ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ކާބޯތަކެތީގެ އާންމު އިޝްތިހާރުތަކަށް ހުއްދަ ނަގަން ނުޖެހޭނެ ކަމަށް ސިއްޙީ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
މިގޮތުން ކެފޭ އަދި ރެސްޓޯރަންޓުތަކުގެ މެނޫ އަދި ގޭގައި ކާބޯތަކެތި ތައްޔާރުކޮށްގެން ވިޔަފާރިކުރާ ފަރާތްތަކުން ކުރާ އާންމު އިޝްތިހާރުތައް މީގެ ތެރޭގައި ހިމެނެއެވެ.
ނަމަވެސް، ސިއްޙީ ވުޒާރާއިން ފާހަގަކުރި ގޮތުގައި "ދެވަނައެއް ނެތް" ފަދަ އިބާރާތްތައް ބޭނުންކޮށްގެން ނުވަތަ އެހެން ކާބޯތަކެއްޗާ އަޅާކިޔައިގެން ކުރާ އިޝްތިހާރުތަކަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ ހޯދަންޖެހޭނެއެވެ. މިފަދަ އިޝްތިހާރުތަކަށް ދޫކުރެވޭ ހުއްދައިގެ މުއްދަތަކީ ތިން އަހަރު ދުވަހެވެ.
މި މަހުގެ 20 ވަނަ ދުވަހު އާންމުކުރި ކާބޯތަކެތި އިޝްތިހާރުކުރުމާ ބެހޭ އައު ޤަވާއިދުގެ ދަށުން، އިޝްތިހާރެއް ކަމުގައި ބެލެވޭނީ ކާބޯތަކެތި ނުވަތަ ކާބޯތަކެތި އުފެއްދުމަށް ބޭނުންކުރާ ބާވަތެއްގެ މަޤްބޫލުކަން އިތުރުކުރުމަށް ހިންގޭ ހަރަކާތްތަކަށެވެ.
އަދި ކާބޯތަކެތި އިޝްތިހާރުކުރުމުގައި ތަހުލީލުކުރާ ލެބޯޓަރީތަކުން ދޫކުރާ ރިޕޯޓު ނުވަތަ ސެޓްފިކެޓް އޮފް އެނަލިސިސް ބޭނުންކުރުމަކީ މަނާކަމެއް ކަމަށާއި، މިފަދަ ކަމެއް ކޮށްފިނަމަ ފިޔަވަޅު އެޅޭނެ ކަމަށް ސިއްޙީ ވުޒާރާއިން ވަނީ އިންޒާރު ދީފައެވެ.
ފާސްކުރެވިފައިވާ އިޝްތިހާރަކަށް އެއްވެސް ބަދަލެއް ގެނެވިއްޖެނަމަ، އެއީ އައު އިޝްތިހާރެއްގެ ގޮތުގައި ބަލައި އަލުން ފާސްކުރަން ޖެހޭނެ ކަމަށާއި، ކޮންމެ އިޝްތިހާރެއް ފާސްކުރުމަށް އަނބުރާ ނުލިބޭ ގޮތަށް ފީއެއް ނެގޭނެ ކަމަށްވެސް ވުޒާރާއިން ބަޔާންކޮށްފައިވެއެވެ.