ފެނބޮޑުވެފައިވާ ސަރަހައްދުތަކުން މީހުން އުފުލުމަށް ފުލުހުންގެ ވެހިކަލްތަކުގައި އެހީތެރިކަން ފޯރުކޮށްދެނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ފެނބޮޑުވެފައިވާ ސަރަހައްދުތަކުން މީހުން އުފުލުމަށް ފުލުހުންގެ ވެހިކަލްތަކުގައި އެހީތެރިކަން ފޯރުކޮށްދެނީ

މާލޭގައި ވިއްސާރަވެ ފެންބޮޑުވުމާ ގުޅިގެން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންގެ ވެހިކަލްތަކުގައި މީހުން އުފުލުމުގެ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިޔާތާ ބެހޭ ވަޒީރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު އިހްސާން ވިދާޅުވި ގޮތުގައި މާލޭގައި އާންމުކޮށް ފެންބޮޑުވާ ސަރަހައްދުތަކުގައި ސިފައިންގެ ފަރާތުން ޑީ-ވޯޓަރިންގގެ މަސައްކަތް ކުރިއަށް ގެންދާއިރު، ފުލުހުން އަމާޒުކުރަނީ މާލެ ތެރެ ބެލެހެއްޓުމަށާއި، ޚާއްސަކޮށް ހޮސްޕިޓަލް ސަރަހައްދުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް އެހީތެރިވުމަށެވެ.

"ފުލުހުންގެ ވެހިކަލްތަކުގައި މީހުން އުފުލުމާއި، ތާށިވެފައިވާ ވެހިކަލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އާންމުންގެ ގެތަކަށާއި ފިހާރަތަކަށް ފެން ވަދެ ގެއްލުން ލިބިދާނެ ހިސާބުތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތްވެސް ފުލުހުން ކުރިއަށް ގެންދޭ،" ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ވެހިކަލްތަކުގެ ދުއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުންގެ ފަރާތުން ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އާންމު ރައްޔިތުންނަށް އިލްތިމާސް ކުރެއްވީ ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ކޮންމެހެން ނޫނީ ވެހިކަލް ނުދުއްވުމަށާއި، ދުއްވަން ޖެހިއްޖެ ހާލަތެއްގައި އެހެން ފަރާތްތަކުގެ ގެތަކަށާއި ވިޔަފާރިތަކަށް ގެއްލުން ނުވާނެހެން މަޑުމަޑުން ދުއްވުމަށެވެ.

މިއަދު އޮންލައިން