ނަމާދުކުރުމަށް އިސްކަންދޭ، އަދި ލޯބިކުރާ މީހަކަށް ވެވޭނީ ބަންގީގެ މާނަ އެނގި ވިސްނާ މީހަކަށް ވެވިގެން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
ނަމާދުކުރުމަށް އިސްކަންދޭ، އަދި ލޯބިކުރާ މީހަކަށް ވެވޭނީ ބަންގީގެ މާނަ އެނގި ވިސްނާ މީހަކަށް ވެވިގެން!: މުފްތީ މެންކް

ބަންގީގެ އަޑަކީ މުސްލިމުންގެ ކަންފަތްތައް މެދުވެރިކޮށް ހިތަށް ފޮނުވައިލެވޭ ތޫނު ހަންޖަރެއް ފަދަ އެއްޗެކެވެ. ނަމަވެސް އެކަމުގެ ފައިދާ ކުރާނީ ލިބިގަންނަން މަސައްކަތްކުރާ މީހަކަށެވެ. ނޫންނަމަ އެއަޑު އިވުނަސް އެއްވެސް އަސަރެއް ނުކުރާނެއެވެ.  

ރިވެތި އަޑު މަޚްރަޖުން ބަންގިގޮވާއަޑު އިވުމުން މުސްލިމުން ވަރަށް އުފާވެއެވެ. ހިތަށް ފިނިކަން ލިބިގެންދެއެވެ. އުފާވެރިކަން އިޙްޞާޞްވެގެންދެއެވެ. އެންމެ ޚާއްޞަ ކަމަކީ މުސްލިމުން ނޫން މީހުންވެސް ބަންގީގެ އަޑުއިވުމުން ސަމާލުކަންދޭކަމެވެ. ގިނަ ބައަކު އެއަޑުއަހަން ބޭނުންވާ ކަމެވެ.  

ބަންގިއަށްފަހު ނަމާދުކުރަން ފެށުމުގެ ކުރިންވެސް ހަމަ އެކަލިމަތައް ތަކުރާރުކުރެވެއެވެ. މިބުނަނީ ޤަމަތް ދިނުމުގެ ވާހަކައެވެ. އެހެންކަމުން އެއިގެ މާނައާއިމެދު ގިނަ ބައަކު ސުވާލުކުރެއެވެ. "ﷲ އަކްބަރު" މުސްލިމުން މާނަކުރާނީ "އެންމެމަތިވެރިކަން ލިބިވޮޑިގެންވާ ނުވަތަ އެންމެ މަތިވެރި ﷲ" ގެ ގޮތުގައެވެ. ނަމަވެސް ޢަރަބި ބަހުގެ މާނައަށް ބަލައިފިނަމަ އެބުނެވެނީ "މަތިވެރި ނުވަތަ ނުވަތަ މަތިވެރިކަން ލިބިވޮޑިގެންވާ ﷲ" އެވެ.  

ދެން ބަލައިލަންވީ "ކޮންކަމަކަށްވުރެ، ނުވަތަ ކޮން އެއްޗަކަށްވުރެ" ތޯއެވެ. އެގޮތުން ބަލައިފިނަމަ ޖަވާބަކީ "ހުރިހާ ކަމަކަށްވުރެ ނުވަތަ ހުރިހާ އެއްޗަކަށްވުރެ" އެވެ. ތިމާ އާއި ތިމާކުރަން އުޅޭ ހުރިހާ ކަމަކާއި ތިމާގެ ވަޒީފާއާއި ވުތަފާރިއާއި ގެދޮރާއި މުދަލާއި މިހެންގޮސް ހުރިހައި ކަންކަމާއި އެއްޗަކަށްވުރެއެވެ.  

އެހެންކަމަށްވާއިރު ޢަމަލުކުރަންޖެހޭނެ ގޮތަކީ ކޮބައިހެއްޔެވެ؟ ސުވާލުގެ ޖަވާބަކީ ނަމާދުގެ ވަޤުތު ޖެހުމުން ނަމާދުކުރުމަށްވުރެ މުހިންމު އެއްވެސް ކަމެއް ނެތެވެ. ކުރަންހުރި ހުރިހާ ކަންކަން ބަހައްޓާފައި ނަމާދުކުރަންވީއެވެ. ނަމާދުގެ ފަހަތަށް އެހެން ހުރިހާ ކަމެއް ޖައްސަންވީއެވެ.  

ބަންގީގައި ދެން މިބުނެވެނީ ﷲ ތަޢާލާ ފިޔަވައި ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވާކަމާއި ރަސޫލް ގެ ރަސޫލުކަން ޤަބޫލުކުރާކަމަށެވެ. އެއަށްފަހު މިބުނެވެނީ ނަމާދުކުރަން އަންނާށެވެ. ކީއްކުރަންހެއްޔެވެ؟ ކާމިޔާބާއި ފަލާޙް ލިބިގަތުމަށެވެ.  

ދެން ޖުމުލަކޮށްލާފައި ބުނާނަމަ ބުނަން އޮތީ އެންމެހައި މަތިވެރިކަމެއް ލިބިވޮޑިގެންވާ ﷲ ތަޢާލާގެ ޙަޟްރަތަށް އައިސް ނަމާދުކުރާށެވެ. ކުރަން ތިއައުޅޭ ނުވަތަ ކުރަންހުރި ކަންކަމަށް ކާމިޔާބުލިބުންވަނީ އެއިރުންނެވެ.  

މީސްތަކުންނޭވެ! ފައިސާ އާއި ވަސީލަތްތައް ލިބިފައިވީނަމަވެސް ދުނިޔޭގެ އެންމެންގެ ރުހުން ލިބިފައިވީނަމަވެސް އެއްވެސް ކަމެއް ކާމިޔާބުކުރެވޭނީ އެކަމަކަށް ﷲ ތައާލާގެ ރުހިވޮޑިގަތުން ލިބިގެންނެވެ. އެކަން ޙާޞިލުކުރެވެން މިއޮތީ ނަމާދުކުރުމުންނެވެ.  

ބައެއް މީހުންގެ ހިތުގައި ސުވާލު އުފެދިދާނެއެވެ. "އަހުރެން ނަމާދުކުރަމެވެ. އެކަމކު އަހުރެންނަކަށް އެއްވެސް ކަމެއް ކަމެއް ކާމިޔާބެއް ނުވެއެވެ." މިގޮތަށް އެ ވިސްނެނީ ދުނިޔެއާއިމެދު އެކަނި ވިސްނޭތީއެވެ. ޙަޤީޤީ ކާމިޔާބީއަކީ ދުނިޔޭގެ ކާމިޔާބީއަށްވުރެ ބޮޑަށް އާޚިރަތް ދުވަހުގެ ކާމިޔާބީއެވެ.  

ޔަޤީންކުރާށެވެ! ނަމާދުކުރުމުން ޔަޤީންކުރެވިގެންދާ ކާމިޔާބީއަކީ ތަޤްވާވެރިކަމާއި ސުވަރުގެއެވެ. އިން ޝާ ﷲ. އެއަށްވުރެ ބޮޑު ކާމިޔާބީއެއް ނެތެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން