ނަބިއްޔާ ޞޢޥ ގެ ޙައުޟުން ބޯން ލިބުމަށްފަހު ކަރުހިއްކުމެއް ނުވެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 10މ 44ސ
ނަބިއްޔާ ޞޢޥ ގެ ޙައުޟުން ބޯން ލިބުމަށްފަހު ކަރުހިއްކުމެއް ނުވެއެވެ!

ނަބިއްޔާ صلى الله عليه وسلم ގެ ޙައުޟުން ބޯން ލިބިއްޖެމީހަކަށް އެލިބުނީ ކޮންފަދަ މަތިވެރި ކާމިޔާބެއް ހެއްޔެވެ. ފަހެ، އެއިން ބުޔުމަށްފަހު ދެން ކަރުހިއްކުމެއް ނުވެއެވެ. އަދި އެޙައުޟުން ބުޔުމުން އެއްކިބާ ކުރެވުނު މީހަކީ ކޮންފަދަ ބޮޑު އަބާއްޖަވެރިއެއް ހެއްޔެވެ. ހަމަކަށަވަރުން ތިބާގެ ރައްބު އެއްވެސް މީހަކަށް އަނިޔާވެރިވެ ވޮޑިނުގަންނަވާނެއެވެ. 

އެންމެހާ މުސްލިމުންނޭވެ. ޙައުޟުން ފެން ބުޔުން މަނާކުރެވޭނެ ކަންކަމަކީ ބިދުޢައާއި ދީނުގެ ތެރެއަށް އަލަށްވެއްދޭ ކަންކަމެވެ. އަދި ބަހަކުން ނުވަތަ ޢަމަލަކުން ވިޔަސް އިސްލާމްދީނުން މީސްތަކުން އެއްކިބާކުރުމެވެ. އެކަލޭގެފާނުގެ ޙައުޟުގެ ކައިރިން މިއުންމަތުގެ ބަޔަކު ދުރައްލެވޭ ވާހަކަ ބަޔާންކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. 

((فَأَقُولُ إِنَّهُمْ مِنِّي، فَيُقَالُإِنَّكَ لاَ تَدْرِي مَا أَحْدَثُوا بَعْدَكَ، فَأَقُولُسُحْقًا سُحْقًا لِمَنْ غَيَّرَ بَعْدِي)) [رواه البخاري برقم 6584] 

މާނައީ: "ފަހެ އެބައިމީހުންވަނީ ތިމަންކަލޭގެފާނާ އެކުގައިކަމަށް ތިމަންކަލޭގެފާނު ޙަދީޘްކުރައްވާނަމެވެ." ފަހެ ތިމަންކަލޭގެފާނަށް ދެންނެވޭނެއެވެ. ކަލޭގެފާނަށް ފަހު އެބައިމީހުން ގެނެސްގަތް ކަންތައްތައް ކަލޭގެފާނަށް އެނގިވަޑައިގެން ނުވެއެވެ. ފަހެ ތިމަންކަލޭގެފާނު ޙަދީޘްކުރައްވާނަމެވެ. "(ދީނުގައިވާ ކަންތައްތައް) ތިމަން ކަލޭގެފާނަށް ފަހު ބަދަލުކުރިމީހަކު ދަންނައެވެ. އެމީހަކަށްވަނީ ދުރުކުރެއްވުމެވެ. އެމީހަކަށްވަނީ ދުރުކުރެއްވުމެވެ."    

ޙައުޟުން ފެން ބުޔުން މަނާކުރެވޭ ސަބަބުތަކުގެ ތެރޭގައި ބޮޑު ފާފަތައް ހިމެނެއެވެ. ފަހެ، އެއީ ހިތްތައް ނުބައިކުރާ އެއްޗެކެވެ. އަދި ދެއްކުންތެރިކަމާއި މީސްތަކުންނަށް އިއްވުމަށް ކަންކަންކުރުންވެސް ޙައުޟުން ފެން ބުޔުން މަނާކުރެވޭ ސަބަބުތަކުގެ ތެރޭގައި  ހިމެނެއެވެ. އަދި އަޅުތަކުންގެ މެދުގައި އަނިޔާވެރިވުމަކީވެސް އެކަން މަނާކުރެވޭ ވަރަށް ބޮޑު ސަބަބެކެވެ. 

ތިބާގެ އެންމެ އެދޭ ކަމަކީ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ޙައުޟުން ބުއިން ކަމުގައިވާނަމަ މިދުނިޔޭގައި ތިބާ ޢަމަލުކުރަންވީ ކިހިނެތް ހެއްޔެވެ؟ 

*ޙައުޟަށް އީމާންވުމަކީ އާޚިރަތް ދުވަހަށް އީމާންވުމުގެ ތެރެއިންވާ ކަމެކެވެ. 

*ޙައުޟަކީ ﷲ ތަޢާލާގެ ކަރާމާތްތެރިކަމުން އެއިލާހުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް ދެއްވާފައިވާ އެއްޗެކެވެ. އެކަލޭގެފާނުގެ އުންމަތުގެ މީހުން މަޙްޝަރުގެ ބިމުގައި އެއިން ބޯނެއެވެ.

*އެދުވަހުން ޙިސާބު ބެއްލެވުމުގެ މައިދާނުގައި މީސްތަކުންވާނީ އޭގެ ކުރިން ކަރުހިއްކައިގެންވާ ނުވާހާ ބޮޑަށް ކަރުހިއްކައިގެންފައެވެ. އަދި ﷲ ތަޢާލާ އެއިލާހުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް ޙައުޟު ދެއްވާނެއެވެ. އެއީ އެއިން އެކަލޭގެފާނުގެ އުންމަތުގެ މީހުން ފެން ބުއިމަށެވެ. އަދި އެކަލޭގެފާނު އެޙައުޟުގެ ކައިރި ހުންނަވާ އެކަލޭގެފާނުގެ އުންމަތަށް އެއިން ބުޔުމަށް ގޮވާލައްވާނެއެވެ. 

އެޙައުޟުގެ ބޮޑުމިނާއި ސިފައާއި އޭގެ ފެނާ ބެހޭގޮތުން ވަރަށް ގިނަ ޙަދީޘްތައް އައިސްފައިވެއެވެ. 

*އަބޫ އުމާމާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ޙައުޟުގެ ބޮޑުމިނާ ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. 

«كَمَا بَيْنَ عَدَنَ إِلَى عُمَانَ وَأَوْسَعَ وَأَوْسَعَ» . يُشِيرُ بِيَدِهِقَالَ: «فِيهِ مَثْعَبَانِ مِنْ ذَهَبٍ وَفِضَّةٍ» . قَالَفَمَا حَوْضُكَ يَا نَبِيَّ اللَّهِ؟ قَالَ: «مَاءٌ أَشَدُّ بَيَاضًا مِنَ اللَّبَنِ، وَأَحْلَى مَذَاقَةً مِنَ الْعَسَلِ وَأَطْيَبُ رَائِحَةً مِنَ الْمِسْكِ، مَنْ شَرِبَ مِنْهُ لَمْ يَظْمَأْ بَعْدَهَا، وَلَمْ يَسْوَدَّ وَجْهُهُ أَبَدًا» [رواه أحمد في مسنده برقم 22156 وصححه الألباني في صحيح الترغيب والترهيب برقم 3614] 

މާނައީ: "އެއީ ޢަދަނާއި ޢުމާނާ ދެމެދުގައިވާ މިންވަރަށް ބޮޑު ތަނެކެވެ. އަދި އެއަށްވުރެވެސް ތަނަވަހެވެ. އަދި އެއަށްވުރެވެސް ތަނަވަހެވެ.” އެކަލޭގެފާނުގެ އަތްޕުޅުން އިޝާރާތްކުރައްވަމުން ޙަދީޘްކުރެއްވިއެވެ. "އޭގައި ރަނާއި ރިހީގެ ދެ ދިޔަދޮވި ވާނެއެވެ." 

އަބޫ އުމާމާ ދެންނެވިއެވެ. އޭ ﷲ ގެ ނަބިއްޔާއެވެ. ކަލޭގެފާނުގެ ޙައުޟަކީ ކޮބާ ހެއްޔެވެ؟ 

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އޭގެ ފެން، ކިރަށް ވުރެ ހުދުވާނެއެވެ. އަދި އޭގެ ރަހަ، މާމުޔަށް ވުރެ މީރުވާނެއެވެ. އަދި ގޮމަކަސްތޫރިއަށް ވުރެ އޭގެ ވަސްމީރުވާނެއެވެ." 

*ނަބިއްޔާ صلى الله عليه وسلم ގެ ޙައުޟުން ފެން ބޯން ލިބޭނީ އެކަލޭގެފާނުގެ ސުންނަތަށް ތަބާވެ، ބޮޑެތި ފާފަތަކުން ދުރުހެލިވެ ތިބޭ މީހުންނަށެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. 

﴿إِنْ تَجْتَنِبُوا كَبَائِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنْكُمْ سَيِّئَاتِكُمْ وَنُدْخِلْكُمْ مُدْخَلًا كَرِيمًا﴾ [النساء: 31] 

މާނައީ: "ތިޔަބައިމީހުންނަށް އެކަންކަން ނަހީކުރައްވާފައިވާ ބޮޑެތި ފާފަތަކުން ތިޔަބައިމީހުން ދުރުހެލިވެ ތިބޭނަމަ، ތިޔަބައިމީހުންގެ ކުދިކުދި ފާފަތައް ތިޔަބައިމީހުންގެ ކިބައިން، ތިމަންއިލާހު ފުއްސަވާ ހުށީމެވެ. އަދި، މާތްވެގެންވާ ތަނަކަށް، (އެބަހީ: ސުވަރުގެއަށް) ތިމަންއިލާހު، ތިޔަބައިމީހުން ވައްދަވާހުށީމެވެ"  

*އެކަލޭގެފާނުގެ ސުންނަތަށް ތަބާވުމާއެކު، އަލިވެގެންވާ ދަލީލުތަކާއެކު ﷲ ގެ މަގަށް ދަޢުވަތު ދިނުން ހުއްޓެވެ.  ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. 

﴿قُلْ هَذِهِ سَبِيلِي أَدْعُو إِلَى اللَّهِ عَلَى بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي وَسُبْحَانَ اللَّهِ وَمَا أَنَا مِنَ الْمُشْرِكِينَ﴾ [يوسف: 108] 

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! މިއީ ތިމަންކަލޭގެފާނުގެ މަގެވެ. ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނަށް ތަބާވި މީހުން، ﷲ ގެ ފަރާތަށް ގޮވައިލައްވަނީ، އަލިވެގެންވާ ދަލީލާއެކުގައެވެ. އަދި ﷲ ގެ ހުސްޠާހިރު ވަންތަކަމާއެވެ! އަދި ޝަރީކުކުރާ މީހުންގެ ތެރެއިން ތިމަންކަލޭގެފާނު ނުވަމެވެ."  

*ނަބިއްޔާ صلى الله عليه وسلم ގެ ޙައުޟުން ފެން ބޯން ލިބުމުގެ ސަބަބުތަކުގެ ތެރޭގައި އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރުން ހިމެނެއެވެ. 

*ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿إِنَّا أَعْطَيْنَاكَ الْكَوْثَرَ [1] فَصَلِّ لِرَبِّكَ وَانْحَرْ [2] إِنَّ شَانِئَكَ هُوَ الْأَبْتَرُ [3] [الكوثر: 1- 3] 

މާނައީ: "ހަމަކަށަވަރުން ތިމަންއިލާހު ކަލޭގެފާނަށް الْكَوْثَر ދެއްވެވީމެވެ. (الْكَوْثَر އަކީ ސުވަރުގޭގެ އާރެކެވެ. އަދި ގިނަގުނަވެގެންވާ ހެޔޮކަންތަކަށްވެސް މާނަކުރެވެއެވެ.) [1] ފަހެ، ކަލޭގެފާނުގެ ވެރިރައްބަށް ނަމާދު ޤާއިމުކުރައްވާ އަދި ޤުރުބާން ކުރައްވާށެވެ! [2] ހަމަކަށަވަރުން ކަލޭގެފާނަށް ޢަދާވާތްތެރިވާމީހާ ދަންނައެވެ. ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާމީހަކީ އެއީއެވ. [3]” 

 

- الشيخ علي بن عبد الرحمن الحذيفي - حفظه الله -

 

 

މިއަދު އޮންލައިން