ޞާލިޙް އަޅަކަށްވާން ބޭނުން މީހާއަށް އެންމެ ފުރުޞަތު ބޮޑީ ރޯދަމަހު! ހާރުކާ ވަޤުތު ދުޢާކުރަން ލިބޭ ފުރުޞަތު ނަގާލަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 3ސ
ޞާލިޙް އަޅަކަށްވާން ބޭނުން މީހާއަށް އެންމެ ފުރުޞަތު ބޮޑީ ރޯދަމަހު! ހާރުކާ ވަޤުތު ދުޢާކުރަން ލިބޭ ފުރުޞަތު ނަގާލަން ހެޔޮނުވާނެ!

ތިމާއަކީ ޞާލިޙް އަޅަކަށްވުމުގެ ފުރުޞަތު އެންމެ ބޮޑަށް ތަނަވަސްވެގެންދަނީ ރޯދަމަހުއެވެ. އެއީ ރޭއަޅުކަން ކުރުމުގެ ފުރުޞަތު އެންމެ ބޮޑަށް ފަހިވެގެންދާ މަހަކީ ރަމަޟާން މަސް ކަމަށްވާތީއެވެ. 

ހަމައެއެއާއިއެކު ގިނަ ބައަކު އިހްމާލުވާ ވަރަށް އަގުހުރި ފުރުޞަތެއް އެބަ އޮތެވެ. ގިނަ ބައަކު ހާރުކައިގެން އަނެއްކާވެސް ނިދަނީއެވެ. އެއީ ދުޢާ ޢިޖާބަކުރެއްވެވުމުގެ ފުރުޞަތު ބޮޑުވެގެންދާ  ވަޤުތެއްކަމާއިމެދު ވިސްނައެއް ނުލައެވެ. 

މާޒީމާޒީއަށް ދޫކޮށްލަމާހިނގާށެވެ! މިއަހަރުން ފެށިގެން، މިހާރު ފެށިގެން ކުރިއަށްމިދާ ރަމަޟާންމަހުން ފެށިގެން ޢަމަލުތައް އިޞްލާޙްކޮށް ރަމަޟާން މަހުން ލިބިގަނެވެން އޮތް އެންމެ ބޮޑު މަންފާ ލިބިގަންނަން ގަދައަޅައި މަސައްކަތްކުރަމާ ހިނގާށެވެ! 

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ތަޢާލާގެ ޙަޟްރަތަށް ދުޢާކޮށް އަދި އެއިލާހުގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދެންނެވުމަކީ ހުރިހާ ވަގުތެއްގައިވެސް މުސްލިމުން އަދާކުރާ އަޅުކަމެކެވެ. އަދި ވަކިން ޚާއްޞަކޮށް ހާރުދަމުގެ ވަގުތުގައި އެކަން އިތުރުކޮށް، އެކަމަށް ސަމާލުވުމަކީ އެދެވިގެންވާ ކަމެކެވެ. އެހެނީ އެއީ ދުޢާ އިޖާބަކުރެއްވުމުގެ ފުރުޞަތު ތަނަވަސްވެގެންދާ ވަގުތެކެވެ. 

ޞާލިޙު އަޅުތަކުންގެ ވާހަކަ ބަޔާންކުރައްވައި، ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. 

إِنَّهُمْ كَانُوا قَبْلَ ذَٰلِكَ مُحْسِنِينَ ﴿١٦﴾‏ كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ ﴿١٧﴾‏ وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ ﴿١٨﴾ [سورة الذاريات] 

މާނައީ: "އޭގެ ކުރިން ހަމަކަށަވަރުން އެބައިމީހުންވީ އިޙްސާންތެރިން ކަމުގައެވެ. (16) އެބައިމީހުން ނިދާ އުޅުނީ ރޭގަނޑުން ވަރަށް ކުޑަ ވަގުތުކޮޅެއްގައެވެ. (17) އަދި ހާރުދަމުގައި ފާފަފުއްސެވުމަށް އެދި އެބައިމީހުން ދުޢާ ކުރެއެވެ. (18)" 

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ. 

﴿ وَالْمُسْتَغْفِرِينَ بِالْأَسْحَارِ﴾‏ [سورة آل عمران ١٧] 

މާނައީ: "އަދި (އެބައިމީހުންނީ) ހާރުދަމުގައި ފާފަފުއްސެވުން އެދި ދުޢާކުރާ މީހުންނެވެ." 

އަދި ހާރުދަމުގެ ވަގުތުގައި ދުޢާކުރާ އަޅުތަކުންނަށް، ﷲ ތަޢާލާ އިޖާބަދެއްވާނޭކަމުގެ އުފާވެރިކަމުގެ ޚަބަރު ނަބިއްޔާ صلى الله عليه وسلم ވަނީ ދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الآخِرُ يَقُولُ: مَنْ يَدْعُونِي فَأَسْتَجِيبَ لَهُ، مَنْ يَسْأَلُنِي فَأُعْطِيَهُ، مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ» [صحيح البخاري (1145) وصحيح مسلم 168 – (758)] 

މާނައީ: "ކޮންމެ ރެއެއްގެ ތިން ބައިން ފަހު ބަޔަށް ވެފައިވަނިކޮށް، އަޅަމެންގެ ރައްބު تبارك وتعالى ދުނިޔޭގެ އުޑަށް ފައިބައިވޮޑިގަންނަވައި ވަޙީކުރައްވައެވެ. ‘ތިމަން އިލާހުގެ ޙަޟްރަތަށް ދުޢާ ދަންނަވަނީ ކާކު ހެއްޔެވެ. ފަހެ އެމީހެއްގެ ދުޢާ އިޖާބަކުރައްވާ ހުށީމެވެ. ތިމަން އިލާހުގެ ޙަޟްރަތުން ކަމަކަށް އެދެނީ ކާކު ހެއްޔެވެ. ފަހެ އެކަމެއް ދެއްވާ ހުށީމެވެ. ތިމަންއިލާހުގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދި ދަންނަވަނީ ކާކު ހެއްޔެވެ. ފަހެ އެމީހެއްގެ ފާފަ ފުއްސަވާ ހުށީމެވެ". 

ތަޢާލާގެ ރަޙުމަތާއި ފާފަފުއްސެވުމަށް އުންމީދުކުރާ ޙާލު، ހާރުދަމުގެ ވަގުތު ރޭ އަޅުކަމުގައި ހޭދަކުރުމަކީ ޞާލިޙުންގެ އާދައެކެވެ.   

ދުޢާއަކީ އަޅަމެންނީ އެ ވަގުތުގައި ފާފަފުއްސެވުމަށް އެދި، ﷲ ތަޢާލާގެ ޙަޟްރަތަށް ގިނަގިނައިން ދުޢާކުރުމުގެ ހެޔޮ ތައުފީޤު ލިބިގެންދާ ބަޔަކުކަމުގައި ލެއްވުމެވެ! އާމީން. 

- މަސްދަރު: ދިސަލަފިއްޔާ

 

މިއަދު އޮންލައިން