ކިތަންމެ ހެޔޮލަފާ މީހަކަށްވެސް ކަމެއް ދިމާވެދާނެއެވެ. މަޣްރިބްނަމާދުން ފައިބައިގެން ގެއަށް ގޮސް އޮށޯވެލިތަނުން ނިދުނީއެވެ. ޢިޝާ ނަމާދުގެ ޖަމާޢަތަށް ނުދެވނީއެވެ. ހޭލެވިގެން މިސްކިތަށް ދެވުނުއިރު ޢިޝާނަމާދު ނިމި، ރަވާތިބް ސުންނަތްވެސް ކޮށް ތަރާވީޙް ނަމާދުކުރަން ފަށަނީއެވެ.
ސުވާލަކީ މިޙާލަތުގައި އިމާމާއެކު ތަރާވީޙް ނަމާދާއި އަދި ވިތުރި ކުރުމަށްފަހު ޢިޝާނަމާދުކުރެވިދާނެތޯއެވެ؟ ނޫނީ ތަރާވީޙް ނަމާދުގައި ބައިވެރިވެވޭނީ ޢިޝާނަމާދުކުރުމަށްފަހުގައިތޯއެވެ؟
މިސުވާލަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ޖަވާބަކީ: " ތަރާވީޙް ނަމާދާއި ވިތުރި ކުރެވޭނީ ޢިޝާ ނަމާދު ކޮށް ނިންމުމަށްފަހު އެވެ." والله أعلم.
ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ފުރަތަމަކަމަކަށް އޮތީ ޢިޝާނަމާދުކުރުމެވެ. އަދި އެޙާލަތުގައި ވީހާ ކުރުކޮށްވެސް ކުރެވިދާނެއެވެ. ޢިޝާނަމާދުކުރުމަށްފަހު ތަރާވީޙް ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމުން މައްސަލައެއް ނެތެވެ.