ބައިވެރިޔާ ގޯސްވުމަކީ ތިބާއަށް ލިބެން އޮތް އުފާވެރިކަން މާބޮޑުވާނެ ސަބަބަކަށް ހަދަން ދެއްވަވާ ފުރުޞަތުގެ ބޭނުން ހިފަން ކަންކަންކުރަން އޮތް މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ބައިވެރިޔާ ގޯސްވުމަކީ ތިބާއަށް ލިބެން އޮތް އުފާވެރިކަން މާބޮޑުވާނެ ސަބަބަކަށް ހަދަން ދެއްވަވާ ފުރުޞަތުގެ ބޭނުން ހިފަން ކަންކަންކުރަން އޮތް މަގު-

ބައެއް މީހުން ފާފަތަކަށް އަރައިގެންފައި އެކަންކަން ކުރަނީ ބައިވެރިޔާ މިވެނި އެވެނި ކަމެއް ކުރުމުން ބަދަލުހިފަން ކަމަށް ބުނެއެވެ. އެމީހުންނަށް ނުއެނގޭ ކަމަކީ ފާފަނުކުރަންވީ ތިމާއަށްޓަކައި ކަމެވެ. އަދި އެއްވެސް ފާފައެއްކޮށްފައި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެ ކަމެވެ.

އެއްވެސް ކަމެއް ﷲ ތަޢާލާ ނިންމަވާނީ މިވެނި ގޮތަކަށްކަން ބުނަން އެނގޭނެ އެކަކުވެސް ނުހުންނާނެއެވެ. ނަމަވެސް ބުނަން އެނގޭނެ ވަރެއްވެސް އެބަ އޮތެވެ. އެއީ ފާފަކުރުމުން އެމީހަކަށް ޢަޛާބް ޙައްޤުވާނެ ކަމެވެ. އަދި ތިމާއާއިމެދު އަނެކާ ކޮންމެ ގޮތަކަށް ކަންކަން ކުރިނަމަވެސް ތިމާ ﷲ ތަޢާލާއަށް ތެދުވެރިވެ އިޚްލާޞްތެރިވާނެ ޖެހޭނެ ކަމެވެ. މިއީ ކީރިތި ޤުރްޢަނާއި ޙަދީޘްފުޅުތަކުން އެނގި ޔަޤިންވާންހުރި ކަންކަމަށްވާތީއެވެ.  

ބުނަންހެއްޔެވެ؟ ބައިވެރިޔާއަށް ތިބާއަށް ބޭވަފާތެރިވީއެވެ. އަނިޔާވެރިވެސްވީއެވެ. އެހިސާބުން ދިރިއުޅުން ކުރިއަށް ގެންދާނެ ގޮތަކާއިމެދު ގޮތް ނިންމުމުގެ އިޚްތިޔާރު ދެމަފިރިންކުރެ ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ. ފިރިމީހާ ކަމަށްވުމަކީވެސް އަދި އަނބިމީހާކަމަށްވުމަކީވެސް އަނެކާގެ ކިބައިން އަނިޔާ ލިބޭނަމަ، އަނިޔާކުރުން ހުއްޓައިނުލާނަމަ ކެތްތެރިވެގެން ހުންނަން ޖެހޭ ސަބަބެއްވެސް ނޫނެވެ.  

އަމިއްލައަށް ގޮތް ނިންމަން ނުއެނގޭނަމަ އިސްތިޚާރާކުރާށެވެ! ހެޔޮ ވިސްނުން ދެއްވެވުން އެދިގެން ދުޢާކުރާށެވެ! އެމީހަކަށް ހެޔޮ ވިސްނުން ދެއްވަވާނެތެވެ! ނަމަވެސް އެއިގެ ބަދަލުގައި އަނެކާ މިވެނި ގޮތަކަށް ކަންކަން ކުރާތީ އެއީ ސަބަބަކަށް ހަދައި ފާފަކުރާނަމަ އެއީ އަމިއްލައަށް ހަލާކުގެ ތެރެއަށް ވެއްޓިގަތުމެވެ. އެއީ ﷲ ތަޢާލާގެ ރަޙްމަތުން މަޙްރޫމް ކުރައްވަވައިފާނެ ކަމެކެވެ. އުފާވެރިކަމުން މަޙްރޫމްކުރައްވަވައިފާނެވެސް ކަމެކެވެ. 

މިނަޞޭޙަތް ދޭންމިޖެހެނީ ބަދަލުހިފުމުގެ ގޮތުން ފާފަކުރާ މީހުންނަށް އެމީހުންނަށް އެކުރެވެނީ ކިހައި ގެއްލުންހުރި ކަމެއްކަން ވިސްނައިދިނުމަށެވެ. ދެންކުރާ ކައިވެނީގައިވެސް އުފާވެރިކަން ނުލިބިދާނެކަން ވިސްނައިދިނުމަށެވެ. ދެން ލިބޭ ބައިވެރިޔާގެ ސަބަބުން މާބޮޑެތި މައްސަލަތައް ކުރިމަތިވެދާނެ ސަބަބެއްކަންވެސް ވިސްނައިދިނުމަށެވެ.  

ވީމާ އަނެކާ ކުރާ ކަންކަމަށް ނުބަލާށެވެ! ތިމާ ﷲ ތަޢާލާއަށް ތެދުވެރިވާށެވެ! އެއިރުން އެމީހަކަށް މާއުފާވެރި ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން