ފަތިސްނަމާދަށް ނުހޭލެވުނުމީހާ މެންދުރުނަމާދާއި ފަތިސްނަމާދު އެކުގައި ކުރަން ލަސްކުރުމަކީ ނަމާދު އެޅުން ފަދަ ކަމެކެވެ. އޮތީ ހޭލެވުމުން ފަތިސްނަމާދުކުރަން އަވަސްވެގަތުމެވެ.
- ޝައިޚް މުޙައްމަދު އިބްރާހީމް
ނަމާދަކީ ދީނުގެ ތަނބެވެ. އަޅާއާއި ކާފިރުކަމާއި ދެމެދުގައިވާ އިންފާރަކީ ނަމާދެވެ. އެހެން ކަމުން ހުރިހާނަމާދު ތަކެއްވެސް އެނަމާދަކަށް ކަނޑައެޅިފައި ވާވަގުތުގައި އަދާކުރަން ޖެހޭނެއެވެ.
ފަތިސްނަމާދަށް ހޭލެވުނުއިރު، ވަގުތު ފާއިތުވެގެން ދަނީކަމުގައި ވީނަމަވެސް ވީހާވެސް އަވަހަށް ނަމާދު ކުރާނީއެވެ. އިތުރަށް ލަސްކޮށްގެން ނުވާނެއެވެ. ސަބަބަކީ މެންދުރުވަންދެން ދުނިޔޭގައި ހުންނާނެ ކަމުގެ ޔަޤީން ކަމެއްނެތީމައެވެ. އެހެން ކަމުން އަވަހަށް ނަމާދު ކުރަން ޖެހޭނެއެވެ.
ނަމާދުތައް ކުރެވޭނީ ތަރުތީބުންނެވެ. ފަތިސްނަމާދު ނުކޮށް ހުއްޓާ މެންދުރު ވަގުތު ވެއްޖެނަމަ ފުރަތަމަ ކުރާނީ ފަތިސްނަމާދެވެ. އެޔަށްފަހު މެންދުރުނަމާދެވެ. އެހެން ނަމާދުތައްވެސް ހަމަ މިފަދައިންނެވެ. والله أعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފަތިސްނަމާދަށް ހޭފުޅު ނުލެއްވެވުނު ރޭ، ހޭފުޅު ލެއްވެވުމާއިއެކު ފަތިސްނަމާދު ޤަޟާއަށް ކުރެއްވެވުމަށް އަވަސްވެވަޑައިގެންނެވިއެވެ. ވަކި ވަޤުތަކަށް ނުބައްލަވައެވެ. ވީމާ އެންމެ ރަނގަޅު ވަޤުތަކީ ވީހާއަވަހަކަށް ކުރުންކަން އެނގިގެންދެއެވެ.