ޢަލީ އިޙްޞާން ފިރާޤް
އަބޫބަކުރުގެފާނުގެ ޚަލީފާކަން:
މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވުމަށްފަހު އިސްލާމީ އުއްމަތުގެ ޚަލީފާއަކަށް އިންތިޚާބުވެވަޑައިގެންނެވީ އަމީރުލް މުއުމިނީން އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހުއެވެ. އަބޫބަކުރުގެފާނަކީ ބޮޑެތި ފިރިހެނުންގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމްވެވަޑައިގެންނެވި ފަރާތެވެ. އިސްލާމްދީނަށްޓަކައި ޖާނާއި މާލުން ޤުރްބާންވެވަޑައިގެންނެވި ބޭކަލެކެވެ. އަބޫބަކުރުގެފާނު ޚަލީފާކަމުގައި ހުންނެވީ ހިޖްރައިން 11 ވަނަ އަހަރުން ފެށިގެން 13 ވަނަ އަހަރާ ހަމައަށެވެ.
އަބޫބަކުރުގެފާނުގެ ޚަލީފާކަމުގައި އެންމެ ބޮޑަށް ކުރެއްވި މަސައްކަތްޕުޅަކީ މުރުތައްދުވެފައިވާ ފަރާތްތަކާ ދެކޮޅަށް ކުރެއްވި ހަނގުރާމައެވެ. މިއާއެކުހެން އިސްލާމީ ފުތޫޙާތުގެ މަސައްކަތްޕުޅުވެސް އެކަލޭގެފާނު ކުރެއްވިއެވެ. ތިރީގައި މިދަންނަވަނީ އަބޫބަކުރުގެފާނުގެ ޚިލާފަތުގެ މުހިންމު ކަންތައްތަކެވެ. ތާރީޚާއެކުގައެވެ.
· ރިއްދާ ހަނގުރާމަ. މުރުތައްދުވެފައިވާ މީސްތަކުންނާ ދެކޮޅަށް ކުރެއްވި ހަނގުރާމަ ހިނގީ ހިޖުރައިން 11 ވަނަ އަހަރުގައެވެ. މީލާދީން 632 ގައެވެ.
· މުސައިލަމަތުލް ކައްޛާބާ ދެކޮޅަށް ކުރެވުނު ޔަމާމާ ހަނގުރާމަ ހިނގީ ހިޖްރައިން 11 ވަނަ އަހަރުގައެވެ. މީލާދީ ސަނަތުން 632 ގައެވެ.
· އައިނުލް ތަމްރުގެ މައުރިކާ ހިނގީ ހިޖްރައިން 12 ވަނަ އަހަރުގެ ތެރޭގައެވެ. މީލާދީން 633 ގައެވެ.
· ޢިރާޤުން، ޝާމުކަރަ ފަތަޙަ ކުރެއްވުމަށް ޚާލިދުގެފާނު ވަޑައިގެންނެވީ ހިޖްރައިން 12 ވަނަ އަހަރުގައެވެ. މީލާދީން 634 ގައެވެ.
· އަޖުނާދައިން ހަނގުރާމަ ހިނގީ ހިޖްރައިން 13 ވަނަ އަހަރުގައެވެ. މީލާދީން 634 ގައެވެ. އަބޫބަކުރުގެފާނު އަވަހާރަވީވެސް ހިޖްރައިން 13 ވަނަ އަހަރުގެ ތެރޭގައެވެ.
އުމަރުގެފާނުގެ ޚަލީފާކަން:
ހިޖްރައިން 13 ވަނަ އަހަރު އަމީރުލް މުއުމިނީން އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހު ފުރައުއްތަވެވަޑައިގެންނެވުމަށްފަހު، ދެން އިސްލާމީ އުއްމަތުގެ ޚަލީފާއަކަށް އިންތިޚާބުވެވަޑައިގެންނެވީ އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުއެވެ. ޢުމަރުގެފާނުގެ ޚަލީފާކަން ދެމިއޮތީ ހިޖްރައިން 13 ވަނަ އަހަރުން ފެށިގެން 23 ވަނަ އަހަރުގެ ނިޔަލަށެވެ. މީލާދީ ތާރީޚުން 634 ވަނަ އަހަރުން ފެށިގެން 644 ވަނަ އަހަރާ ހަމައަށެވެ.
· މަޢުރިކަތު ޖިސްރު (معركة الجسر) ހިނގީ ހިޖްރައިން 13 ވަނަ އަހަރުގެ ޝަޢުބާން މަހުގެ ތެރޭގައެވެ. މީލާދީ ތާރީޚުން 634 ވަނަ އަހަރުގައެވެ. މި ހަނގުރާމައިގައި ފާރިސީންގެ އަތުން މުސްލިމުން ބަލިވިއެވެ.
· ޝާމުކަރައިގެ ފުޠޫޙާތުގެ ތެރޭގައި ކުރެވުނު ފަހްލު ހަނގުރާމަ (معركة فحل) ހިނގީ ހިޖްރައިން 13 ވަނަ އަހަރުގެ ޛުލްޤައިދާ މަހުގެ ތެރޭގައެވެ. މީލާދަތީ ތާރީޚުން 635 ވަނަ އަހަރުގައެވެ.
· މިދިމިޝްޤު ހިއްޕެވީ ހިޖްރައިން 14 ވަނަ އަހަރުގެ ރަޖަބު މަހުގެ ތެރޭގައެވެ. މީލާދީން 635 ވަނަ އަހަރުގައެވެ.
· ޔަރުމޫކު ހަނގުރާމަ ހިނގީ ހިޖްރައިން 15 ވަނަ އަހަރުގެ ރަޖަބު މަހުގެ ތެރޭގައެވެ. މީލާދީން 636 ވަނަ އަހަރުގައެވެ.
· ޢިރާޤުގައި ޤާދިސިއްޔާ ހަނގުރާމަ ކުރެވުނީ ހިޖްރައިން 15 ވަނަ އަހަރުގެ ޝަޢުބާން މަހުގެ ތެރޭގައެވެ. މީލާދީން 637 ވަނަ އަހަރުގައެވެ.
· ބައިތުލް މަޤުދިސް ފަތަޙަ ކުރެވުނީ ހިޖްރައިން 16 ވަނަ އަހަރުގެ ޞަފަރުމަހުގެ ތެރޭގައެވެ. މީލާދީން 637 ވަނަ އަހަރުގައެވެ.
· އިސްލާމީ ކަލަންޑަރު ތަޢާރަފު ކުރެވުނީ ހިޖްރައިން 17 ވަނަ އަހަރުގެ ތެރޭގައެވެ. މީލާދީން 637 ވަނަ އަހަރުގައެވެ.
· ކުފާ އާއި ބަޞަރާ ވަކި ރަށެއްގެ ގޮތުގައި ކަނޑައެޅުއްވީ ހިޖްރައިން 17 އާއި 18 އާ ދެމެދުގައެވެ. މީލާދީން 638 ވަނަ އަހަރުގައެވެ.
· ހިޖްރައިން 18 ވަނަ އަހަރުގެ ތެރޭގައި ވަރަށް ބޮޑު ތަދުމަޑުކަމެއް ފެތުރިގެން ދިޔައެވެ. އަދި ޝާމުކަރައިގައި ވަރުގަދަ ވަބާއެއް ފެތުރި ގާތްގަނޑަކަށް 20،000 މީހުން މަރުވެގެން ދިޔައެވެ. އޭގެ ތެރޭގައި ދަރަޖަމަތިވެރި ޞަޙާބީންވެސް ހިމެނިވަޑައިގަންނަވައެވެ. އެއީ މީލާދީން 639 ވަނަ އަހަރުގައެވެ.
· އިސްލާމީ އުއްމަތުގެ މީސްތަކުންނަށް ބައިތުލްމާލުން އަހަރީ މުސާރައެއް ކަނޑައެޅުއްވީ ހިޖްރައިން ވިހިވަނަ އަހަރުގެ ތެރޭގައެވެ. މީލާދީން 641 ވަނަ އަހަރުގައެވެ.
· ޢަމްރު ބުނުލް ޢާޞް މިޞްރު ފަތަޙަ ކުރެއްވީ ހިޖްރައިން 19 ވަނަ އަހަރާއި 20 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ މީލާދީން 640 ވަނަ އަހަރާއި 641 ވަނަ އަހަރުގެ ތެރޭގައެވެ.
· ނަހާވިންދު ނުވަތަ ނަހާވަންދު ހަނގުރާމަ (معركة نهاوند) ކުރެވުނީ ހިޖްރައިން 21 ވަނަ އަހަރާއި 22 ވަނަ އަހަރާ ދެމެދުގައެވެ. މީލާދީން 641 ވަނަ އަހަރާއި 642 ވަނަ އަހަރާ ދެމެދުގައެވެ.
· ފުސްޠާޠު )فسطاط( ބިނާކުރެވުނީ ހިޖްރައިން 22 ވަނަ އަހަރުގައެވެ. މީލާދީން 642 ވަނަ އަހަރުގައެވެ.
· އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ޝަހީދުކުރެވުނީ ހިޖްރައިން 23 ވަނަ އަހަރުގެ ތެރޭގައެވެ.