ޚަދީޖަތުގެފާނު 2: އުފަންވެވަޑައިގެން ބޮޑުފުޅުވުމާއި، ކުރީގެ ކައިވެނިފުޅުތައް

ކިޔުމަށް ހޭދަވާނީ 6މ 9ސ
ޚަދީޖަތުގެފާނު 2: އުފަންވެވަޑައިގެން ބޮޑުފުޅުވުމާއި، ކުރީގެ ކައިވެނިފުޅުތައް

ޢަލީ އިޙްޞާން ފިޜާޤް

 

ޚަދީޖަތުގެފާނު ރައްކައުވުން: 

ابن سعد އޭނާ ލިޔުއްވި  طبقات ގައި، ބަޔާން ކުރައްވާ ގޮތުގައި، خديجة ގެފާނު ރައްކައުވީ ފީލުބާގައިގެ މީހުން ގެފުޅު މުގުރަން އައި އަހަރުގެ ފަނަރަ އަހަރު ކުރީންނެވެ. އެކަމަނާގެ ޚާންދާނަކީ މައްކާގައި ވަރަށް ނަގާކިޔޭ ޚާންދާނެކެވެ. خديجة ގެފާނުގެ ބަފައިކަލުން  خويلد بن أسد އަކީ މައްކާގެ ބޮޑު ވިޔަފާރިވެރިއެކެވެ. އަސަދުވަންހައިގެ ވެރިއެއް މެއެވެ. 

މުއައްރިޚުން ވިދާޅުވާގޮތުގައި، سيف بن ذي يزن، ޙަބަޝީންނާ ހަނގުރާމަކޮށް، އެބައިމީހުން ބަލިކޮށް، އެތަނުގައި އޭނާގެ އަމިއްލަ ވެރިކަމެއް ޤާއިމުކުރީ ފީލުބާގައިގެ މީސްތަކުން ގެފުޅު މުގުރަން އައުމުގެ ދެއަހަރު ކުރީންނެވެ. سيف بن ذي يزن، ގެ މިކާމިޔާބީއަށް މުޅި ޢަރަބިކަރަ އުފާކުރިއެވެ. މައްކާގެ ބޮޑުންވެސް އޭނާއަށް މަރުހަބާ ކިޔަން ދިޔުމަށް ވަފުދެއް ތައްޔާރު ކުރިއެވެ. މައްކާއާއި އޭނާއާ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމު ކުރުމަށްޓަކައެވެ. سيف بن ذي يزن، އަށް މަރުހަބާ ދަންނަވަން ދިޔަ ވަފުދުގެ ތެރޭގައި، ކައުސާހިބާގެ ކާފާފުޅު عبد المطّلب ގެފާނާއި، خديجة ގެފާނުގެ ބަފައިކަލުން  خويلد بن أسد އާއި،  أميّة بن عبد شمس ހިމެނި ވަޑައިގަންނަވައެވެ. މައްކާގެ މިވަފުދު ސައިފު ރަސްގެފާނާ ބައްދަލު ކުރެއްވީ صنعاء ގެ غمدان އޭ ކިޔުނު ގަނޑުވަރުގައެވެ. 

އިބްނު ޖަރީރު އޭނާގެ ތާރީޚުގައި ލިޔުއްވާ ގޮތުގައި، خديجة ގެފާނުގެ ބަފައިކަލުން  خويلد بن أسد ވަނީ حرب الفجار ގެ ކުރިން ނިޔާވެފައެވެ. ފިޖާރު ހަނގުރާމައިގައި، ޤުރައިޝުން، ކިނާނަތުވަންހައާ އެއްބައިވެ،  قيس عيلان އާ ހަނގުރާމަ ކުރިއެވެ. މި ހަނގުރާމައަށް ފިޖާރުގެ ނަމުން ނަންދެވިގެންވަނީ ޙަރަމް ކަޢުބާގެ ކައިރީގައި ކުރެވުނު ހަނގުރާމައަކަށް ވާތީއެވެ. އެހެނީ ކަޢުބާގެ ސަރަޙައްދަކީ އެފަދަ ލޭ އޮހޮރުވުންތަކުން ރައްކާތެރި ކުރެންޖެހޭ ތަނަކަށް ވާތީއެވެ. އެފަދަ ތަނެއްގެ ޙުރުމަތަށް ނުބަލައި ކުރެވުނު ހަނގުރާމައަކަށް މި ހަނގުރާމަ ވާތީއެވެ. އަނެއްކޮޅުން މި ހަނގުރާމަ ކުރެވިފައިވަނީ ޙުރުމަތްތެރި ކުރެވިގެންވާ މައްސަރުތަކުގެ ތެރެއިން މައްސަރުތަކެއްގައެވެ. ޖާހިލިއްޔަ ޒަމާނުގައިވެސް ޙުރުމަތްތެރި ކުރެވިގެންވާ މައްސަރުތަކުގައި ހަނގުރާމަ ކުރުމަކީ ނުހަނު ބޮޑު ކުށެއްކަމުގައި ވަނީ ބެލެވިފައެވެ. 

މިދެންނެވުނު ޙަރުބުލް ފިޖާރު ނުވަތަ ފިޖާރު ހަނގުރާމަ ކުރެވުނު އިރު މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم ގެ އުމުރުފުޅަކީ، ފަނަރަ އަހަރުފުޅެވެ. ކައުސާހިބާވެސް އެކަލޭގެފާނުގެ ބޮޑުބޭބޭފުޅާއެކު ފިޖާރު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން ހަނގުރާމައިގެ މައިދާނަށް ވަޑައިގެން ދުނިދަނޑި ފަދަ ތަކެތި ހޮވައިދެއްވި ކަމަށް ރިވާވެފައިވެއެވެ. 

خديجة ގެފާނުގެ މައިކަނބަލުންނަކީ، فاطمة بنت زائدة އެވެ. އެކަމަނާއަކީ، ޤުރައިޝުވަންހައަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަނބަލެކެވެ. ޢަރަބީންނަކީ އެބައިމީހުންގެ ނަސަބާމެދު ވަރަށް ފަޚުރުވެރިވާ ބަޔެކެވެ. خديجة ގެފާނުގެ ނަސަބުފުޅު އެއްވެސް ކުށެއް ނެތްގޮތުގައި  نزار بن معد بن عدنان އާ ހަމައަށް ތާރީޚުގެ އެދުރުން ފާހަގަ ކުރައްވާފައިވެއެވެ. އެކަމަނާގެ ބަފައިފުށުގެ މާމާފުޅުގެ ނަންފުޅުތައްވެސް عدنان އާ ހަމައަށް ލިޔެ ރައްކާ ކުރެވިފައިވެއެވެ. އެކަމަނާގެ މައިފުށުގެ މާމާފުޅުންގެ ނަންފުޅުތައްވެސް ހަ ދަރިކޮޅާ ހަމައަށް އޮޅުމެއްނެތި ބަޔާން ކުރެވިފައިވެއެވެ. 

ކުރީގެ ކައިވެނިފުޅުތައް: 

މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم ގެ ކުރީން، خديجة ގެފާނުގެ ދެ ކައިވެނިފުޅެއް ކުރައްވައިފައިވެއެވެ. އެގޮތުން އެކަމަނާގެ އެންމެ ފުރަތަމަ ކާވެނިފުޅު ކުރެވުނީ، عتيق بن عابد المخزومي އާއެވެ. عتيق ނިޔާވުމަށްފަހު، خديجة ގެފާނުގެ ކައިވެނިފުޅު ކުރެވިގެންދިޔައީ، أبي هالة بن زرارة التميمي އާއެވެ. ބައެއް މުއައްރިޚުން ލިޔުއްވާ ގޮތުގައި خديجة ގެފާނުގެ އެންމެ ފުރަތަމަ ކާވެނިފުޅު ކުރެވުނީ ފަހުން މިދެންނެވުނު أبي هالة بن زرارة التميمي އާއެވެ. 

أبي هالة އާއި خديجة ގެފާނުގެ ކައިވެނިފުޅަށް ލިބިވަޑައިގެން ދަރިކަލުންގެ ނަންފުޅަކީ، هند بن أبي هالة އެވެ. هند ބޮޑުފުޅު ކުރައްވައި ތަރުބިއްޔަތު ކުރެއްވުމުގައި، خديجة ގެފާނާއި، ކައުސާހިބާ ބައިވެރިވަޑައިގެންނެވިއެވެ. هند އިސްލާމްވެވަޑައިގެން ބަދުރު ހަނގުރާމައާއި އުޙުދު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވިއެވެ. هند އަވަހާރަވީ ހިޖުރައިން 36 ވަނަ އަހަރު ކުރެވުނު ޖަމަލު ހަނގުރާމައިގައެވެ. 

عتيق بن عابد المخزومي އާ ކުރެވުނު ކައިވެނިފުޅުން خديجة ގެފާނަށް أُمُّ مُحَمَّد އޭ ކިޔުނު ދަރިކަނބަލަކު ލިބިވަޑައިގެންނެވި ކަމަށް، ابن سعد އޭނާ ލިޔުއްވި  طبقات ގައި، ބަޔާންކުރައްވައިފައިވެއެވެ. 

ހުވަފަތްވެފައިވާ އަންހެނުންނަށާއި، ވަރިވެފައިވާ އަންހެނުންނާ ކައިވެނީގެ ގޮތުން ގުޅުމަކީ، އޭރު ޢަރަބި ކަރައިގައި ވަރަށް އާންމު ކަމެކެވެ. އެކަމަކީ، އެބައިމީހުންގެ މެދުގައި އައިބު ކަމެއް ކަމުގައެއް ނުދެކެއެވެ. ޢިއްދަ ހަމަވުމަށްފަހު، ހުވަފަތް އަންހެނުންނާއި، ވަރިވެފައިވާ އަންހެނުން އަލުން މީހުންނާ ކައިވެނީގެ ގޮތުން ގުޅިގެން އުޅެއެވެ. خديجة ގެފާނުގެ ދެވަނަ ފިރިކަލުން އަވަހާރަވުމަށްފަހު، ޢަރަބީންގެ އާދަކާދަ ނިޔާކުރާ ގޮތުގެމަތީން އެކަމަނާއަށް މައްކާގެ ބޮޑެތި ބޮޑެތި ލީޑަރުންގެ ފަރާތްޕުޅުން ކައިވެނީގެ ދައުވަތު ލިބިވަޑައިގަންނަވަމުން ދިޔައެވެ. ނަމަވެސް އެކަމަނާ އެއިން އެއްވެސް، ހުށައެޅުއްވުމެއް ޤަބޫލުފުޅެއް ނުކުރައްވައެވެ.

{އިބްނު ސަޢުދު، ޠަބަޤާތު،1:131}

ނުނިމޭ 

ނޯޓް: މިއީ އެމެރިކާގެ މަޝްހޫރު މުފައްކިރެއްކަމުގައިވާ ޢަބްދުލް މަލިކު މުޖާހިދު ލިޔުއްވައިފައިވާ [ގޯލްޑެން ސްޓޯރީސް އޮފް ޚަދީޖާ ރަޟިޔަﷲ ޢަންހާ] މި ފޮތުގެ މައްޗަށް ބަލައިލުމެއްގެ ގޮތުން ލިޔަމުން ގެންދާ ސިލްސިލާއެކެވެ. އިސްލާމީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ތެރޭގައި އަށްފަހަރު އިމާމު ޢަބްދުލް މަލިކު މުޖާހިދު ހިމެނިވަޑައިގެންފައިވެއެވެ.

 

 

 

މިއަދު އޮންލައިން