ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ ނިޔަލަށް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ ނިޔަލަށް ހުޅުވާލައިފި

ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މިއީ މިދިޔަ ބުރާސްފަތި ދުވަހު އިޢުލާންކުރި ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓާ ގުޅިގެންނެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، ލިސްޓުގައިވާ ފަރާތަކާ ގުޅޭ ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް [email protected] އީމެއިލް މެދުވެރިކޮށް ނުވަތަ ވުޒާރާއަށް ސިޓީ ފޮނުވައިގެން ޝަކުވާ ހުށަހެޅިދާނެއެވެ. އަދި ޝަކުވާ ހުށަހެޅުމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ވުޒާރާގެ 4004911 އަދި 4004910 ނަންބަރު ފޯނާ ގުޅުމަށް އެ ވުޒާރާއިން އަންގަވާފައިވެއެވެ.

ވުޒާރާއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރު އިޢުލާންކޮށްފައިވާ ލިސްޓުގައި ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ފްލެޓް ޙަވާލުކުރުމުގެ މަސައްކަތް ލަސްނުކޮށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ނަމަވެސް، "ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ފްލެޓް ލިބުމަށް ކަނޑައަޅާފައިވާ ޢަދަދަށް ޕޮއިންޓް ލިބިފައިނުވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ބަލައި ގޮތެއް ނިންމަންދެން އެފަރާތްތަކަށް ކުރިން ދިނުމަށް ކަނޑައަޅާފައިވާ ފްލެޓްތައް އެހެން އެއްވެސް ފަރާތަކަށް ދިނުމަށް ކަނޑަނާޅާނެ" ކަމަށް ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިމަހުގެ ނިޔަލަށް ކަނޑައަޅާފައިވާއިރު، މި މުއްދަތުގެ ތެރޭގައި ހުށަހެޅޭ ޝަކުވާތައް ބަލައި، އެއަށް އަވަސް ޙައްލެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ވުޒާރާއިން ވަނީ އިތުރަށް ހާމަކުރައްވާފައެވެ.

މިއަދު އޮންލައިން