބާރަ އަހަރުގެ މުއްދަތަކަށެވެ. ޢަލީގެފާނުގެ ޚަލީފާކަން ދެމިއޮތީ ހަތަރު އަހަރާއި ނުވަ މަސްދުވަހުގެ މުއްދަތަކަށެވެ. ޙަސަންގެފާނުގެ ޚަލީފާކަން ދެމިއޮތީ ހަ މަސްދުވަހުގެ މުއްދަތަކަށެވެ.

 

 

މިއަދު އޮންލައިން