ލައިލަތުލްޤަދްރިވިލޭރޭގެ ޘަވާބާއި ދަރުމަ ލިބިގަންނަން ބޭނުން ނުވާނެ މީހަކު ނުހުންނާނެއެވެ. އަދި އެރޭ ވަނީ ފަހުދިހައިގެ ރޭތަކުގެ ތެރޭގައިކަންވެސް އެބައެނގެއެވެ. ސުވާލަކީ ހަމައެކަނި ފަހުދިހައިގެ ރޭތަކުގައި އަޅުކަންކޮށްގެން އެރޭ ޙާޞިލުކުރެވިދާނެ ހެއްޔެވެ؟ ސުވާލުގެ ޖަވާބު މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.
އަހުރެން މިބުނަނީ އަހުރެންގެ ވިސްނުމެވެ. ލައިލަތުލްޤަދްރިވިލޭރޭގެ މަތިވެރިކަން ލިބިގަންނަން އެދޭމީހާ ހަމައެކަނި ފަހުދިހައިގައި ރޭއަޅުކަންކުރަން މަޑުކުރާނަމަ އެމީހަކީ އިޚްލާޞްތެރިއެއް ނޫނެވެ. އެއިގެ ކުރިއަށް ފާއިތުވާ 20 ރޭ ރޭއަޅުކަން ނުކުރާނަމަ މަހުގެ ބޮޑުބައިގައި އެމީހަކު އެވަނީ ކަންނަތްވެ އިހްމާލުވެވިފައެވެ. އަދި އެމީހަކީ ރަމަޟާން މަހު ﷲ ތަޢާލާގެ ޙަޟްރަތުން ލިބެން އޮތް އޮތް މަތިވެރިކަން ލިބިގަންނަން މަސައްކަތްކުރާ މީހަކަށްވެސް ނުވާނެއެވެ.
ދަލީލު: ޢުމަރުގެފާނުގެ ބަސްފުޅުން!
ރަމަޟާންމަސް އައިސް ބައްދަލުކޮށް ވަކިވެގެންދާއިރު އެކަމުން ލިބެންވާ ފައިދާ ޙާޞިލުނުކުރެވެނީ ރަމަޟާންމަހަށް ތައްޔާރުނުވެވޭތީއެވެ. ޞަޙާބީން 6 މަސްދވަސް ކުރިއަށްލައި އެކަމަށް މަސައްކަތް ފަށްޓަވަނީ އެސަބަބަށްޓަކައެވެ. އެބޭކަލުން އެކަމަށް އެދިވަޑައިގެން ދުޢާކުރެއްވެވިއެވެ. އަދި ނަފްސްތައްވެސް އެކަމަށް ތައްޔާރުކުރެއްވެވިއެވެ.
ރަމަޟާން މަހުން ޙާޞިލުކުރެވޭނެ އެންމެ ބޮޑު ނިޢްމަތަކީ ލައިލަތުލް ޤަދްރި ވިލޭރޭ ލިބިގަތުމެވެ. އެކަން ޔަޤީންކުރެވޭނެ މަގު ބަޔާންކޮށްދެއްވަވަމުން ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ. "ލައިލަތުލްޤަދްރި ވިލޭރޭ ޔަޤީންކުރެވޭނެ ހަމައެކަނި ގޮތަކީ ކޮންމެ ރެއަކުވެސް ރޭއަޅުކަންކުރުމެވެ."
އެއީ ވަރަށް ބޮޑު ތެދުފުޅެކެވެ. ކޮންމެ ރެއަކު ރޭއަޅުކަންކުރި މީހަކަށް އެރޭ ގެއްލިގެން ނުދާނެއެވެ. އޮންނާނީ ކާމިޔާބުކުރެވިފައެވެ. އެއީ ހަމަ ޔަޤީންކަމެކެވެ. އަހަރެމެން މިހާރު މިތިބީ އެމަސައްކަތް ފަށަން އެންމެ މުހިންމު ދުވަސްވަރުގައެވެ. މިހާރުންސުރެ ވީހައި ގިނައިން ރޭއަޅުކަން ކުރަމުން ގެންދާށެވެ! އެއިރުން ރަމަޟާން މަސް އަންނައިރު ހުންނާނީ ކޮންމެ ރެއަކު ރޭއަޅުކަން ކުރެވޭ ވަރަށް ތައްޔާރުވެވިފައެވެ. ހަށިގަނޑު ހުންނާނީ އެކަމަށް ހޭނުވިފައެވެ. އެއިރުން ކޮންމެ ރެއަކުވެސް ރޭއަޅުކަންކުރުމަކި އުނދަގޫކަމަކަށް ނުވާނެއެވެ.
ޖަމާއަތުގައި ދަމުނަމާދުކުރަން ބޭނުންވާ މީހާ ބައިވެރިވާންވީ ފަހުދިހައިދަމުނަމާދުކުރާ ޖަމާއަކާއިއެއް ނޫނެވެ. ކޮންމެ ރެއަކު ކުރާ ޖަމާއަތާއިއެވެ. ގޭގައި ކުރާ މީހާ ވެސް ދަމުނަމާދުކުރަމުން ގެންދަންވީ ކޮންމެރެއަކުއެވެ.
ރަނގަޅަށް ވިސްނައިލާށެވެ! ކޮންމެ ރެއަކު ރޭއަޅުކަންކުރަން ޢުމަރުގެފާނު އެވިދާޅުވީ ލައިލަތުލްޤަދްރިވިލޭރޭ ވަނީ ފަހުދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ރެއެއްގައިކަން އެނގިވަޑައިނުގަންނަވާތީއެއް ނޫނެވެ. އެރޭގެ ޘަވާބާއި ދަރުމަ ލިބިގަންނަން ބޭނުންވާ މީހާއަށް މުހިންމީ އަދި އެންމެ ޔަޤީންކަންބޮޑު ގޮތަކީ ކޮންމެ ރެއަކު ރޭއަޅުކަންކުރުންކަމުގައިވާތީއެވެ.
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން