އަންތބެއްގެ ބޮލުގަ ކިތަންމެ ބޮޑު އިލްޒާމެއް އެޅުވިނަމަވެސް ދެރައެއް ނުދެވޭނެ މަގު-: ޑރ. ޝައިޚާ ހައިފާ ޔޫނިސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 57ސ
އަންތބެއްގެ ބޮލުގަ ކިތަންމެ ބޮޑު އިލްޒާމެއް އެޅުވިނަމަވެސް ދެރައެއް ނުދެވޭނެ މަގު-: ޑރ. ޝައިޚާ ހައިފާ ޔޫނިސް

ހަމައާއި އިންޞާފު ގެއްލި ހިނގައްޖެއެވެ. ކިތަންމެ ރަނގަޅަށް އުޅުނަސް ބޮލުގައި ކިތަންމެ ބޮޑު އިލްޒާމެއް އަޅުވަންވެސް ފަސްޖެހޭ މީހަކު މަދެވެ. ދެމަފިރިންގެ ދޭތެރޭގައި ަމއްސަލަ ޖެއްސުވުމާއި ދިރިއުޅުން ހަލާކުކުރުވުމުގެ ފާފައިގެ ބޮޑުކަމަށް ވިސްނަނީ މަދުމީހެކެވެ. 

ދޮގު އިލްޒާމްތައް އެޅުވުމުގެ ސަބަބުން ރޫޅިގެންދާ ކައިވެނިތައް ގިނަވެއްޖެއެވެ. ނިކަމެތިވެ އެކަނިވެރިވާ އަންހެނުން ބައިވަރެވެ. އެހެންކަމުން އެފަދަ ޙާލަތެއް ކުރިމަތިވިނަމަވެސް މާޔޫސްނުވެ ދިރިއުޅެވެން އޮތް މަގު ދަސްކުރަން އެބަޖެހެއެވެ. 

ކައިވެނިކޮށްގެން ހުންނަ އަންހެނަކަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް އިމްތިޙާނަކީ އޭނާގެ ބޮލުގައި ޒިނޭގެ އިލްޒާމް ނުވަތަ ހިލޭ ފިރިހެނަކާއި ގުޅުން އޮންނަކަމުގެ އިލްޒާމް އެޅުވުމެވެ. އެފަދަ ކަމެއް ކުރިމަތިވެއްޖެނަމަ އަހަރެމެންނަށް ކަންކަން ކުރެވެނީ ކިހިނަކުން ހެއްޔެވެ؟ ފިރިމީހާއަށް ދެވެނީ ކޮން ޖަވާބެއް ހެއްޔެވެ؟ 

ތެލިފޮޅި ނުގަނެވޭހެއްޔެވެ؟ ޙައްޤު ގޮތުގައި ހުރިނަމަވެސް ބޭކާރު ވާހަކަތައް ނުދެއްކޭހެއްޔެވެ؟ ކޮންމެވެސް މީހަކު ކުށްވެރިކުރަން މަސައްކަތް ނުކުރެވޭ ހެއްޔެވެ؟ 

އެހެނަސް މިއުންމަތުގެ މަިކަނބަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢާއިޝަތުގެފާނަށް ހަމަ އެފަދަ މައްސަލައެއް ކުރިމަތިވެވަޑައިގަތުމުން ޢަމަލުކުރެވެވި ގޮތް ހިތަށް ގެންނާށެވެ. ﷲ ތަޢާލާއަށް ވަކީލް ކުރެއްވެވީއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތަށް އެދިވަޑައިގެންނެވީއެވެ. ކެތްތެރިވެވަޑައިގަތީއެވެ. 

ނަތީޖާއަކީ ކޮބައިހެއްޔެވެ؟ އެކަމަނާއަކީ ތެދުވެރިއެއްކަމުގައި ވަޙީކުރެއްވެވީއެވެ. އެއާޔަތަކީ ދުނިޔެ އޮތްހައި ދުވަހަކު މީސްތަކުން ކިޔަވާނެ އާޔަތެއްކަމުގައި ލެއްވެވީއެވެ. 

މިއަދު އެހެން އެކަމެއް ނުވާނެއެވެ. އެހެނަސް އެފަދަ ޙާލަތެއް ކުރިމަތިވުމުން ޢާއިޝަތުގެފާނު ޢަމަލުކުރެއްވެވި ފަދައިން ޢަމަލުކޮށްފިނަމަ ހަމަ އަހަރެމެންނަށްވެސް ހެޔޮ ގޮތް މިންވަރުކުރައްވަވާނެތެވެ. އެމީހަކީ ތެދުވެރިއެއްކަން ހާމަކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ 

އަދިވެސް ހަމަ އެޙާދިޘާއިން ލިބިގަންނަން ޖެހޭ ވަރަށް ބޮޑު ޢިބްރަތެއް އެބައޮތެވެ! އެކަމަނާއަކީ ތެދުވެރިއެއްކަން ބަޔާންކުރައްވަވައި ﷲ ތަޢާލާ ވަޙީ ބާވައިލެއްވެވުމުން އެކަން ރަސޫލް ހަދީޘްފުޅު ކުރެއްވެވި ހިނދު ފިރިކަލުންނަށް ޝުކުރު އަދާކުރައްވަން މަންމާފުޅާއި ބައްޕާފުޅު ވިދާޅުވިއެވެ. 

ނަމަވެސް އެކަމަނާ ދެއްވެވި ޖަވާބަކީ ކޮބައިކަން އެނގޭހެއްޔެވެ؟ "އަހުރެން ޝުކުރުވެރިވާނީ އަހުރެންނަކީ ތެދުވެރިއެއްކަން ބަޔާންކޮށްދެއްވެވި ﷲ ތަޢާލާއަށެވެ." ކޮންފަދަ ވަރުގަދަ ބަސްފުޅެއްތޯއެވެ؟ އެކަމަނާގެ ހިތްޕުޅުގައި ހުރިހާ ޚާއްޞަ ކަމެއް ދެވިގެންވަނީ ﷲ ތަޢާލާއަށްކަން އެނގިގެން ނުދޭތޯއެވެ؟ މިއަދު އަހުރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ 

އެފަދަ ދަރަޖަ ލިބިގަތުމަށްޓަކައި އަހަރެމެންވެސް މަސައްކަތްކުރަން ޖެހެއެވެ. މިޘާލަކަށް ޟުޙާ ނަމާދު ފަދަ އެންމެ 2 ރަކްއަތުން ކުރެވޭ ސުންނަތް ނަމާދެއް ކުރައްވަވަން އެކަމަނާ (ޢާއިޝަތުގެފާނު) އެތައް ގަޑިއިރެއް ހޭދަކުރެއްވެވިއެވެ. 

އަހަރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ ނަމާދުކުރެވޭ ދިގުމިން ބާއްވާފައި އެންމެ ކުޑަމިނުން ޟުޙާނަމާދު ފަދަ ސުންނަތް ނަމާދުތައް އެބަ ކުރެވޭ ހެއްޔެވެ؟ ޤުރްއާން ކިޔެވޭ ހެއްޔެވެ؟ ޛިކުރުކުރެވޭ ހެއްޔެވެ؟ 

އެކަމަކުވެސް އަހުރެމެން އަންހެނުން ގަދަ އަޅައި ބަހުސް މިކުރަނީ ފިރިހެނުންނާއި އަންހެނުން ތަފާތުކުރާތީ ހަމަހަމަވާންވެގެންނެވެ. ތިމާގެ މަސްއޫލިއްޔަތަކީ ކޮބައިކަމާއިމެދުގައި ވިސްނައެއް ނުލަމުއެވެ. ދުނިޔެއަށް ފޮނުއްވަވާފައި މިވަނީ ކޮން މަޤްޞަދެއް ޙާޞިލުކުރަންކަން ހަނދާނަކު ނުހުރެއެވެ. ވީމާ އަހަރެމެންގެ މިސްރާބު ބަދަލުކުރަން އެބަޖެހެއެވެ. ކާމިޔާބު ހޯދަން މަސައްކަތްކުރަން އެބަޖެހެއެވެ. އެކަން ޙާޞިލުކުރެވެން އޮތީ މިކިޔައިދިން ފަދަ ކަންކަމަށް ވިސްނައި ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކޮށްގެންނެވެ.

 

- ޑރ. ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން

 

މިއަދު އޮންލައިން