ޛިކުރްކުރާއިއރު އަޢުރަނިވާކުރަންޖެހޭނެ މިންވަރާއިބެހޭ ގޮތުން ކުރެވޭ ސުވާލަށް ޖަވާބެއް ދިނުމުގެ ގޮތުން ބުނެލަމެވެ.
ހެނދުނާއި ހަވީރުގެ ޛިކުރުތައް ނަމަވެސް އަދި ނިދުމުގެކުރިން ކުރާ ޛިކުރުތައް ނަމަވެސް އަދި އެހެން ޛިކުރެއް ނަމަވެސް ޛިކުރުކުރަން އަޢުރަނިވާކުރުން ކަމަށް މާނަކުރާފަދައިން އަޢުރަނިވާކުރަން ނުޖެހޭނެ އެވެ. (މިސާލަކަށް ބުރުގާ، ޙިޖާބްއަޅާކަށް ނުޖެހޭނެއެވެ.) ނަމަވެސް ހުންނަންވާނީ ހެދުމެއްލައިގެންނެވެ.
ރަމަޟާން މަހު ރޯދައަށް ހުންނައިރު މަސައްކަތުގައި އުޅުނަސް ވީހާ ގިނައިން ޛިކުރުތައް ކިޔާށެވެ. އަންހެނުން ބަދިގޭގެ މަސައްކަތުގައި އުޅެމުންވެސް ޛިކުރުތައް ކިޔާށެވެ! ތިމާ ކާންދޭންޖެހޭ މީހުންނަށް ކާންދިނުމަށްޓަކައި ކެއްކުމަކީވެސް އަޅުކަމެކެވެ. ކާންދިނުމަކީވެސް އަޅުކަމެކެވެ. މަސައްކަތްކުރަމުން ޛިކުރުތައް ކިޔުމުން އިތުރު އަޅުކަމެއް ކުރެވުނީއެވެ.
ހަމައެއާއިއެކު ސަމާލުކަންދޭންޖެހޭނެ އެއްކަމަކީ އަމިއްލަ ގޭތެރޭގައި ނަމަވެސް ތިމާ އެމީހެއްގެ ނުވަތަ އެބައެއްގެ ކުރިމަތީގައި އަޢުރަނިވާކުރަން ޖެހޭނެ މީހުންގެ ކުރިމަތީގައި އަބަދުވެސް ހުންނަން ޖެހޭނީ އަޢުރަ ނިވާކޮށްގެންނެވެ. އެއީ ގޭގައި ގެންގުޅޭ ނޯކަރަކުގެ ކުރިމަތީގައި ނަމަވެސްމެއެވެ. އަންހެނަކުނަމަވެސް އަދި ފިރިހެނަކު ނަމަވެސްމެއެވެ.
މިސާލަކަށް އަންހެނަކު އެކަނި ކޮޓަރީގައި ނަމާދުކުރުމަށްފަހު އުދާސްވާނަމަ ބުރުގާ ނަގައިގެން އިނދެ ޛިކުރުކުރެވިދާނެއެވެ. އެކަން ހުއްދައެވެ. ބަދިގޭ ނުވަތަ ގޭތެރޭ މަސައްކަތުގައި އުޅޭއިރުވެސް ޛިކުރުކުރަންވީއެވެ. ކޮންމެހެން ބުރުގާއަޅާކަށް ނުޖެހޭނެއެވެ.
ޛިކުރުކުރުން ގިނަކުރެވޭނީ މަސައްކަތުގައި އުޅެމުންވެސް ޛިކުރުކުރާނަމައެވެ. ގަދައަޅައި މަސައްކަތްކުރަންވީ ވީހައި ގިނަ ވަގުތު ޛިކުރުކުރުމުގައި ހޭދަކުރުމަށެވެ. އެއީ ﷲ ތަޢާލާ އާއި ކުއްތަންވުން އިތުރުވެ ލޯބިވެވޮޑިގަތުން ލިބެން އޮތް މަގެކެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން