ރަމަޟާން މަސް ފެށިގެން ކުރިއަށްދަނީ އެވެ. ކޮންމެ މީހަކުވެސް ހުންނާނީ އެމީހެއްގެ ފެންވަރުން ވީހާރަނގަޅަކަށް ކައިބޮއިހަދައިގެންނެވެ. އަދި އެމީހެއްގެ ކައިރީގައި ތިބި ދަރިންނަށްވެސް ވީހާ ރަނގަޅަކަށް ކާންބޯންދޭނެއެވެ.
އެހެންކަމާއިއެކުވެސް ގިނަބައަކަށް އިހްމާލުވެވޭ ކަމެއް އޮވެއެވެ. އެއީ ދުރުގައި ތިބި ދަރިންގެ ޙާލުބެލުމެވެ. މިބުނަނީ ކައިވެނި ރޫޅި ދެމަފިރިން ވަކިވުމުން މައިމީހާއެކަނި ބަލަމުން ގެންދާ ދަރިންގެ ވާހަކައެވެ.
ބައެއް ފިރިން ވިސްނަނީ މަހުން މަހަށް ދޭ ޚަރަދު ދިނުމުން ނިމުނީ ކަމަށެވެ. އެގޮތަށް ނިމުނު ކަމަށް ބަލަންވާނީ ހުސްނުވާނެ ވަރަށް ދެވޭނަމައެވެ. އެހެން ނޫންނަމަ އެވަރުން ނިންމާލަން ހެޔޮނުވާނެއެވެ.
ދެން ބުނެލަން އޮތީ އެންމެ ބޮޑަށް އިހްމާލުވާ ފިރިންގެ ވާހަކައެވެ. އެމީހުންނަކީ ދަރިންނަށް އެއްވެސް ޚަރަދެއްކުރާ ބައެއް ނޫނެވެ. ވަރިކުރުމަށްފަހު އަނބިމީހާގެ ކަންކަން ނިންމައިލިފަދައިން ދަރިންގެ ކަންތައްވެސް އެމީހުން ތިބެނީ ނިންމާލައިގެންނެވެ. މިހުރީ މީހަކަށް ކުރެވޭނެ އެންމެ ނުބައި ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެފަދަ މީހުން ހިމެނޭނީ އެންމެ ބޮޑެތި އަނިޔާވެރިންގެ ތެރޭގައެވެ.
ލޮބުވެތި ބައްޕައިންނޭވެ! ފަރުޟް ރޯދަ ތިއަ ހިފަނީ ﷲ ތަޢާލާއަށް ބިރުވެތީއެވެ. ތިމާ ޚަރަދުކުރަންޖެހޭ މީހުންނަށް ޚަރަދުނުކުރުމަކީވެސް ހަަމ ބިރުވެތިވާންޖެހޭނެ ކަމެކެވެ. އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމެކެވެ. ވީމާ ދުރުގައި ތިބި ދަރިންގެވެސް ޙާލުބަލާށެވެ! ގާތުގައި ތިބި ދަރިންނަށް އަޅައިލާވަރަށް އެދަރިންނަށްވެސް އަޅައިލާށެވެ! ތަނަވަސްކަން ހުރިވަރަކުން އެހީތެރިވާށެވެ! އެއީ ތިމާ ހިފާ ރޯދައިގައިވެސް ބަރަކާތް ލައްވަވާނެ ކަމެކެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން