އެސްޓީއޯ އިން ލޮނުމެދު ކިލޯއެއް 45 ރުފިޔާއަށް ވިއްކަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
އެސްޓީއޯ އިން ލޮނުމެދު ކިލޯއެއް 45 ރުފިޔާއަށް ވިއްކަން ފަށައިފި

އެސްޓީއޯގެ ޕީޕަލްސް ޗޮއިސް އިން މިއަދު ލޮނުމެދު ކިލޯއެއް 45 ރުފިޔާ އަށް ވިއްކަން ފަށައިފި އެވެ. މިއީ މިހާރު ބާޒާރުގައި ލޮނުމެދު ވިއްކަމުންދާ އަގާ އަޅާބަލާއިރު ދެބައިކުޅަ އެއްބައި ކުޑަ އަގެކެވެ.

ރަމަޟާން މަހަށް ޚާއްސަކޮށް އެސްޓީއޯއިން ވަނީ ލޮނުމެދުގެ އިތުރުން ފިޔާ، ބިސް، އަލުވި އަދި ލުނބޯ ވެސް ރާއްޖެއަށް އިމްޕޯޓުކޮށްފައެވެ. މި ތަކެތި ވިއްކުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ އެސްޓީއޯ ހޮޓާ ސައިޓުގެ އިތުރުން މާލޭ އިންޑަސްޓްރިއަލް ވިލެޖުންނާއި މާލޭގައި ހުންނަ ހޯލްސޭލް ސެންޓަރުންނެވެ.

ރަމަޟާން މަހަށް ޚާއްސަކޮށް އެސްޓީއޯއިން ވަނީ 24 ބާވަތެއްގެ ތަކެތި ބާޒާރަށް ނެރެފައެވެ. މި ތަކެތި ބަހާލެވިފައިވަނީ ހަތަރު ކެޓަގަރީއަކަށެވެ. އޭގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ ގޮތުގައި ފިޔާ، ބިސް، އަލުވި، ކާށި އަދި ކަދުރު ހިމެނެއެވެ. އަދި ތާޒާ ތަރުކާރީ އާއި މޭވާގެ ގޮތުގައި ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް އަދި ކިއުކަންބާ ހިމެނެއެވެ.

ރަމަޟާން މަހަކީ ކާބޯތަކެއްޗަށް ޑިމާންޑް އިތުރުވާ މޫސުމަކަށްވާތީ، މިފަދަ އަސާސީ ތަކެތި އެކަށޭނަ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެސްޓީއޯގެ އަމާޒެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އާންމުންނަށް މެދުނުކެނޑި މި ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އެސްޓީއޯއިން ވަނީ ހުޅުމާލޭ ހޮޓާ ހޯލްސޭލް ސައިޓް މި ރަމަޟާން މަހަށް ޚާއްސަކޮށް ސްޓޭޝަންކޮށްފައެވެ.

މިއަދު އޮންލައިން