45 މީހުންނާއެކު އަޑިއަށް ދިޔަ ލޯންޗުގައި ތިބި އެންމެން ސަލާމަތްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
45 މީހުންނާއެކު އަޑިއަށް ދިޔަ ލޯންޗުގައި ތިބި އެންމެން ސަލާމަތްކޮށްފި

އދ. ދިގުރަށުން މާލެއަށް ދަތުރުކުރަމުން ދިޔަ "ހުވަން" ލޯންޗު މިއަދު ހެނދުނު އަޑިއަށް ގޮސް، އެ ލޯންޗުގައި ތިބި 45 ފަސިންޖަރުންނާއި 3 ފަޅުވެރިން ވަނީ ސަލާމަތްކޮށްފައެވެ.

ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ފުލުހުންނަށް ރިޕޯޓްކުރެވުނީ މިއަދު ހެނދުނު 07:57 ގައެވެ. ލޯންޗުގައި ތިބި ފަސިންޖަރުންގެ ތެރޭގައި 4 ކުޑަކުދިންވެސް ހިމެނެއެވެ.

މި ހާދިސާ ހިނގުމާއެކު ފުލުހުންގެ އިމަރޖެންސީ ރެސްޕޮންސް ޓީމުތައް ވަނީ ހާދިސާ ހިނގި ސަރަހައްދަށް އަވަސް ސްޕީޑެއްގައި ގޮސް، ކަނޑަށް ފެތިފައިވާ އެންމެން ސަލާމަތްކޮށްފައެވެ. ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވެއެވެ. އަދި ސަލާމަތްކުރެވުނު އެންމެން މިހާރު ވަނީ އދ. ދިގުރަށަށް އަނބުރާ ގެންގޮސްފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ ތަހުގީގެއް ކުރިއަށް ގެންދަވަމުންނެވެ. މިދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަވެ، ކަނޑު ގަދަވެފައިވާ ދުވަސްވަރަކަށް ވުމާއެކު، ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިރުޝާދު ދެއްވާފައެވެ.

ކަނޑު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތީ ފިޔަވަޅުތައް ފުރިހަމަކޮށް، މޫސުމަށް ސަމާލުވެ ދަތުރުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.

މިއަދު އޮންލައިން