މިރަމަޟާންމަހު އެމްޓީސީސީގެ ފެރީ އާއި ބަހުގެ ޚިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެނެސްފައިވާކަމަށް އެކުންފުނިން މިއަދު ހާމަކޮށްފިއެވެ.
ގްރޭޓަރ މާލޭ ސަރަޙައްދުގައި، މާލެއިން ހުޅުމާލެ ފިޔަވަހި 1 އަދި 2 އަށް ކުރާ ބަސް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައެވެ. ރޯދަ ވީއްލާ ގަޑިއަށް ދަތުރުތައް މެދުކަނޑާލުމަށްފަހު، ރޭގަނޑު 7:20 ގައި އަލުން ފަށައި، ރޭގަނޑު 12:00 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭތެރޭގައި ފޯރުކޮށްދޭ އޯކިޑް، އަމީނީ އަދި ސޯސަން ރޫޓުގެ ދަތުރުތައް ފެށޭނީ ހެނދުނު 7:00 ގައެވެ. މި ދަތުރުތައް އިރުއޮއްސި 6:00 އަށް މެދުކަނޑާލުމަށްފަހު، ރޭގަނޑު 9:00 ގައި އަލުން ފަށައި، ރޭގަނޑު 12:00 އާ ހަމައަށް ކުރިއަށް ގެންދެވޭނެއެވެ.
އެމްޓީސީސީން 20 އަތޮޅު 6 ޒޯނަކަށް ބަހާލައިގެން 68 ރޫޓުން ކުރާ ފެރީ ދަތުރުތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. "ފެރީގެ ޚިދުމަތަކީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށާއި މުދާ އުފުލުމަށް ބޭނުންކުރާ ޚިދުމަތަކަށް ވާތީ، މިރަމަޟާންމަހު ދަތުރުތައް ރާވާފައިވަނީ ވީހާވެސް ބޮޑަށް ރައްޔިތުންނަށް ލުއިފަސޭހަ ވާނޭގޮތަށް" ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
އާރްޓީއެލް ފެރީ ދަތުރުތަކަށް ގެނެސްފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި، ކޮންމެ ރޫޓެއްގެވެސް އެންމެ ފަހު ދަތުރު އިރުއޮއްސުމުގެ ކުރިއަށް ނިމޭގޮތަށް ތާވަލުކުރެވިފައިވާއިރު، ރަމަޟާން މަހުގެ ހުކުރު ދުވަސްތަކުގައި އާރްޓީއެލް ފެރީ ދަތުރުތައް ނުކުރާނެ ކަމަށްވެސް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.