މިކަންކަން އެނގުމަށްފަހު ތިމާއަކީ ޙަޤީޤީ މުއުމިނެއްކަން ނިކަން އަމިއްލައަށް ކަނޑއަޅައިބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 58ސ
މިކަންކަން އެނގުމަށްފަހު ތިމާއަކީ ޙަޤީޤީ މުއުމިނެއްކަން ނިކަން އަމިއްލައަށް ކަނޑއަޅައިބަލާށެވެ!

ޙަޤީޤީ މުއުމިނުންގެ ސިފަ ބަޔާން ކުރައްވައި المؤمنون ސޫރަތުގައި މާތް ﷲތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.  

(الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ ﴿٢﴾ وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِ‌ضُونَ ﴿٣﴾ وَالَّذِينَ هُمْ لِلزَّكَاةِ فَاعِلُونَ ﴿٤﴾ وَالَّذِينَ هُمْ لِفُرُ‌وجِهِمْ حَافِظُونَ ﴿٥﴾) 

މާނައީ: "އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ. އަދި އެއުރެންނީ، ބޭކާރު ވާހަކަތަކާއި، ކަންތަކުން ދުރުހެލިވެތިބޭ މީހުންނެވެ. އަދި އެއުރެންނީ، زكاة ދޭމީހުންނެވެ. އަދި އެއުރެންނީ، އެއުރެންގެ فرج ތަކަށް ރައްކާތެރިވާމީހުންނެވެ." 

މިއަދު ނަމާދަށް ރައްކާތެރިވާ އަޚުންނާއި އުޚްތުން އަޅުގަނޑުމެންގެ ތެރެއިން ކޮބައިތޯއެވެ؟ ނަމާދަށް ރައްކާތެރިވާ މީހުން ނޫޅެއެކޭ އަޅުގަނޑު ފަހަރެއްގައިވެސް ނުދަންނަވަމެވެ. އެހެންނަމަވެސް ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި ނަމާދު އަދާ ކުރާމީހުން ނިސްބަތުން މަދުކަން ފާހަގަ ކުރެވެއެވެ.  

ކަމެއް ކުރަން ޖެހުނަސް އަދި މުސީބާތެއް ލައިގަތަސް މީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިނުމުގެ ނަމުގައި ނާޗަރާންގީ ޝޯތައް ބޭއްވުމާއި މުނިފޫފިލުވައިދޭ ޝޯވ ތައް ބޭއްވުމަކީ އަޅުގަނޑުމެންގެ އަމާޒަކަށް މިއަދު މިވަނީ ވެފައެވެ. މިކަންތައްތައް މިވަނީ ޢާއްމުވެފައެވެ. ޒަމާނީ ޑެމޮކްރަސީގެ ނަމުގައި ޒަކާތް ޓެކުހަށް ވެ ނިމިއްޖެއެވެ. فرج ތަކަށް ރައްކާތެރިވުމުގެ ބަދަލުގައި މިފެންނަނީ ނޭދެވޭ ޢަމަލު ތައް ހިންގައި ނަހަލާލަށް ލިބޭ ދަރީން “ފޮތި ފޮތި” ކުރަމުންދާ މަންޒަރެވެ. މިކަންތައްތަކާ ދެކޮޅަށް ވާހަކަ ދައްކާ، ﷲގެ ޝަރީޢަތް ޤާއިމް ކުރުމަށް ނަސޭޙަތްތެރިވާ މީހުންނަކީ މިއަދުގެ މުޖުތަމަޢުގައި ވަރަށް “ޑީގްރޭޑް” ބަޔަކަށް މިވަނީ ވެފައެވެ. 

އަޚުންނާއި އުޚްތުންނޭވެ! ޒަމާން ތަރައްޤީވެ ތަހުޒީބުގެ މަގުގައި މުޅި ދުނިޔެ ފައިތިލަ ޘާބިތު ކުރަން މަސައްކަތް ކުރާ މިދަނޑިވަޅުގައި ދިވެހި މުޖުތަމައަށް ކުރަމުންމިދާ ނޭދެވޭ އަޘަރު ތަކުގެ ވާހަކަ ބަޔާން ނުކޮށް ދޫކޮށްލާކަށް ހަމަ އަޅުގަނޑުގެ ހިތެއްނޭދުނެވެ. ޒަމާނީ ޑިމޮކްރަސީގެނަމުގައި މިވަނީ މުޅީން އާވައްތަރެއްގެ ދިރިއުޅުމުގެ ނިޒާމެއް ޤާއިމް ކުރެވިފައެވެ. ދިރިއުޅުމުގެ ނިޒާމުން ދީން ދުރަށްލައި، އިސްލާމީ ޝަރީޢަތާއި، މާތް ނަބިއްޔާގެ ސުންނަތައް ތަބާވާ މީހުންނަށް ކުރަމުންދާ މަލާމާތާއި ފުރައްސާރަ މިވަނީ ހައްދުން ނެއްޓިފައެވެ. އިސްލާމްދީނާ އެދީނަށް ލޯބިކުރާ މީހުން މިއަދު މިވަނީ އިސްވެ ބަޔާންކުރެވުނު ޙަދީޘްގައި ޒިކުރު ކުރެވުނު ގޮތަށް ބީރަށްޓެހީންނަށްވެ ނިމިފައެވެ. ބޭނުންވީމަ ގެންގުޅެލާފައި ބޭނުންވީމަ ނަގާ އެއްފަރާތަށްލާ ބީދައިން ދީނުގެ ކަންތައްތަކާ، ދީނުގެ އުޞޫލުތަކާ ދީނުގެ ފިކުރު މިގެންގުޅެވެނީ ފެންކައްކާ ބޮލީގެ ޢިއްޒަތް ފަދައިންނެވެ. ސައްތައިން ސައްތަ މުސްލިމު މުޖުތަމަޢުގެ ޙާލަކީ މިއީއެވެ. އަޅުގަނޑުމެންނަށް އިވޭ ކަންފަތުގައި ނީވޭ ކަމަށް ހަދައި ފެންނަ ލޮލަށް ނުފެންނަކަމުގައި ހަދައިގެން ތިބުމަކީ އެއްވެސް ޙާލެއްގައި ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. 

މާތްﷲ ތަޢާލާ الأنفال ސޫރަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

(وَلَا تَكُونُوا كَالَّذِينَ قَالُوا سَمِعْنَا وَهُمْ لَا يَسْمَعُونَ ﴿٢١﴾)

މާނައީ: "އަދި ނާހައިތިބެމެ، ތިމަންމެން އަހައިފީމުއޭ ބުނި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! "

އަޅުގަނޑުމެންގެ އުޅުމާއި ގުޅުން މިގޮތަށް ބަހައްޓައިގެން އަޅުގަނޑުމެންނީ އިސްވެ ބަޔާންވެދިޔަ ޙަދީޘްގައިވާގޮތަށް ބީރަށްޓެހީންނަށް ވެވިދާނެކަމަށް އުއްމީދު ކުރަނީތޯއެވެ؟  ޙަޤީޤީ މުއުމިނުން ބީރަށްޓެހިވާން ޖެހުނީ މިބަޔާންވެދިޔަ ސަބަބުތަކާހެދިއެވެ. އަދި މިނޫނަސް އެތައް ސަބަބުތަކެއްވެއެވެ. 

ތަޢާލާ المائدة ވަޙީ ކުރައްވާފައިވެއެވެ. 

(أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ اللَّـهِ حُكْمًا لِّقَوْمٍ يُوقِنُونَ ﴿٥٠﴾) 

މާނައީ: "ފަހެ، އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ حكم ހެއްޔެވެ؟ يقين ކުރާ ބަޔަކަށް اللَّه އަށްވުރެ حكم ކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟" 

- މުޙއްމަދު ނިމާލް ޖަމާލް

 

މިއަދު އޮންލައިން